ސާފިން ލީގު: ގައްދޫ މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ޝަރޫފް އަށް
ސާފިން ލީގު: ގައްދޫ މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ޝަރޫފް އަށް

ގައުމީ ސާފިން ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ 2022" 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަރޫފް ޝާއިރު ހޯދައިފި އެވެ.

ގދ. ގައްދޫގައި މިއަދު ނިމިގެންދިޔަ މުބާރާތުގެ ފައިނަލްގައި ޝަރޫފް އާ ވާދަކުރީ މުހައްމަދު ޒަޔާން އެވެ. ޝަރޫފް ޗެމްޕިއަންކަން ހޯދީ ހަތް ރާޅުގައި 9.27 ޕޮއިންޓް ހޯދައިގެންނެވެ. ހަމަ އެއަދަދަށް ރާޅުގައި އަޅައިގެން ޒަޔާން އަށް ހޯދުނީ 8.03 ޕޮއިންޓެވެ.

ކ. ގުރައިދު އަށް ނިސްބަތްވާ ޝަރޫފް އެންމެ ގިނައިން ސްކޯ ކުރީ ދެވަނަ ރާޅުގަ އެވެ. އެރާޅުގައި އޭނާ ވަނީ 5.00 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ޒަޔާން އަށް އެންމެ ގިނައިން ސްކޯ ކުރެވުނީ ތިންވަނަ ރާޅުގަ އެވެ. އެރާޅުގައި 4.20 ޕޮއިންޓް ހޯދި އެވެ.

ޝަރޫފް ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގެ ހީޓް 1 ގައި އުމުރުން ހަގު ސާފަރު ޔޫސުފް ކަޔާން ހަމްދާން ޒަކީ ބަލީ ކުރުމަށް ފަހު އެވެ. ސެމީގައި ޝަރޫފް ވަނީ އަށް ރާޅުގައި 10.77 ޕޮއިންޓް ހޯދައިފަ އެވެ. ހަތް ރާޅުގައި ކަޔާން އަށް ހޯދުނީ 8.20 ޕޮއިންޓެވެ.

ޒަޔާން ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގައި މުހައްމަދު އިނާން އަބްދުލް ހަންނާން ބަލި ކުރުމަށް ފަހު އެވެ. ސެމީގެ ހީޓް 2 ގައި ވާދަކޮށް ޒަޔާން ވަނީ 9.66 ޕޮއިންޓް ހޯދައިފަ އެވެ. އޭނާ އެއަދަދަށް ސްކޯ ކުރީ ހަ ރާޅުގަ އެވެ. ހަމަ އެއަދަދަށް ރާޅުގައި އަޅައިގެން އިނާން އަށް ހޯދުނީ 8.96 ޕޮއިންޓެވެ.

ބައްޕަ އާއި ބޭބެއަކާ އެކު އުމުރުން 10 އަހަރުގައި ރާޅާ އަޅަން ނުކުތް ޝަރޫފް ވާދަ ކުރި ފުރަތަމަ މުބާރާތަކީ މިދިޔަ އަހަރު ބޭއްވި ފަރުމަންތާ ޗެލެންޖު މުބާރާތެވެ. އެމުބާރާތުގެ ޖޫނިއާ ބައިން ދެވަނަ ހޯދި އެވެ. އޭގެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ ސީނިއާ އާއި ޖޫނިއާ ކެޓެގަރީން ވެސް ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކުރި އެވެ.