28 ފެބުރުއަރީ 2022 - 06:33

ގޭސްވުމަކީ އަހަރެމެންގެ ތެރޭގައި ވެސް ވަރަށް އާންމު ކަމެކެވެ. ބައެއް މީހުންނަށް މިއީ އާންމުކޮށް ދިމާވާ ކަމަކަށް ވާއިރު މިއީ ވަރަށް އުނދަގޫ ވެސް ކަމެކެވެ. ބަނޑަށް ތަދުވެ، އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭއިރު އަބަދު ގޭސްވަނީ ކީއްވެތޯ ބަލައިލަމާ ހިނގާށެވެ.

ގޭހަކީ އާންމުކޮށް ހަޖަމުވުމުގެ ނިޒާމުގައި ވަރަށް އާންމު ކަމެކެވެ. ހަށިގަނޑުގައި ގޭސް އުފެދޭ މައިގަނޑު ދެ ގޮތެއް އޮވެ އެވެ.

މާ ގިނައިން ހަށިގަނޑަށް ވައި ވަނުމަކީ ވެސް ގޭސް އުފެދުމަށް މެދުވެރިވާ ސަބަބެކެވެ. މިސާލަކަށް ޗުވިންގަމުންނާއި ސިނގިރޭޓު ބުއިމުން އަދި އަވަހަށް ކައި އުޅުމުގެ ތެރޭގައި ވައި ވަދެ ގޭސް ވެދާނެ އެވެ.
ކެއުމަށް ބޭނުންކުރާ ތަފާތު އެއްޗެހީގެ ސަބަބުން، އެ ތަކެތި ހަޖަމުކުރުމުގެ ނިޒާމަށް އުނދަގޫވާ ގޮތް ވުމުން ވެސް ވައި އުފެދޭނެ އެވެ. ހަށިގަނޑުގައި ވައި އުފެދުމަށް ތަފާތު އެކި ކަހަލަ ކާނާ އާއި ކެއުމުގެ އާދަތައް މެދުވެރިވެ އެވެ.
- މާ ކުޅިގަދަކޮށް ކެއުން.
- މާ ގިނައިން އެއްފަހަރާ ކެއުން.
- ކާބޮނޭޓެޑް ތަކެތި ބުއިން.
- ތެޔޮ ހުންނަ އެއްޗެހި މާ ގިނައިން ކެއުން.
އެ ތަކެއްޗާ ހެދި ވައި އުފެދިއްޖެ ނަމަ ބަނޑުގައި ގޭސް އުފެދި މީހާ އަށް އުނދަގޫވުން ވަރަށް އެކަށީގެންވެ އެވެ. އަބަދު ގޭސްވާ ނަމަ ވައި ބޭރުވުމާއި ބަނޑަށާއި މެއަށް ތަދުވުމަކީ ވެސް ވަރަށް ކައިރި ކަމެކެވެ.
މީހާ އަބަދު ގޭސްވާ ނަމަ އެ ކަމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ކުރިން ތައްޔާރުވުމެވެ. ހަށިގަނޑަށް ރަނގަޅަށް ފަރުވާތެރިވެ، ޑައިޓް ވަކި ގޮތެއްގައި ހިފަހައްޓާ ނަމަ ގޭސް ވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ އެވެ.
ގޭސްވުން މަދުކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ވީހާ ވެސް ގިނައިން ފެން ބުއިމެވެ. ކާއިރު ގިނައިން ފެން ބުއިމަކީ ކާނާ ރަނގަޅަށް ހަޖަމުވުމަށް ވަރަށް ބޮޑު އެހީއެކެވެ. ފެން ބޯއިރު ވެސް ކޮންމެވެސް ވަރަކަށް ވައި އެތެރެ ވެދާނެ އެވެ. އެ ކަމަށް އޮތް ހައްލަކީ އަވަހަށް ފެން ބުއިމުގެ ބަދަލުގައި ލަސްލަހުން މަދުން ފެން ބުއިމެވެ.
ދެ ވަނަ އަށް ކުރަންވީ ކަމަކީ ކެއުމަށް ބޭނުންކުރާ އެއްޗިއްސަށް ބަލައި ޑައިޓް ބަދަލުކުރުމެވެ. ފޮނި އެއްޗެހި މަދުކޮށް، ފޮނި ރަހަ ލައްވަން ބޭނުންވާ ނަމަ އާޓިފިޝަލް ސްވީޓްނާ ބޭނުންކުރުން ރަނގަޅުވާނެ އެވެ. އަދި ތަރުކާރީ ބޭނުންކުރާ ވަރު އިތުރުކޮށް، ތެލުލި އެއްޗެހީގެ ބަދަލުގައި ފިހުނު ބާވަތްތަކަށް އިސްކަން ދިނުމަކީ ވެސް ގޭސްވުމުން ދުރުކޮށްދޭނެ ކަމެކެވެ.