ނިއު އާއި ވިކްޓަރީގެ ދަރަނި ސަރުކާރަށް ހައްލެއް ނުކުރެވޭނެ: މަހްލޫފް
ނިއު އާއި ވިކްޓަރީގެ ދަރަނި ސަރުކާރަށް ހައްލެއް ނުކުރެވޭނެ: މަހްލޫފް

ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަތައް އަދާކޮށްފައި ނުވުމުން، ފުޓްބޯޅައިގެ ހަރާކާތްތަކުން ސަސްޕެންޑްކޮށްފައިވާ ފުޓުބޯޅައިގެ ކުރީގެ ގަދަ ދެބާރު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ދަރަނި ސަރުކާރަށް ހައްލުކޮށްނުދެވޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ނިއު އާއި ވިކްޓަރީގެ ދަރަނި ސަރުކާރަށް ހައްލެއް ނުކުރެވޭނެ: މަހްލޫފް
ނިއު އާއި ވިކްޓަރީގެ ދަރަނި ސަރުކާރަށް ހައްލެއް ނުކުރެވޭނެ: މަހްލޫފް

ނިއު ރޭޑިއަންޓާއި ވިކްޓަރީ ސަސްޕެންޑްކޮށްފައި އޮތުމުން އެކަން ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތަކީ ކޮބައިތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ދަރަނި އަދާ ކުރުމަށް ސަރުކާރުން ފައިސާ ދިނަސް އެ ދަރަނި އަދާ ކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

"ވިކްޓަރީ އަށް ވެސް އަދި ނިއު ރޭޑިއަންޓަށް ވެސް ދިމާވެގެން މި އުޅެނީ ދަރަނީގެ މައްސަލައޭ. މިސާލަކަށް ނިއު ރޭޑިއަންޓްގެ ދަރަނި އެބައުޅޭ ހަތް މިލިއަން ރުފިޔާގައި،" މަހްލޫފް ވިދާޅުވި އެވެ.

"ހަތް މިލިއަން ރުފިޔާ އެކްލަބާ ހަވާލު ކުރީމަ އަޅުގަނޑުމެންނަށް ނޭނގޭނެ ދެން ވެސް އެ ފައިސާއިން ކުރާނެ ކަމެއް. މިއަދު އެކަން ކުރީމަ ޖެހިގެން އޮންނަ ރަށުގެ ކްލަބްގެ ދަރަނި ފިލުވައިދޭން ޖެހޭނީ މިނިސްޓްރީން ނޫންތޯ. އެއީ އަސްލު ވެގެން މިއުޅޭ ގޮތަކީ."

މިނިސްޓަރު ވިދާޅުވީ ވިކްޓަރީ އަށް އެހީ ވުމަށް މިނިސްޓްރީ ތެރެއިން ކުރި މަސައްކަތުގައި ކްލަބްތަކަށް ފައިސާ ދިނުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ދެ ކްލަބް ވެސް ދަރަނިވެރިވެފައި ވަނީ ކުރިން ހިންގި މެނޭޖުމެންޓްގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑު މި ދަންނަވާނީ އެވަރުގެ ބޮޑު ދަރަންޏެއް އޮތީމާ އެއީ މިނިސްޓްރީ އަށް ކޮށްދޭވޭ ވަރުގެ ކަމެއް ނޫނޭ،" މަހްލޫފް ވިދާޅުވި އެވެ.

ފުޓްބޯޅައިގެ ހަރަކާތްތަކުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ ޖެނުއަރީ 2019 ގަ އެވެ. މުސާރައިގެ މައްސަލއިގައި ނިއު ސަސްޕެންޑް ކުރި ނަމަވެސް އޭރު އެ ކްލަބަށް ފިޔަވަޅު އެޅީ އެފްއޭއެމްގެ ލީޑާޝިޕާމެދު އިތުބާރު ނެތް ކަމަށް ހުށަހަޅަން އުޅުމުން ކަމަށް އަޑު ފެތުރުނު ނަމަވެސް އެފްއޭއެމުން އެކަން ދޮގު ކުރެ އެވެ. ފަހުން ފީފާ އިން ވެސް ވަނީ ނިއު އަށް ފިޔަވަޅު އަޅައިފަ އެވެ.

ވިކްޓަރީ ސަސްޕެންޑް ކުރީ އޮކްޓޯބަރު 2019 ގަ އެވެ. އެ ކްލަބުން ވެސް ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ މައްސަލަތައް ހުރީ ފެންމަތިވެފަ އެވެ. ނިއު އާއި ވިކްޓަރީގެ ސަސްޕެންޝަނާ ބެހޭގޮތުން އެފްއޭއެމްގެ ކޮންގްރެސްގައި މިދިޔަ ދެ އަހަރު ވޯޓަށް އެހުމުން ވެސް ކޮންގްރެސް އިން ފާސްކުރީ ސަސްޕެންޝަން ދެމެހެއްޓުމަށެވެ.