28 ފެބުރުއަރީ 2022 - 20:05

ހަނގުރާމައިގެ ނުރައްކާ ކުރިމަތިވެފައިވާ ޔުކްރޭނުގައި ތިބި ދިވެހިންގެ ތެރެއިން އެ ގައުމުގެ ހުޅަނގުގައި އޮންނަ އިވަނޯގައި ތިބި 15 ދަރިވަރުން މިއަދު ރާއްޖެެ ގެނެސްފި އެވެ.
ފޮރިން މިނިސްޓްރީ އާއި ބާލިންގައި ހުންނަ ދިވެހި އެމްބަސީން ހަންގޭރީ ސަރުކާރާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ވަނީ އެ ދަރިވަރުން ހަންގޭރީ އަށް ގެންގޮސްފަ އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު މިރޭ ވިދާޅުވީ ހަންގޭރީގެ ބުޑަޕެސްޓް ހުރަސް ކުރި 15 ދިވެހި ދަރިވަރުން މިއަދުގެ ވަގުތެއްގައި ރާއްޖެ އައިސްފައިވާ ކަމަށެވެ.
ޔޫކްރޭނުގެ ވެރިރަށުގައި ދިރިއުޅެމުން އަންނަ ތިން މީހުން ހިމެނޭ ދިވެހި އާއިލާއެއް އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ބޯޑަރާ ދިމާލަށް ދަތުރު ކުރަން ފަށާފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ. އަދި އެ ގައުމުގެ އިރުމަތީ ސަރަހައްދުތަކުގައި ދިރިއުޅެމުން އަންނަ ދިވެހިންގެ ހާލު ވެސް ކައިރިން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރުކަން ކިޔެވުމަށް ޔުކްރޭނުގައި 50 ދިވެހި ދަރިވަރުން ތިއްބެވެ. މީގެ ތެރެއިން ގިނަ ދަރިވަރުން މިހާރު ވަނީ އެ ގައުމުން ނުކުމެފަ އެވެ. ނަމަވެސް ބާކީ ތިބި ދަރިވަރުން ފުރުމުގެ ކުރިން، އެ ގައުމުގައި ހަނގުރާމަ ފެށުމާ އެކު އެ ދަރިވަރުންނަށް އާދެވޭގޮތް ވަނީ ނުވެފަ އެވެ.
ރާއްޖެ ނާދެވި އެ ގައުމުގައި ތާށިވެފައި ތިބި ދިވެހި ދަރިވަރުންނަށް ސަރުކާރުން ވަނީ މާލީ އެހީތެރިކަން ވެސް ދީފަ އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނީ ރާއްޖެ ނާދެވި ޔުކްރޭނުގައި ތާށިވެފައި ތިބި 21 ދަރިވަރަކަށް ސަރުކާރުން މާލީ އެހީ ދީފައިވާ ކަމަށާއި އަދި އެ ދަރިވަރުންނަށް ބީއެމްއެލްގެ ކާޑުތައް މެދުވެރިކޮށް ކުރެވޭ ޓްރާންސެކްޝަންތަކުގެ ލިމިޓް ވެސް މިހާރު ބޮޑުކޮށްދީފައި ވާނެ ކަމަށެވެ.