އީޔޫގެ މެމްބަރުކަން ވަގުތުން ޔޫކްރޭނަށް ދިނުމަށް ގޮވާލައިފި
އީޔޫގެ މެމްބަރުކަން ވަގުތުން ޔޫކްރޭނަށް ދިނުމަށް ގޮވާލައިފި

ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން މިހާރުން މިހާރަށް ޔޫކްރޭނަށް ދިނުމަށް، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިލާތުގެ އިއްތިހާދަށް މިއަދު ގޮވާލައްވައިފި އެވެ.

އީޔޫގެ މެމްބަރުކަން ވަގުތުން ޔޫކްރޭނަށް ދިނުމަށް ގޮވާލައިފި
އީޔޫގެ މެމްބަރުކަން ވަގުތުން ޔޫކްރޭނަށް ދިނުމަށް ގޮވާލައިފި

ގައުމާ މުހާތަބު ކުރައްވައި ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ޒެލެންސްކީ ވިދާޅުވީ، ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދިނުމަށް ކަނޑައެޅިފައި އޮންނަ އިޖުރާއާތުގެ ބޭރުން، ހާއްސަ އިޖުރާއާތެއްގެ ތެރެއިން ވިޔަސް، މިހާރުން މިހާރަށް ޔޫކްރޭނަށް މެމްބަރުކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަހަރެމެންގެ އަމާޒަކީ ޔޫރަޕްގެ ހުރިހާ ގައުމުތަކާ އެކުގައި އުޅުން. އަދި ވަކިން ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކާ ފައިހަމަވާނެ ގޮތަކަށް ޔޫކްރޭން ވެސް ކުރިއަށް ދިއުން. އަހަންނަށް ހަމަ ޔަގީން އެއީ އިންސާފުވެރި ގޮތެއް ކަން. އަދި އެއީ ކުރެވިދާނެ ކަމެއްކަން ވެސް އަހަރެންނަށް ހަމަ ކަށަވަރު،" ޒެލެންސްކީ ވިދާޅުވި އެވެ.

ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ހޯދުމަށް އެދިވަޑައިގެން، ރައީސް ޒެލެންސްކީ މިއަދު ވަނީ ރަސްމީ ގަރާރެއްގައި ސޮއިކުރައްވައިފަ އެވެ. އެ ގަރާރު މާދަމާ ރަސްމީކޮށް ވިލާތުގެ އިއްތިހާދަށް ހުށަހަޅާނެ އެވެ.

ވިލާތުގެ އިއްތިހާދުގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވި ގޮތުގައި ޔޫކްރޭންގެ މައްސަލައިގައި މަޝްވަރާ ކުރުމަށް، އެ އިއްތިހާދުގެ ވެރިންގެ ނުރަސްމީ ބައްދަލުވުމެއް މިފެށޭ މާޗު މަހުގެ 11 ވަނަ ދުވަހު ބާއްވާނެ އެވެ. ޔޫކްރޭންގެ އެދުމާ އެއްގޮތަށް މިހާރުގެ ހާލަތުގައި ޔޫކްރޭނަށް އީޔޫގެ މެންބަރުކަން ދިނުމާ ބެހޭ ގޮތުން، އެ ބައްދަލުވުމުގައި ގައުމުތަކުގެ ވެރިން މަޝްވަރާ ކުރައްވާނެ އެވެ.

އީޔޫގެ އޮފިޝަލު ވިދާޅުވި ގޮތުގައި ދެފަރާތުގެ މެދުގައި އެއްބާރުލުމާ ބެހޭ އެއްބަސްވުމެއް މިހާރު ވެސް ޔޫކްރޭނާއި އީޔޫއާ ދެމެދު ގާއިމުކޮށްފައި އެބަ އޮތެވެ. ނަމަވެސް ޔޫކްރޭން ބޭނުންވަނީ އީޔޫގެ ފުރިހަމަ މެމްބަރަކަށް ވާށެވެ. މިއީ ރަޝިޔާ ފާޅުގައި ދެކޮޅު ހަދާ ކަމެކެވެ.

އެ އޮފިޝަލް ވިދާޅުވި ގޮތުގައި އީޔޫގެ މެމްބަރުކަން ހޯދުމަށް އެދި ޔޫކްރޭނުން ހުށަހަޅަމުން އަންނަތާ އަހަރުތަކެއް ވެފައި ވިޔަސް، ރަޝިޔާގެ ދެކޮޅުހެދުންތަކާ ހުރެ، އެކަމާ ބެހޭ ގޮތުން ވެރިންގެ މެދުގައި މިހާތަނަށް ރަސްމީ މަޝްވަރާތަކެއް ނުކުރެ އެވެ. ނަމަވެސް، ރަޝިޔާ އިން ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން ހާލަތު މުޅިން ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ފަސް ވަނަ ދުވަސް ނިމިގެން ދިޔަ އިރު، ރަޝިޔާ ސިފައިން އެންމެ ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަނީ، ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށެވެ. ނަމަވެސް ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާތައް ހީނުކުރާހާ ވަރުގަދަވުމުން، ކިޔޭވް ހިފުމުގައި ރަޝިޔާ ސިފައިންނަށް މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ނުލިބެ އެވެ.