27 ފެބުރުއަރީ 2022 - 20:40

ގައުމީ ސާފިން ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ 2022" ގެ އަންހެން ޗެމްޕިއަންކަން އާޔާ ނަސީމް ހޯދައިފި އެވެ.
ގދ. ގައްދޫގައި ކުރިއަށް ގެންދިޔަ މުބާރާތުގެ އަންހެން ބައިގައި ތިން އެތުލީޓުން ވާދަކުރުމުން އެބައި ގެންދިޔައީ ލީގު އޫސޫލުންނެވެ. ފައިނަލް ރައުންޑާއެކު ކުރިއަށް ގެންދިޔަ ތިން ރައުންޑްގައި ވެސް ތިން ބައިވެރި ވެސް ވާދަ ކުރި އެވެ.
ގދ. ގައްދޫ ރާޅުގަނޑުގައި މިއަދު ހަވީރު ބޭއްވި ފައިނަލް އާޔާ ކާމިޔާބު ކުރީ 7.67 ޕޮއިންޓް ހޯދައިގެންނެވެ. އޭނާ އެއަދަދަށް ޕޮއިންޓް ހޯދީ ތިން ރާޅުގަ އެވެ. އޭނާ އެންމެ ގިނައިން ސްކޯ ކުރީ ތިންވަނަ ރާޅުގަ އެވެ. އެރާޅުގައި 4.50 ޕޮއިންޓް ހޯދި އެވެ.
ދެވަނަ އަށް ދިޔަ ރިޝްތާ ޝުޖާ އަށް އެއް ރާޅުގައި ސްކޯ ކުރެވުނީ 0.30 ޕޮއިންޓެވެ. އާމިނަތު ޝައިޝާ ރަޝީދު އަށް ޕޮއިންޓެއް ނުހޯދެ އެވެ.
ކުރީގެ ދެ ރައުންޑްގައި ވެސް އާޔާ އެއްވަނަ ހޯދި އެވެ. ތިން ބައިވެރިން ވާދަކުރުމުން އަންހެން އިވެންޓްތައް ފެށީ ކުއާޓާ ފައިނަލް ބުރުންނެވެ. އާޔާ ވަނީ އެރައުންޑްގައި 5.16 ޕޮއިންޓް ހޯދައިފަ އެވެ. ސެމީ ފައިނަލްގައި އޭނާ ހޯދީ 4.00 ޕޮއިންޓެވެ. އެއީ ތިން ރާޅުންނެވެ. ރިޝްތާ އަށް އެއް ރާޅުން ހޯދުނީ 0.30 ޕޮއިންޓެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ސާފިން ރަސްމީ މުބާރާތުގެ ތެރޭގައި ހިމެނީ ވެސް މިދިޔަ އަހަރު ނޮވެމްބަރު މަހު ބޭއްވި ގައުމީ ރާޅާ އެޅުމުގެ މުބާރާތުގަ އެވެ. އެ މުބާރާތުގައި އަންހެން ފަސް ބައިވެރިން ވާދަ ކުރި އެވެ. އެމުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ އާޔާ އެވެ.