ކުރިއަށް އޮތް 24 ގަޑިއިރު ވަރަށް ނުރައްކާވާނެ
ކުރިއަށް އޮތް 24 ގަޑިއިރު ވަރަށް ނުރައްކާވާނެ

ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި މިހާރު ކުރަމުންދާ ހަނގުރާމައިގައި، ކުރިއަށް އޮތް 24 ގަޑިއިރަކީ ވަރަށް ނުރައްކާތެރި ވަގުތުތަކަކަށް ވެދާނެ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ އުދުވާނު މައިތިރިކުރާނެ ގޮތްތަކާ ބެހޭ ގޮތުން، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއާ އެކު އިއްޔެ ފޯނުން ކުރެއްވި މަޝްވަރާތަކުގައި ޒެލެންސްކީ ވިދާޅުވީ، އޭނާގެ ގައުމު ދިފާއުކުރުމަށްޓަކައި ދުނިޔޭގެ ހުރިހާ ގައުމުތަކުގެ އެހީ އާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ގޮތްތަކަށް ބަލާއިރު، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ނުރައްކާތެރި ހަމަލާތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ޔޫކްރޭންގެ ދިފާއަށްޓަކައި ފޮނުވާ އަސްކަރީ ސާމާނުގެ ސަލާމަތުން ޔޫކްރޭނަށް ފޯރާކަން ހުރިހާ ގޮތަކުން ވެސް ކަށަވަރު ކުރައްވާނެ ކަމަށެވެ. އަދި ނޭޓޯގެ ގައުމުތަކުން އިތުރު އެހީތައް ޔޫކްރޭނަށް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ ހަމަލާތައް ޔޫކްރޭންގެ ވެރިރަށް ކިއޭވްގައި ވަރުގަދަ ކުރަމުން ދާއިރު، ޔޫކްރޭންގެ ރައީސް ޒެލެންސްކީ އިއްޔެ ވަނީ ޕޮލެންޑްގެ ރައީސް އަންދްރުޒްޖް ޑޫޑާއާ އަށް ވެސް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އޭގެ އިތުރުން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑާ ލެޔެންއާ ވެސް ފޯނުން ގުޅުއްވައި އިއްޔެ މަޝްވަރާ ކުރެއްވި އެވެ.

ޕޮލެންޑަކީ ޔޫކްރޭންގެ ހުޅަނގު އުތުރުން އިންވެގެން އޮންނަ، ނޭޓޯގެ މެމްބަރު ގައުމަކަށް ވާއިރު، އެމެރިކާ އާއި ނޭޓޯ އިން ފޮނުވާ އަސްކަރީ އެހީގެ ސާމާނު ޔޫކްރޭނަށް އެތެރެކުރާނީ ޕޮލެންޑްގެ ތެރެއިން ކަމަށް ބެލެވެ އެވެ.

ރަޝިޔާގެ އުދުވާނީ ހަމަލާތަކުން ޔޫކްރޭން ދިފާއުކުރުމުގައި، އެމެރިކާ އާއި ނޭޓޯ އަދި ވިލާތުގެ އިއްތިހާދުގެ ގައުމުތައް އަމަލީ ގޮތުން ބައިވެރި ނުވިޔަސް، އަސްކަރީ ގޮތުންނާއި މާލީ ގޮތުން ގެންދަނީ ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ އިތުރުން، ރަޝިޔާގެ އުދުވާނީ ހަމަލާތައް ޔޫކްރޭނަށް ވުރެ ހުޅަނގަށް ފުޅާވެ، ނޭޓޯގެ މެމްބަރު ގައުމަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ނޭޓޯގެ ލަޝްކަރުތައް މިހާރު ގެންދަނީ ޔޫކްރޭނާ އިންވެގެން އޮތް ބައެއް ގައުމުތަކަށް ޖަމާކުރަމުންނެވެ.