27 ފެބުރުއަރީ 2022 - 17:56

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝޭހް މުހައްމަދު އަނީލް މިއަދު އައްޔަންކުރައްވައިފި އެވެ.
އޭނާ މީގެ ކުރިން ވަނީ 2017 ވަނަ އަހަރުން ފެށިގެން ސ. ހިތަދޫ އިސް އިމާމުގެ މަގާމު އަދާކުރައްވައިފަ އެވެ.
އަނީލް ވަނީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީން 2012 ވަނަ އަހަރު، އިސްލާމިކް ޝަރީއާއިން ޑިގްރީ ހާސިލްކުރައްވައިފަ އެވެ.
އަނީލްއާއެކު އިސްލާމިކް މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރަކު ތިއްބަވާނެ އެވެ. މި ސަރުކާރުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަކަށް އެންމެ ފުރަތަމަ ހަމަޖެއްސެވި ބޭފުޅަކީ ޝޭހް އިލްޔާސް ޖަމާލެވެ.
ދެ ސްޓޭޓް މިނިސްޓަރުންގެ އިތުރުން އިސްލާމިކް މިނިސްޓްރީގައި ހަތަރު ޑެޕިއުޓީ މިނިސްޓަރުން މިހާރު ތިއްބަވަ އެވެ.
ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ސިޔާސީ 1،045 މަގާމަކަށް 407،685،241 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.