27 ފެބުރުއަރީ 2022 - 15:01

އަސާސީ ބޭނުންތައް ފުއްދަން ދަތި ތިން އާއިލާއަކަށް ހިލޭ ގެ އަޅައިދޭން ބީއެމްއެލުން ނިންމައިފި އެވެ.
އެ ގެތައް އަޅާނީ ބީއެމްއެލްގެ ހައުސިން ގްރާންޓުގެ ދަށުންނެވެ. އެ އެހީގެ ދަށުން އަޅާ ގެތަކަށް ބޭނުންވާ ފަރުނީޗަރު ވެސް ބޭންކުން ދޭނެ އެވެ.
އެހީ ބޭނުންވާ އާއިލާތައް ނޮމިނޭޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ޖަމިއްޔާތަކަށާއި ކައުންސިލްތަކަށް ހުޅުވާލައިފަ އެވެ. ނޮމިނޭޓް ކުރަން ބޭނުންވާ އާއިލާތަކުގެ މައުލޫމާތު އަންނަ މަހުގެ 31ގެ ކުރިން[email protected]މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ އެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި، އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ގްރާންޓުގެ ސަބަބުން އަސާސީ ބޭނުންތައް ފުއްދަން ދަތި އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. މި ޕްރޮޖެކްޓުގެ ބޭނުމަކީ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އާއިލާތަކަށް އެހީވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ބޭންކުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ދަށުން އިއުލާން ކުރި ގްރާންޓެކެވެ. އަހަރީ ދުވަހާ ގުޅިގެން މުޖުތަމައަށް ފައިދާހުރި 12 ހަރަކާތެއް ހިންގާނެ އެވެ.
މިހާތަނަށް ބޭންކުް ފަށާފައިވާ ހަރަކާތްތަކުގެ ތެރޭގައި ސްކޮލާޝިޕް ފަންޑާއި ނޭޝަނަލް ލައިބްރަރީ ތަރައްގީ ކުރުމާއި އަލަށް ފަށާ ވިޔަފާރިތަކަށް ހާއްސަ ގްރާންޓް ހިމެނެ އެވެ.