01 މާޗް 2022 - 12:14

މިފްކޯއިން މަސް ގަންނަ އަގު މިއަދުން ފެށިގެން 17ރ. އާ ހަމައަށް ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ބުނީ މިއަދުން ފެށިގެން މަސްވެރިން ބާނާ މަހުގެ ތެރެއިން 1.5 ކިލޯއިން މަތީގެ އައިސް އެޅި މަސް ގަންނާނީ ކިލޯއެއް 17ރ. އަށް ކަމަށެވެ. އަދި އެ ކެޓަގަރީގެ، އައިސް ނާޅާ މަސް ގަންނާނީ ކިލޯއެއް 15ރ. އަށެވެ.
މީގެ އިތުރުން 1.5 ކިލޯއިން ދަށުގެ، އައިސް އެޅި މަސް ކިލޯއެއް ނުވަ ރުފިޔާއަށް ގަންނަން ނިންމާފައިވާއިރު އެ ކެޓަގަރީގެ އައިސް ނާޅާ މަސް ގަންނަން ނިންމާފައިވަނީ ކިލޯއެއް ހަތް ރުފިޔާ އަށެވެ.
މި ބަދަލާ އެކު މިފްކޯއިން ވަނީ ކޮންމެ ބާވަތަކުން އެއް ރުފިޔާ ބޮޑުކޮށްފަ އެވެ.
މަސް ގަންނަ އަގާ ގުޅޭގޮތުން މިފްކޯގެ ޗެއާމަން އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފްކޯގެ ހިންގުން މިހާރު ހަރުދަނާކޮށް، ހަރަދުތައް ވެސް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ބޭރުގެ އިތުރު މާކެޓުތައް ހޯދައި މަސް ދަޅު ބޭރު ކުރެވޭ އަދަދު ވެސް އިތުރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.