އާމިރު ވަކިކުރީ ރަނގަޅަށް، އިންތިހާބަށް ރައީސްގެ ނުފޫޒެއް ނެތް: ރައީސް އޮފީސް
އާމިރު ވަކިކުރީ ރަނގަޅަށް، އިންތިހާބަށް ރައީސްގެ ނުފޫޒެއް ނެތް: ރައީސް އޮފީސް

ގާނޫނުއަސާސީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ބޭނުން ސިޔާސީ މަންފާއަށް ބޭނުންކުރައްވައި އެމްޑީޕީގެ ބައެއް މެމްބަރުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތު ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދުގެ ހިތްހަމަނުޖެހުން ރައީސަށް އަމާޒުކުރެއްވީ ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު އާމިރު އަހްމަދު މަގާމުން ވަކިކުރެއްވުމުންނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، ވަޒީފާ އިން ވަކިކުރީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަނަކަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ތާއީދުކުރައްވައި ފާޅުގައި ކެމްޕޭންގައި އުޅުއްވާތީ އެވެ.

ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރާ މާއްދާ ބޭނުންކުރައްވައި އެމްޑީޕީގެ މެމްބަރުން މަގާމުން ވަކިކުރައްވަނީ ނަމަ އެ މަނިކުފާނު ވެސް ވަކިކުރައްވަން ނަޝީދު ވަނީ ރައީސަށް އަމާޒުކުރެއްވި މެސެޖުގައި ދަންނަވައިފަ އެވެ.

ސިޔާސީ މަގާމެއްގައި ހުންނެވި އާމިރު ވަޒީފާ އިން ވަކިކުރަން ޖެހުނު ސަބަބު ދިފާއުކުރަމުން ރައީސް އޮފީހުން ބުނީ އޭނާއާ ގުޅޭ ގޮތުން މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމުގައި، ހިނގަމުންދާ އެމްޑީޕީގެ ކެމްޕޭނަކާ ގުޅުމެއް ނެތް ކަމަށް ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ މުވައްޒަފާ މެދު ސަރުކާރުން ފިޔަވަޅު އެޅީ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަނަކާއި ސިޓީތަކެއް ލިބުމުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެވެ. އޭނާ ވަކިކުރީ އެ މައްސަލަތަކާ ގުޅިގެން އަމަލުކުރަން އޮންނަ ގަވާއިދާއި އުސޫލްތަކުގެ ތެރެއިން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި އެ އިޝާރާތްކުރި ޕެޓިޝަންގައި އަދި އޭނާއާ ގުޅޭ ގޮތުން މައިގަނޑު ދެ މައްސަލައެއް ރައީސް އޮފީހަށް ހުށަހެޅި އެވެ.

އެއް ކަމަކީ އެމްޑީޕީގެ ސްލޮޓެއްގައި ސިޔާސީ މަގާމުގެ އިތުރުން ދުވާފަރު ދާއިރާގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނަވައި މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް އެންޓި ކެމްޕޭން ކުރުމެވެ. މިކަމުގައި ޕާޓީގެ ކެންޑިޑޭޓުންނާއި ސަޕޯޓަރުންގެ ނުރުހުން އަމާޒުވި އެވެ.

އަނެއް މައްސަލައަކަށް ހުށަހަޅާފައި އޮތީ ވަޒީފާގެ މަސްއޫލިއްޔަތާއި ޒިންމާ ފުރިހަމައަށް އަދާނުކުރުމެވެ. އޭނާއާ ދެކޮޅަށް ހެލްތު ސެންޓަރުގެ މުވައްޒަފުން ހިމެނޭ ގޮތުން ހުށަހެޅި ޝަކުވާގައި އޮތީ، ވަޒީފާ އަށް ނުނިކުމެ ފަރުވާ ކުޑަކުރުމާއި އެތަން ހިންގުން ދޯދިޔާވެ، ބޮޑެތި މައްސަލަތައް ފެންމަތިވެފައި ވަމުން ދިއުމެވެ.

އާމިރުން ގަވާއިދުން ހާޒިރުނުވާ ކަމަށް ސިއްހީ މަރުކަޒުގެ އިސް ބައެއް ބޭފުޅުން ވެސް ވިދާޅުވި އެވެ. އެ ތުހުމަތަށް އޭނާގެ ދެ އަހަރުގެ ހާޒިރީ ރިޕޯޓް ވެސް ރައީސް އޮފީހަށް ފޮނުވި އެވެ.

އާމިރާ ގުޅޭ ގޮތުން މިދިޔަ އެޕްރީލް މަހު ހެދި ޕެޓިޝަނާއި ޝަކުވާގެ ސިޓީތައް ރައީސް އޮފީހަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މަގާމުން ވަކިކުރިކަން އަންގަވައި ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ފޮނުއްވި ކަމަށް ސޯޝަލްމީޑިއާގައި ވެސް އާމިރު އާއްމުކުރި ސިޓީގައި އޮތީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. މަގާމުގައި ހުންނަވައި އޭނާ ކޮށްދެއްވި މަސައްކަތްތަކަށް ވެސް ސިޓީގައި ޝުކުރު އަދާކޮށްފައިވެ އެވެ.

އާމިރު ވަޒީފާ އިން ވަކިކުރުމަކީ އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޗެއާޕާސަންގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ މިންވަރެވެ. ބޭނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދާ އެކު ނުކުމެ ހުންނެވި ކެންޑިޑޭޓް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް އިންތިހާބު ކާމިޔާބުކޮށްދެއްވުން ކަމުގެ ތުހުމަތު އަޅުވަ އެވެ.

އެމްޑީޕީގެ ރައީސް ނަޝީދުގެ ތާއީދު އޮތް ކެންޑިޑޭޓަކީ، ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. އޭނާގެ ކެމްޕޭން ޓީމުގެ ފަރާތުން މިއަދު ވަނީ ސަރުކާރުން ނުފޫޒު ފޯރުވާ ކަމުގެ މައްސަލައެއް މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.

އެ މައްސަލަ ހުށަހެޅީ އިންތިހާބާ ގުޅިގެން ސަރުކާރުގެ ވަޒީފާތަކުން މީހުން ވަކިކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި މިއީ ސަރުކާރާ މެދު އިތުބާރު ގެއްލި ނަފްރަތު އުފެދޭނެ ކަމެއް ކަމަށް ބުނެ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އިންތިހާބަކަށް ނުފޫޒު ފޯރުވަން އެއްވެސް އަމަލެއް ނުހިންގާނެ އެވެ.

"އިންތިހާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުކުރާ އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން. އަދި އެ ފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުމެ ކުށްވެރިކުރާ މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންކަން،" ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި އިންތިހާބުތަކުގައި އެ މީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދުކުރުމާއި ވޯޓުލުމަކީ ކޮންމެ މީހަކަށް އޮތް ހައްގެކެވެ.

"އެ ހައްގަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް އަމަލެއް ދިމާވެފައިވާ ނަމަ ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅުމަށް އިލްތިމާސްކުރަން،" ރައީސް އޮފީހުން ބުންޏެވެ.