ކަޅު ކަނޑަށް މަނަވަރުތައް ފޮނުވުން ތުރުކީން މަނާކޮށްފި
ކަޅު ކަނޑަށް މަނަވަރުތައް ފޮނުވުން ތުރުކީން މަނާކޮށްފި

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން، ބޮސްފަރަސް ކަނޑުއޮޅި އާއި ދަރްދުނީލް ކަނޑުއޮޅި ހުރަސްކޮށް އެއްވެސް މަނަވަރެއް ދަތުރުކުރުން، ތުރުކީ ވިލާތުން އިއްޔެ މަނާކޮށްފި އެވެ.

ތުރުކީ ވިލާތުން މި ފިޔަވަޅު އެޅީ، އެ ގައުމުގެ އިމުގެ ތެރޭގައި އޮންނަ ބޮސްފަރަސް ކަނޑުއޮޅި އާއި ދަރްދުނީލް ކަނޑުއޮޅި ކޮންޓްރޯލްކޮށް ބަލަހައްޓާނެ ގައުމެއް ކަނޑައެޅުމަށް، 1936 ވަނަ އަހަރު އެކުލަވައިލި މޮންޓްރިއޯ މުއާހަދާގެ ދަށުންނެވެ. މި މުއާހަދާ އިން އެ ބާރު ދީފައި އޮތީ ތުރުކީ ވިލާތަށެވެ.

މި ދެ ކަނޑުއޮޅިއަކީ، ކަޅު ކަނޑާއި މެޑިޓްރޭނިއަން ކަނޑު ގުޅުވައިދޭ ދެ ކަނޑުއޮޅި އެވެ. މިހާރު ޔޫކްރޭންގައި ކުރިއަށް ދަނީ ހަނގުރާމައެއް ކަމަށް ކަނޑައަޅައި، ތުރުކީ ވިލާތުން މި ނިންމި ނިންމުމުގެ ސަބަބުން، ކަޅުގަނޑުގެ އައްސޭރިއާ ގުޅިފައިވާ ގައުމުތައް ފިޔަވައި، އެހެން އެއްވެސް ގައުމެއްގެ އަސްކަރީ ކަނޑު އުޅަނދެއް މި ދުވަސްވަރު އެ ދެ ކަނޑުއޮޅިން ދަތުރުކުރުން މަނާވާނެ އެވެ.

ތުރުކީ ވިލާތުން މި ފިޔަވަޅު އެޅީ، މޮންޓްރިއޯ މުއާހަދާގެ ދަށުން، އެ ދެ ކަނޑުއޮޅި ބަންދުކޮށްދީ، މެޑިޓްރޭނިއަން ކަނޑުގައި އޮންނަ ރަޝިޔާ ލަޝްކަރުގެ މަނަވަރުތައް ކަޅު ކަނޑުގެ ތެރެއަށް ވަނުން ހުއްޓުވައިދިނުމަށް، ޔޫކްރޭން ސަރުކާރުން ތުރުކީ ވިލާތުގައި އެދުމާ ގުޅިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ ފެށިއިރު ކަނޑު މަގުން ހަމަލާތައް ދިނީ، މެޑިޓްރޭނިއަން ކަނޑުގައި އޮންނަ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގައި ހިމެނޭ ބައެއް މަނަވަރުތައް، އެ ދެ ކަނޑުއޮޅި ހުރަސްކޮށް ކަޅު ކަނޑުގެ ތެރެއަށް ވަދެގެންނެވެ.

ދެ ކަނޑުއޮޅި ހުރަސްކޮށް މަނަވަރުތައް ދަތުރުކުރުން މަނާކުރި ކަން، ތުރުކީ ވިލާތުން އިއްޔެ ވަނީ ކަޅު ކަނޑާ ގުޅިފައިވާ ގައުމުތަކަށާއި އެ ނޫން ގައުމުތަކަށް ވެސް އަންގައިފަ އެވެ. ހަނގުރާމައިގެ ހާލަތެއް މެދުވެރިވެފައިވާ ނަމަ، އެ ދެ ކަނޑުއޮޅިން މަނަވަރުފަހަރު ދަތުރުކުރުން މަނާކުރުމުގެ ބާރު، މޮންޓްރިއޯ މުއާހަދާ އިން ތުރުކީ ވިލާތަށް ލިބެ އެވެ.

މަނަވަރުފަހަރަށް އެ ދެ ކަނޑުއޮޅި ބަންދުކުރުމުން، މިހާރު ކުރަމުންދާ ޔޫކްރޭން ހަނގުރާމަ އަށް ފޯރާނީ ކޮން ކަހަލަ އަސަރެއް ކަމެއް އަދި ނޭނގެ އެވެ. އެ ދެ ކަނޑުއޮޅި ހުރަސްކުރުން މަނާކުރިޔަސް، ކަޅު ކަނޑުގެ އައްސޭރީގައި ރަޝިޔާގެ މަނަވަރުތައް މިހާރު ވެސް އެބަ ހަރަކާތްތެރިވެ އެވެ. ތުރުކީގެ މި ނިންމުމުގެ ސަބަބުން ކުރިމަތިވާނެ ހުރަހަކީ، މެޑިޓްރޭނިއަން ކަނޑުގެ ތެރެއިން ކަޅު ކަނޑުގެ ތެރެއަށް ރަޝިޔާގެ މަނަވަރުތައް ވަނުމެވެ.

ތުރުކީ ވިލާތުގެ މި ނިންމުމުން ވަކި ގައުމެއް އިސްތިސްނާ ކޮށްފައި ނުވާތީ، ވިލާތުގެ އިއްތިހާދާއި ނޭޓޯގެ އެއްވެސް ގައުމެއްގެ މަނަވަރެއް ވެސް އެ ދެ ކަނޑުއޮޅި ހުރަސްކޮށް ކަޅު ކަނޑުގެ ތެރެއަށް ވަނުން މަނާވާނެ އެވެ.

ދެ ކަނޑުއޮޅި ބަންދުކުރި ނަމަވެސް، ތުރުކީ ވިލާތުން އިއްޔެ ބުނި ގޮތުގައި ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ތުރުކީ ވިލާތުން ގެންގުޅޭ ރަހްމަތްތެރި ގުޅުމަށް ބަދަލެއް ނުގެންނާނެ އެވެ.

"އަހަރެމެންގެ ގައުމީ މަސްލަހަތު ދޫކޮށްލެވޭކަށް ނޯންނާނެ. ހަމައެފަދައިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ހަމަހަމަކަން ވެސް އިހުމާލުކޮށްލެވޭކަށް ނޯންނާނެ. އަހަރެމެން ބުނާނީ ޔޫކްރޭނާއި ރަޝިޔާއާ ވެސް އަހަރެމެން ގުޅުން ކަނޑައެއް ނުލާނަމޭ،" ތުރުކީ ވިލާތުގެ ހާރިޖީ ވަޒީރު މައުލޫދު ޖާވިޝް އޯގްލޫ ވިދާޅުވި އެވެ.