27 ފެބުރުއަރީ 2022 - 22:47

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާ ދިމާކޮށް، ސަރުކާރުގެ މަގާމުތަކުގައި ތިބި އެ ޕާޓީގެ ބައެއް މެންބަރުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތުހުމަތު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ހިތްހަމަނުޖެހުންފާޅުކުރައްވައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މައްދާއިން ރައީސަށް ލިބިދޭ ބާރުތައް ބޭނުންކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށެވެ. އެ ބާރުގެ ބޭނުންކުރައްވައި، އެތެރޭގެ އިންތިހާބާ ދިމާކޮށް ޕާޓިން މަގާމުތަކުގައި ތިއްބަވާ މެމްބަރުން ވަކިކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 115 ވަނަ މައްދާއަކީ ރައީސްކަމުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގެ ދަށުން މަގާމުތަކުން މީހުން ވަކިކުރުމުގެ ބާރު ރައީސަށް ލިިބިވަޑައިގަންނަވަ އެވެ.
ރައީސް އެގޮތަށް މެމްބަރުން ވަކިކުރައްވަނީ ނަމަ، އެމަނިކުފާނު ވެސް ވަކިކުރައްވަން ނަޝީދުގެ މެސެޖުގައި އެދިވަޑައިގަތެވެ. ނަމަވެސް އެމަނިކުފާނު ވަކިކުރައްވަން ނަޝީދު އެ ވިދާޅުވަނީ ސީދާ ކޮން މަގާމަކުން ކަމެއް މެސެޖުގައި ސާފެއް ނޫނެވެ.
ހުސްވެފައިވާ ޗެއާޕާސަންގެ މަގާމުގެ ވޯޓު އޮތީ އަންނަ އޭޕްރީލް 16ގަ އެވެ. ނަޝީދުގެ ތުހުމަތު ރައީސަށް އަމާޒުވި އިރު މިއީ ޕާޓީގެ ކޮންޓްރޯލް ހޯދަން ދެ ބޭފުޅުންނަށް ވެސް މުހިއްމު އިންތިހާބެކެވެ. ދެ ފަޅިން ނުކުމެ ކުރާ ކެމްޕޭންގައި ވެސް އެކަން ވަރަށް ސާފުކޮށް ދަނީ ފެންނަމުންނެވެ.
އެމްޑީޕީގައި ނަޝީދުގެ ފަޅިން ނުވަތަ އެމަނިކުފާނާ ގާތްބޭފުޅުންގެ ތާއީދާ އެކު ނުކުމެ ހުންނެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ނުކުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދާ އެކުގަ އެވެ.
ކެމްޕޭންގެ ފޯރިގަދަވެ، އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތައް ވެސް ޖަލްސާތަކުގައި އަމާޒުކުރަމުންނެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން މަގާމްތަކުން މެމްބަރުން ވަކިކުރަމުންދާ ކަމަށް ތުހުމަތުކުރިއަސް އެއީ ކޮން ބައެއް ކަމެއް ސާފުކޮށް ނަޝީދު ވިދާޅެއް ނުވެ އެވެ. އެކަމަކު އިމްތިޔާޒަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން ވަކިކުރަމުންދާ ކަމަށް ބުނެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި އޮތީ އަރައިރުން އުފެދިފަ އެވެ.
މީގެ ކުރިން ވެސް ޕާޓީގެ އެތެރޭގެ ބައެއް ކަންކަމާ ގުޅިގެން ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދިފައިވެ އެވެ.