01 މާޗް 2022 - 20:39

މޮސްކޯ (މާޗް 1) - ޔުކްރޭނުވެ ވެރިރަށް ކިއޭވްގެ އެކި އަމާޒުތަކަށް ހަމަލާ ދޭނެކަމުގެ އިންޒާރު ރަޝިޔާ އިން މިއަދު ދީފި އެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ތައްޔާރުވަމުން ދަނީ ޔުކްރޭނިއަން ސެކިއުރިޓީ ސާވިސް އާއި އެހެނިހެން ޓެކްނޮލޮޖީ ސެންޓަރުތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ކަމަށެވެ. އެހެންވެ އެ ސަރަހައްދުތަކާ ކައިރީގައި ދިރިއުޅޭ އާއްމުން އެހެން ހިސާބުތަކަށް ދިއުމަށް އިންޒާރު ދީފައިވެ އެވެ.
އޮފިޝަލުން ބުނަނީ ޔުކްރޭނުގެ ޓެކްނޮލޮޖީ ސެންޓަރުތަކަށް ރަޝިޔާ އިން ހަމަލާ ދޭން އުޅުމުގެ ބޭނުމަކީ ރަޝިޔާއާ ދެކޮޅު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ކަމަށެވެ.
ޔުކްރޭނާ ދެކޮޅަށް ރަޝިޔާ އިން ހަމަލާ ދޭތާ މިއަދަށް ހަ ދުވަސްވެފައިވާ އިރު އެ ގައުމުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ޚަރްކީވްގެ ސަރަހައްދީ ހެޑްކުއާޓަރަށް ރަޝިޔާ ސިފައިން މިއަދު ދިން މިސައިލް ހަމަލާއެއްގައި ވަނީ 10 މީހުން މަރުވެ 20 މީހުން ޒަޚަމްވެފަ އެވެ.
ޔުކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެފައި ވަނީ ރަޝިޔާ އިން ހިންގަނީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށާއި އާއްމުންނަށް އަމާޒުކޮށް ހަމަލާދޭތީ ރަޝިޔާގެ މައްޗަށް ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ދައުވާ ކުރެވޭނެ ކަމަށެވެ.
އިރު އުތުރުގެ ސިޓީއެއް ކަމަށްވާ އޮޚްޓީރްކާ އަށް ރަޝިޔާ ސިފައިން ދިން ހަމަލާތަކެއްގައި ޔުކްރޭން ސިފައިންގެ 70 މީހުން މަރުވެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.