27 ފެބުރުއަރީ 2022 - 18:37

ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ބަންޕަރެއްގެ މައްޗަށް އެރިތަނުން ސައިކަލްގެ ފުރޮޅު ކަހާލައިގެން ވެއްޓި ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ކުރެދިމަގު، ހުޅުމާލޭގެ ވެމްކޯ ސައިޓް ކުރިމަތީގައި ހިނގި އެކްސިޑެންޓުގައި ސައިކަލާ އެކު ވެއްޓި އަންހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި އެކްސިޑެންޓެއްގައި އަނިޔާވި 29 އަހަރުގެ އަންހެނަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.
އެކްސިޑެންޓުގެ މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑުގައި އެ އަންހެން މީހާ ދުއްވާފައި އައި ސައިކަލު ހުޅުމާލެ ވެމްކޯ ސައިޓް ކުރިމަތީގައި އޮންނަ ބަންޕަރު މައްޗަށް އެރިތަނުން ފުރޮޅު ކަހާލައިގެން ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ އަންހެން މީހާ ބިންމައްޗަށް ވެއްޓިފައި އޮތް އިރު، ބޮލާ ދިމާލުން ވަރަށް ބައިވަރު ލޭ ފައިބާފައި ހުއްޓެވެ.