އަންހެނަކަށް އަނިޔާ ކުރާ އަޑަށް ފުލުހުން ގެއަކަށް ވަދެ ހުއްޓުވައިފި
އަންހެނަކަށް އަނިޔާ ކުރާ އަޑަށް ފުލުހުން ގެއަކަށް ވަދެ ހުއްޓުވައިފި

ހެންވޭރުގެ ގެއެއްގެ ތެރޭ އަންހެނަކަށް އަނިޔާ ކުރާ އަޑު އިވިގެން ފުލުހުން އެ ގެއަށް ވަދެ އަނިޔާ ހުއްޓުވުމަށް ފަހު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ މިރޭގެ ވަގުތެއްގައި ހެންވޭރު ރަތްވިލާ ހިނގުމުގައި ހުންނަ ގެއެއްގެ ތެރޭގަ އެވެ.

އެ ގޭގައި އަންހެނަކަށް އަނިޔާ ކުރާ އަޑު އިވިގެން ފުލުހުން އެ ގެއަށް ވަދެ ޒުވާން ފިރިހެނަކު ވަނީ ގެންގޮސްފަ އެވެ.

ފުލުހުން ބުނީ އަންހެނަކަށް އަނިޔާ ކުރި ކަމަށް ބެލެވޭ ދިވެހި ފިރިހެނަކު މި ވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެފަދަ މައްސަލަތަކުގައި އާންމުކޮށް އަމަލު ކުރާ އުސޫލަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަވެގެން ހަތަރު ގަޑިއިރު ބެހެއްޓުމަށް ފަހު ދެ ފަރާތުގެ ބަޔާން ނަގައި، ހައްޔަރު ކުރަން ފެނިއްޖެ ނަމަ ހައްޔަރު ކުރުމެވެ.

އެ ހާދިސާގައި އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.