20 ޑިސެމްބަރ 2016 - 08:57

ވޮޝިންޓަން (ޑިސެމްބަރު 20) - އެމެރިކާގެ ވެރިކަމަށް ވަޑައިގަތުމަށް ބޭނުންވާ އިލެކްޓޯރަލް ކޮލެޖް ވޯޓު ވެސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވާ ރައީސްގެ މަގާމު ރަސްމީ ކުރައްވައިފި އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވިތާ ހަ ހަފުތާ ފަހުން އިލެކްޓަރުންގެ މެދުގައި ބޭއްވި އިންތިޚާބުގައި ޓްރަމްޕް ވަނީ ވެރިކަމަށް ވަޑައިގަތުމަށް ބޭނުންވާ 270 އިލެކްޓާސް ވޯޓަށް ވުރެ އިތުރަށް ކާމިޔާބު ކުރައްވައިފަ އެވެ. ނޮވެމްބަރު މަހު 8 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އާއްމުންގެ ވޯޓުން ހިލަރީ ކްލިންޓަން ތިން މިލިއަން ވޯޓުން ކުރި ހޯއްދެވި ނަމަވެސް ޓްރަމްޕް ވަނީ ވާދަވެރި ސްޓޭޓްތައް ކާމިޔާބު ކުރައްވާ 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވައިފަ އެވެ. ހިލަރީ އަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ވޯޓެވެ.

އިލެކްޓޯރަލް ވޯޓުގެ ކާމިޔާބީ އަށް ފަހު ޓްރަމްޕް ވަނީ އެމެރިކާގެ އެއްބައިވަންތަ ކަމަށް މަސައްކަތް ކުރައްވާ ހުރިހާ ރައްޔިތުންގެ ރައީސްއަަކަށް ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އެމެރިކާގެ ރައީސް ކަމަށް އަޅުގަނޑު އިންތިހާބު ކުރުމަށް ދެއްވި ތާއީދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ތާރީހީ ފިޔަވަޅާ އެކު ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް. ގައުމުގެ ހެވަށް އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން،" ކޮލެޖް ވޯޓުގެ ކާމިޔާބީ އަށް ފަހު ޓްރަމްޕް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ޓްރަމްޕަށް ވޯޓު ނުދިނުމަށް އެންމެ ފަހު ވަގުތު ވަނީ އިލެކްޓާސް އަށް އިންޒާރުގެ އެތައް ހާސް ފޯނު ކޯލަކާއި މެއިލެއް ފޮނުވައިފަ އެވެ. ރިޕަބްލިކަން އިލެކްޓަރުން ޓްރަމްޕަށް ވޯޓު ނުދިނުމަށް އެތައް މިލިއަން ބަޔަކު ވަނީ އޮންލައިން ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފަ އެވެ. އަދި ސްޓޭޓްތަކުގައި ކޮލެޖް ވޯޓުގައި އިލެކްޓަރުން ސޮއި ކުރަމުން ދިޔަ އިރު އެތައް ބަޔަކު ވަނީ ޓްރަމްޕާ ދެކޮޅަށް ނުރުހުން ފާޅުކޮށްފަ އެވެ.
ޓެކްސަސްގެ ދެ އިލެކްޓަރަކު ޓްރަމްޕަށް ވޯޓެއް ނުދެ އެވެ. ޑިމޮކްރެޓިކް ހަތަރު އިލެކްޓަރަކު ހިލަރީ ނޫން ކެންޑިޑޭޓަކަށް ވޯޓު ދީފައިވާ ކަމަށް ވެސް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވެ އެވެ. ކޮލެޖް ވޯޓުގެ ނަތީޖާ ރަސްމީކޮށް އިއުލާން ކުރާނީ ޖެނުއަރީ 6 ވަނަ ދުވަހު ކޮންގްރެސްގެ ބައްދަލުވުމަކަށް ފަހު އެވެ.
އެމެރިކާގެ އިންތިހާބުގައި ރައީސަކު ހޮވުމަށް ވޯޓު ދިން ނަމަވެސް ހަގީގަތުގައި ވޯޓު ދެނީ އިލެކްޓާސް ހޮވުމަށެވެ. ސްޓޭޓްތަކުގެ އަޣުލަބިއްޔަތު ވޯޓު ހޯދާ ކެނޑިޑޭޓަކަށް އެ ސްޓޭޓެއްގެ އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބޭނެ އެވެ. ކޮލެޖް ވޯޓު ކަނޑައަޅާފައި ވަނީ ކޮންގްރެސްގެ މެންބަރުންގެ އަދަދަށެވެ. އެއީ 538 އެވެ. ވެރިކަމަށް ވަޑައިގަތުމަށް މަދުވެގެން 270 ކޮލެޖް ވޯޓު ބޭނުންވެ އެވެ. އެއީ ކޮލެޖް ވޯޓުގެ ދެބައިކުޅަ އެއްބަޔާއި އިތުރަށް އެއް ވޯޓެވެ. ޓްރަމްޕް 306 ކޮލެޖް ވޯޓު ހޯއްދެވީ 30 ސްޓޭޓުންނެވެ.
އެމެރިކާގެ ގާނޫނު އޮންނަ ގޮތުން ރައީސް އާއި ނައިބް ރައީސް މަގާމާ ހަވާލުވެވަޑައިގަންނަވާނީ އިލެކްޓަރުންގެ ރަސްމީ ވޯޓަށް ފަހު އެވެ. ޓްރަމްޕް ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ ޖެނުއަރީ 20 ގަ އެވެ.