ޒަކާތު ފަންޑުން ފަގީރުންނަށް އެހީވާން ހާއްސަ ޕްރޮގްރާމެއް
ޒަކާތު ފަންޑުން ފަގީރުންނަށް އެހީވާން ހާއްސަ ޕްރޮގްރާމެއް

ޒަކާތު ފަންޑުގެ ދަށުން ފަގީރުންނަށް އެހީތެރިވުމަށް "ޒަކާތު ނަފާ"ގެ ނަމުގައި ޕްރޮގްރާމެއް ފަށަން އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

އެ ޕްރޮގްރާމްގެ ދަށުން ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ފަގީރުންނަށް ހިލޭ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެއީ ޒަކާތު ފަންޑުގެ ފައިދާ އެންމެ ހައްގު މީހުންނަށް ލިބިދިނުމަށާއި އެ މީހުންނަށް އާމްދަނީ ލިބޭ ގޮތްތައް ހޯދައިދިނުމަށް މަގުފަހިކޮށްދީ، ފުދުންތެރި މުޖުތަމައެއް ބިނާކުރުމަށް ފަށާ ޕްރޮގްރާމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ދަށުން ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށް، އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ގެދޮރުން އާމްދަނީ ހޯދުމަށާއި ޕޯލްޓްރީ ފާމިން އާއި ހައިޑްރޯފޯނިކްސް ދަނޑުވެރިކަމާއި ފަރުމަސްވެރިކަމާއި ފެހުމާއި އޮން ދަ ޖޮބް ޓްރެއިނިން އާއި އެޕްރެންޓިސްޝިޕް ފުރުސަތުތަށް ވެސް އެ ޕްރޮގްރާމްގައި ފަހިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

"ޒަކާތު ނަފާ" ހިންގަން އެ މިނިސްޓްރީން ނިންމާފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން މި އަހަރު ފުރުސަތުތައް ހުޅުވާނެ އެވެ.