28 ފެބުރުއަރީ 2022 - 14:08

އިނގިރޭސި ވިލާތުގެ ސްކޮލަޝިޕް ޕްރޮޮގްރާމް ކަމަށްވާ، ޝެވެނިންގެ ދަށުން ދިވެހިންނަށް ޓޫރިޒަމް ދާއިރާއިން ސްކޮލަޝިޕް ހޯދައިދޭން މަޓީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ އެވެ. މަޓީގެ ފަރާތުން ސޮއިކުރެއްވީ ސެކެޓްރީ ޖެނެރަލް އަހުމަދު ނަޒީރެވެ.
މި އެއްބަސްވުމުގެ ދަށުން، ޓޫރިޒަމް ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދިވެހިންނަށް ޔޫކޭގެ ޔުނިވާސިޓީތަކުން ސްކޮލަޝިޕް ލިބޭނެ އެވެ. މިއީ އެއް އަހަރު ދުވަހުގެ މާސްޓާސް ޓިގްރީ ޕްރޮގްރާމްތަކަށް ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ.
މި ސްކޮލަޝިޕްތައް ދޫކުރަނީ 2022/2023 އާއި 2023/2024 ގެ ކޯސްތަކަށެވެ.
ޝެވެނިން ސްކޮލަޝިޕް ޕްރޮގްރާމަކީ އިނގިރޭސިވިލާތުގެ ސަރުކާރުން މުޅި ދުނިޔެއަށް ހުޅުވާލާފައިވާ ސްކޮލަޝިޕް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ސްކޮލަޝިޕް ދެނީ ތައުލީމީ ފެންވަރު ރަނގަޅު، ލީޑާޝިޕް ކޮލިޓީ ހުންނަ މީހުންނަށެވެ.
މަޓީން ބުނީ އެ ޖަމިއްޔާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހުޅުވާލާ ފުރުސަތުތަކަށް ކުރިމަތިލާ ކުދިންނާއި އެ ޕްރޮގްރާމުގެ ކާމިޔާބީއަށް ބަލައި ފުރުސަތުތައް އިތުރު ކުރަން ވިސްނާފައިވާ ކަމަށެވެ.