28 ފެބުރުއަރީ 2022 - 13:35

މާލޭގެ ފަޅުތެރޭގައި އަޅާފައި ހުންނަ ދޯނި ފަހަރުގެ ފާހާނާ ނިޒާމުގެ ސަބަބުން އެ ސަރަހައްދުގެ ފެންގަނޑު ނަޖިސްވެ، ތިމާވެއްޓަށް ގެއްލުންވަމުންދާ މައްސަލަަ ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފި އެވެ.
މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެންޓް ޗޭންޖް ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަަދު ސަލީމް އެ ކޮމިޓީގައި މިއަދު ވިދާޅުވީ، މާލޭގެ ފަޅުތެރޭގައި އަޅާފައިވާ އޮޑިދޯނި ފަހަރާ ގުޅޭ މައްސަލައެއް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމިޓީ އަށް ފޮނުއްވާފައިވާ ކަމަށެވެ.
އޮޑިދޯނި ފަހަރުގެ ފާހާނާ ނިޒާމުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ މަސްމަހާ މެއްސާއި ތިމާވެއްޓަށް ގެއްލުންވަމުންދާ ކަމަށާއި އެ ސަރަހައްދު ހަޑިވާކަމުގެ ޝަކުވާ ލިބެމުންދާ މައްސަލަ ބަލައި ދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
ކޮމިޓީން ފާސްކުރީ އެ މައްސަލަ ދިރާސާ ކުރުމަށް ތިން މެމްބަރުންގެ ކުޑަ ކޮމިޓީއެއް އެކުލަވާލައި، ދެ ހަފުތާގެ ތެރޭގައި އެ މައްސަލައިގެ ރިޕޯޓެއް ތައްޔާރު ކުރުމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް.
މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން.
މައްޗަން ގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް.
މަސް މާރުކޭޓު ކައިރީގައި އަޅާފައިވާ ދޯނިތަކުގައި ތިބޭ މީހުން ފެންވަރައި އަންނައުނު ދޮވެ ފާހާނާކުރަނީ ވެސް ދޯނީގަ އެވެ. އަދި ހުރިހާ ނަޖިހެއް ފަޅު ތެރެއަށް ބޭރުވާއިރު ދޯނީގައި ހުންނަ މަސްތަކަށް އެޅުމަށާއި މަސް އަޅާ އެއްޗެހި ދޮވުމަށާއި ދޯނީގައި މަސް ކެނޑަން ބޭނުން ކުރަނީ އެ ފެނެވެ.