02 މާޗް 2022 - 07:16

ޓިކްޓޮކްގައި މަޝްހޫރުވި "ކައްޗާ ބަދާމް" ލަވައިން ގިނަ ބަޔަކަށް އެނގުނު އިންޑިއާގެ ބެންގޯލްގައި ބަދަނުގެ ވިޔަފާރީކުރާ މީހާ، އެކްސިޑެންޓުވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިއްޖެ އެވެ.
ބުބަން ބަޑޭކަރު ކިޔާ 50 އަހަރުގެ އެ މީހާ އަކީ ބަދަން ވިއްކައިގެން އޭނާގެ އާއިލާގެ 10 މެމްބަރުންގެ ކަންކަން ބަލަހައްޓަމުން އައި، ވަރަށް ހާލުގައި އުޅުނު މީހެކެވެ.
އިއްޔެ އޭނާ ދިރިއުޅެމުން އަންނަ ވެސްޓް ބެންގަލްގައި އެ އެކްސިޑެންޓު ހިނގީ އޭނާ ދުއްވާފައި ދިޔަ ވެހިކަލް ފާރަކަށް އަރައިގެންނެވެ.
އެ އެކްސިޑެންޓްގައި އެކި ވަރުގެ ޒަހަމްތައް ލިބި އޭނާ ހޮސްޕިޓަލުގައި ފަރުވާ ހޯދި އެވެ. މާ ސީރިއަސް އަނިޔާތަކެއް ނުލިބޭއިރު، ފަރުވާދިނުމަށް ފަހު މިހާރު އޭނާ ވަނީ ގެއަށް ދޫކޮށްލައިފަ އެވެ.
އޭނާ ކިޔާފައިވާ "ކައްޗާ ބަދާމް" ލަވަ ސޯޝަލް މީޑިއާގައި ވައިރަލްވެ ގިނަ ފުރުސަތުތަކެއް ލިބުނެވެ.
މީގެ ތިން މަސް ދުވަސް ކުރިން ބަދަން ވިއްކައިގެން ކިރިޔަކިރިޔާ އާއިލާގެ ހަރަދުތައް އޭނާއަށް ބެލެހެއްޓުނަސް ގިނަ ފުރުސަތުތަކެއް ފަހިވެ، ބަދަން ވިއްކުން ވެސް އޭނާ މިހާރު ވަނީ ހުއްޓާލައިފި އެވެ. މިއުޒިކް އުފައްދާ ކުންފުންޏަކުން އޭނާގެ "ކައްޗާ ބަދާމް" ލަވައިގެ ރޯޔަލްޓީ ގަނެ، 1.5 ލައްކަ ރުޕީސް ވެސް ދީފައިވެ އެވެ.
އުމުރު އެހާ މަތިވެފައި ވަނިކޮށް، އެހާ ބޮޑު މަޝްހޫރުކަމެއް ލިބުމުން ހައިރާންވެފައި ހުރި އެ މީހާ ވަނީ މިފަހުން ބެންގޯލްއެއް އެންމެ މަޝްހޫރު ރިއަލިޓީ ޝޯ "ދާދާގިރީ އަންލިމިޓެޑް" އަށް ވެސް ގޮސްފަ އެވެ. ބެންގޯލްގެ އާޓިސްޓުންތަކެއް ވަނީ އޭނާއާ އެކު އެ ލަވައިގެ ރިމިކްސް ވީޑިއޯއެއް ވެސް ހަދައިފަ އެވެ. އެ ލަވަ އަށް ވަނީ ޔޫޓިއުބްގައި 53 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.