01 މާޗް 2022 - 06:21

ދުބާއީގައި މަސައްކަތު އުޅުމަށް ފަހު އެނބުރި އިންޑިއާ އަށް ދިޔައިރު އެއާޕޯޓުގައި ޕަޕަރާޒީން ތިބުމުން ސަލްމާން ހާން ރުޅިގަދަވެއްޖެ އެވެ.
ސަލްމާން ފެނުމާ އެކު ޕަޕަރާޒީން ފޮޓޯ ނަގަން ފެށުމުން އޭނާ ވަނީ އެވަރުން ވާނެ ކަމަށާއި ދެން އިތުރަށް ފޮޓޯނުނަގައި އެކަން ހުއްޓާލަން ބުނެފަ އެވެ. އެހެން ބުނުމުން ވެސް ޕަޕަރާޒީން ފޮޓޯ ނަގަން ފެށުމުން އޭނާ ވަނީ އެ މީހުންނާ ދިމާލަށް ދާން އުޅެފަ އެވެ.
ފަހުން އޭނާގެ ގާތުގައި ހުރި އޮފިސަރު ކެމެރާގައި އަތް ވެސް އަޅަ އެވެ.
އާންމުކޮށް ޕަޕަރާޒީންނަށް ވަރަށް ރަނގަޅަށް ހިތިޔަސް ދޭތެރެއަކުން ސަލްމާންގެ ފަރާތުން މި ކަހަލަ ކަންކަން މީގެ ކުރިން ވެސް ފެނިފައިވެ އެވެ.
މިފަހަރު އޭނާ ރުޅި އައިސްފައި ހުރީ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.
ޓައިގާ ތިނެއްގެ އިތުރުން ސަލްމާން އަންނަނީ "ނޯ އެންޓްރީ 2" އަދި "ކަބީ އީދު ކަބީ ދިވާލީ" އާއި "ބަޖްރަންގީ ބައިޖާން 2" ގެ މަސައްކަތް ކުރަމުންނެެވެ.