ސުލްހަ އަށް ފުރުސަތު ދިނުމަށް ޝާހިދު ގޮވާލައްވައިފި
ސުލްހަ އަށް ފުރުސަތު ދިނުމަށް ޝާހިދު ގޮވާލައްވައިފި

ރަޝިޔާ އިން ޔުކްރޭނަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ފަހު "ސުލްހަ އަށް ފުރުސަތު ދީ" ދެ ފަރާތުން މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް އދ.ގެ ޖެނެރަލް އެސެމްބްލީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.

ޔުކްރޭން މައްސަލައާ ގުޅޭ ގޮތުން ބޭއްވި ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ވެސް ތަގްރީރު ކުރެއްވި، ރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަގާމުގައި ވެސް ހުންނެވި ޝާހިދު ވިދާޅުވީ ދެ ފަރާތުގެ ހަމަލާތަކުގެ މެދުގައި ތާށިވެފައިވާ އަންހެނުންނާއި ކުޑަ ކުދިން އަދި ފިރިހެނުންގެ ހައްގުގައި ވެސް ހަމަލާތައް ހުއްޓާލައި މަޝްރަހު ފިނިކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޑްރާފްޓް ކުރި އދ.ގެ ޗާޓަރުގެ މައިގަނޑު އަސާސަކީ އަމިއްލަ މިނިވަންކަމާއި ހަމަހަމަކަން. މެންބަރު ގައުމުތަކުގެ މެދުގައި ޖެހޭ މައްސަލަތައް ހައްލު ކުރަން ޖެހޭނީ ބިރާއި ބާރުގެ ބޭނުން ކުރުމުގެ ބަދަލުގައި ސުލްހަވެރި ގޮތުގައި،" 193 މެންބަރު ގައުމު ހިމެނޭ ޖަމާއަތުގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވި އެވެ.

މިހާރު ގުނަމުން މިދަނީ އދ. އުފެދުނުތާ 76 އަހަރުކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އެ ޖަމާއަތް އުފެއްދީ ވެސް ބައިނަލްއަގުވާމީ ސުލްހަ އާއި ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި ކަމަށެވެ.

ޝާހިދު ވިދާޅުވީ 1946 ވަނަ އަހަރު އުފެއްދި ލީގު އޮފް ނޭޝަންސް އުވާލަން ޖެހުނީ ވެސް ބައިނަލްއަގުވާމީ ސުލްހަ އާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ފެއިލްވެގެން ކަމަށެވެ.

މިއީ ޖެނެރަލް އެސެމްބްލީގެ އިމަޖެންސީ ޚާއްސަ ބައްދަލުވުމެއް އެންމެ ފުރަތަމަ 1956 ވަނަ އަހަރު ބޭއްވި ފަހުން ބޭއްވި 11 ވަނަ އިމަޖެންސީ ބައްދަލުވުމެވެ. ޖެނެރަލް އެސެމްބްލީގެ ރައީސް އާއި ސެކްރެޓަރީ ޖެނެރަލްގެ ތަގްރީރުން ފެށި ބައްދަލުވުމުގެ ކުރިއަށް ހުރި ސެޝަންތަކުގައި މެންބަރު ގައުމުތަކުން ވާހަކަ ދައްކާނެ އެވެ. ޑިޕްލޮމެޓުން އުއްމީދު ކުރަނީ ޑްރާފްޓް ގަރާރަކަށް ބުދަ ދުވަހު ވޯޓަށް އެހޭނެ ކަމަށެވެ.

ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމަކަށް ސަލާމަތީ މަޖިލީހުން ގޮވާލީ ހުކުރު ދުވަހު ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށް އެމެރިކާ އިން ހުށަހެޅި ގަރާރު ރަޝިޔާ އިން ވީޓޯ ކުރުމުންނެވެ. ރަޝިޔާ އަކީ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެންބަރު ގައުމުގެ ތެރޭން ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ފަސް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ސަލާމަތީ މަޖިލީހާ ޚިލާފަށް ޖެނެރަލް އެސެމްބްލީގެ ޗެމްބަރުގައި ވީޓޯ ކުރުމުގެ ބާރެއް އެއްވެސް ގައުމަކަށް ލިބިފައެއް ނުވެ އެވެ. އެހެންވެ ޖެނެރަލް އެސެމްބްލީގެ ގަރާރު ފާސްވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެއީ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ޚިލާފަށް އަމަލުކުރުން ލާޒިމް އެއްޗެއް ނޫނެވެ.