01 މާޗް 2022 - 12:31

ރަޝިޔާ ސިފައިންގެ ބިޔަ ފައުޖެއް ޔޫކްރޭންގެ ވެރިރަށް ކިޔޭވްއާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނެފި އެވެ.
ޖައްވީ ޓެކްނޮލޮޖީއާ ބެހޭ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ މެކްސާ ޓެކްނޮލޮޖީޒް އިން އާންމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި، ޔޫކްރޭންގެ މަގުތަކުން މިހާރު ދަތުރުކުރަމުންދާ، ރަޝިޔާގެ އަސްކަރީ ފައުޖު 64 ކިލޯމީޓަރުގެ ދިގު ސަރަހައްދަކަށް އޮތީ ދެމިފަ އެވެ. މި ފައުޖުގައި ގިނަ އަދަދެއްގެ ޓޭންކާއި ބަރު ހަތިޔާރުގެ އިތުރުން މީހުން ދަތުރުކުރާ އުޅަނދުތައް ވެސް ހިމެނެ އެވެ.
އެމެރިކާ އިން ބުނި ގޮތުގައި ރަޝިޔާ ސިފައިންގެ ހަރަކާތްތައް ހުރި ގޮތަށް ބަލާއިރު، ޔޫކްރޭން ހަނގުރާމަ އަވަހަށް ހުއްޓައިލުމުގެ ވިސްނުމެއް ރަޝިޔަގެ ރައީސް ލަޑިމިއާ ޕުޓިން ނުގެންގުޅުއްވަ އެވެ. އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ރަޝިޔާ ސިފައިން މިހާރު މިސްރާބު ޖަހާފައިވަނީ، ކިޔޭވް ވަށައިގެން ބައްދާލައި ހިސޯރު ކުރުމަށެވެ. އެއަށް ފަހު ޔޫކްރޭންގެ ބޮޑެތި ސަހަރުތައް ހިފުމަށް ވެސް ރަޝިޔާ ސިފައިން މަސައްކަތް ކުރާނެ އެވެ.
ރަޝިޔާ ސިފައިންގެ ފައުޖު ކިޔޭވްގެ ތެރެއިން މިހާރު ދަތުރުކުރަމުންދާ މަގުތަކަކީ، ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ސަރަހައްދެކެވެ. އެއީ މިދިޔަ ފަސް ދުވަހު ކުރި ވަރުގަދަ ހަނގުރާމައިގައި ރަޝިޔާ ސިފައިން ހިފާފައިވާ ސަރަހައްދުތަކެކެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ސަރަހައްދުތަކުގެ ގިނަ ގެތަކެއްގައި ވަނީ އަލިފާން ރޯވެފަ އެވެ. ބައެއް ގެތަކުން ވަރަށް އޮލަކޮށް ދުން އަރާ މަންޒަރު ވެސް ފެނެ އެވެ.
މީގެ އިތުރުން ބެލަރޫސް އާއި ޔޫކްރޭން ގުޅިފައިވާ ސަރަހައްދީ ރޮނގު ކައިރީގައި ވެސް ރަޝިޔާގެ އެއްގަމު ސިފައިންގެ ބޮޑު ލަޝްކަރަކާއި ގިނަ އަދަދެއްގެ ބަރު ހަތިޔާރު މިހާރު އެބަ ހުއްޓެވެ. އޭގެ ތެރޭގައި ބިންމަތީގެ އަމާޒުތަކަށް ހަމަލާ ދޭ ހެލިކޮޕްޓަރުތައް ވެސް ގިނަ އަދަދަކަށް ހުރި ކަން ސެޓެލައިޓް ފޮޓޯތަކުން އެނގެ އެވެ.
ކިޔޭވް ހިފުމަށް މިހާރު ދަތުރުކުރާ ރަޝިޔާ ސިފައިންގެ ބިޔަ ފައުޖު ޔޫކްރޭންގެ ތެރެއަށް ވަދެފައިވަނީ ބެލަރޫސްގެ ތެރެއިންނެވެ. ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ އެއް މަސް ކުރިން، ރަޝިޔާ އިން ވަނީ ގިނަ އަދަދެއްގެ ސިފައިންނާއި ބަރު ހަތިޔާރު ބެލަރޫސް އަށް ޖަމާކޮށްފަ އެވެ. އަދި ހަނގުރާމަ ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ރަޝިޔާ ސިފައިންނާއި ބެލަރޫސް ސިފައިން ގުޅިގެން ވަނީ އަސްކަރީ ތަމްރީންތަކެއް ވެސް ބާއްވައިފަ އެވެ.
މިހާރު ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގައި ބެލަރޫސްގެ ތެރެއިން ބައިވެރިވަމުން ދަނީ، އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުމުގެ ނަމުގައި ރަޝިޔާ އިން ބެލަރޫސް އަށް ފޮނުވި ސިފައިންނެވެ.
ރަޝިޔާގެ އަސްކަރީ ބޮޑު ފައުޖެއް ކިޔޭވް ހިފުމަށް މިސްރާބު މި ޖެހީ، ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ރަޝިޔާގެ ވަފުދަކާއި ޔޫކްރޭންގެ ވަފުދަކާ ދެމެދު، ބެލަރޫސްގައި އިއްޔެ މަޝްވަރާތަކެއް ބޭއްވުމަށް ފަހު އެވެ. އެ މަޝްވަރާތައް މެދުކަނޑައިލީ ދެ ފަރާތުގެ ވަފްދުން ދެއްކި ވާހަކަތައް، ދެ ގައުމުގެ ސަރުކާރަށް ހުށަހަޅައި، އިތުރަށް މަޝްވަރާކުރުމާ މެދު ގޮތެއް ނިންމުމަށެވެ.