27 ފެބުރުއަރީ 2022 - 14:29

ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެ އައި، ޔޫކްރެއިންގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖޭގައި ތާށިވެފައި އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ، ހަނގުރާމަ ފެށުނުއިރު ޔޫކްރެއިންގެ 800އެއްހާ ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި ކަމަށާއި މިހާރުގެ އަދަދުތައް އަންނަނީ ސާފުކުރަމުން ކަމަށެވެ.

"ޓްރެވެލް އެޖެންޓުންނާއި އެޖެންސީތަކާ ގުޅައިގެން އެ މައުލޫމާތު އަޅުގަނޑުމެން މިހާރު މިއަންނަނީ ސާފުކުރަމުން. އަސްލު އަދަދު މާދަމާ ލިބޭނެ ކަމަށް މި ބެލެވެނީ. އެކަމަކު ހަނގުރާމަ ފެށިއިރު ޔޫކްރެއިންގެ ޓޫރިސްޓުން އަދަދު 800 ގައި އުޅޭނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތާށިވެފައި ތިބި ޓޫރިސްޓުންނަށް ދެ ގޮތަކުން އެހީވާން ތައްޔާރުވަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެއްގޮތަކީ، ކައިރި ގައުމަކަށް ދާން ބޭނުންވާ ޓޫރިސްޓުންނަށް އެ ފުރުސަތު ފަހިކޮށްދިނުން، ނުވަތަ ރާއްޖޭގައި އަގުހެޔޮކޮށް ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.
"އެކިއެކި އެޖެންސީތައް މެދުވެރިކޮށް އެ މީހުން އައިސް ތިބޭނީ. އަޅުގަނޑުމެން އެޖެންސީތަކާއި އެހެން ފަރާތްތަކާ މި ވާހަކަ ދައްކަނީ ރާއްޖޭގައި މަޑުކުރަން ބޭނުންވާ ޓޫރިސްޓުންނަށް ޑިސްކައުންޓް ރޭޓެއް ހަމަޖައްސައިދޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި މަޑުކުރަން ބޭނުންވާ ޓޫރިސްޓުންނަށް ރާއްޖޭގައި ތިބެން ބޭނުންވާ ވިސާގެ ކަންކަން އިމިގްރޭޝަނުން މިހާރު ހަމަޖައްސައިދީފައިވާ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.
ރަޝިޔާ އިން ޔޫކްރެއިންނަށް އަރައި ހަނގުރާމަ ފެށިއިރު، ރަޝިޔާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދެވަނަ ގައުމެވެ. ޔޫކްރެއިން ހިމެނެނީ ގަދަ 10 ގައުމުގެ ތެރޭގަ އެވެ. ރަޝިޔާ އިން އަހަރެއްގެ މައްޗަށް ދެ ލައްކައެއްހާ ޓޫރިސްޓުން ރާއްޖެ އާދެ އެވެ. ޔޫކްރެއިނުން ފަހަކަށް އައިސް އަހަރަކު 30،000 ޓޫރިސްޓުން އާދެ އެވެ.