ރަޝިޔާގެ ނިއުކްލިއާ ފައުޖު ތައްޔާރީ ހާލަތަށް
ރަޝިޔާގެ ނިއުކްލިއާ ފައުޖު ތައްޔާރީ ހާލަތަށް

ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަށް ހާއްސަކޮށްފައިވާ ފައުޖުގެ ސިފައިން ފުރިހަމަ ތައްޔާރީ ހާލަތުގައި އޮތުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިރޭ އަމުރު ކުރައްވައިފި އެވެ.

ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއްގައި މިރޭ ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅަނީ ހަމައެކަނި އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެކަނި ނޫން ކަމަށެވެ. އޭގެ އިތުރުން ނޭޓޯގެ މެމްބަރު ގައުމުތަކުގެ ވެރިން ރަޝިޔާއާ ބެހޭ ގޮތުން ވަރަށް އަދާވާތްތެރި ވާހަކަތައް ދައްކަން ފަށާފައިވާ ކަމަށް ޕުޓިން ވިދާޅުވި އެވެ.

ރައީސް ޕުޓިންގެ މި އެންގެވުމަކީ ރަޝިޔާ އިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ ބިރު އުފައްދާ ކަމެކެވެ. އެކަމަށް ބާރު ލިބިދޭ އަނެއް ކަމަކީ، މިމަހުގެ 19 ވަނަ ދުވަހު ބެލަރޫސްގައި ބޭއްވި އަސްކަރީ ފަރިތަކުރުންތަކުގައި، ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ތަމްރީނުތަކެއް ރަޝިޔާ ސިފައިން ހަދާފައިވުމެވެ.

އެ ތަމްރީންތަކުގައި ކަނޑުންނާއި އެއްގަމުން ފޮނުވައިލާ ޒާތުގެ، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލާއި ކްރޫޒް މިސައިލް ވެސް ޓެސްޓުކުރި އެވެ. އެ ތަމްރީންތައް ކުރިއަށް ގެންދިޔައީ ބެލަރޫސްގެ ރައީސް ލުކަޝެންކޯ އާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ހާޒިރުވެ ތިއްބަވައިގެންނެވެ.

ނިއުކްލިއާ ފައުޖު ތައްޔާރީ ހާލަތުގައި އޮތުމަށް ރައީސް ޕުޓިން އެންގެވުމާ ގުޅިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ރަޝިޔާ އިން އަދިވެސް މަސްރަހު ހޫނުކުރަން މަސައްކަތް ކުރާ ކަމަށެވެ. ނިއުކްލިއާ ހަތިޔާރުގެ ވާހަކަ އެ ދައްކަވަނީ ނުވެސް ނެތް ނުރައްކަލެއް، ޕުޓިން އަމިއްލައަށް ފެންމަތި ކުރުވައިގެން ކަމަށް ވެސް އެމެރިކާ އިން ބުންޏެވެ.

ނަމަވެސް ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ނިއުކްލިއާ ފައުޖު ތައްޔާރީ ހާލަތަށް ގެނައުމުގެ ޒިންމާ ނަގަންޖެހޭނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުންނެވެ. ހުޅަނގުގެ ގައުމުތަކުން ރަޝިޔާގެ ސަލާމަތަށް ނުރައްކާ ކުރިމަތި ނުކުރާ ނަމަ، ނިއުކްލިއާ ހަތިޔާރުގެ ވާހަކަ ދައްކަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޕުޓިން ނިއުކްލިއާ ހަތިޔާރުގެ ވާހަކަ ދައްކަވަން މި ފެއްޓެވީ، ވިލާތުގެ ބައެއް ގައުމުތަކުން ޔޫކްރޭން ކައިރި އަށް ސިފައިންނާއި އިތުރު ހަތިޔާރު ފޮނުވަން ނިންމިކަން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔޯންސް ސްޓޮލެންބާގް އިއުލާން ކުރައްވާފައި ވަނިކޮށެވެ. އެ ގޮތުން ނޭޓޯގެ ލަޝްކަރުގައި ހިމެނޭ އެތައް ހާސް ސިފައިންނެއް ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ވަރަށް އަވަހަށް ޔޫކްރޭންގެ އަވައްޓެރި ބައެއް ގައުމުތަކަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.