ވްލަހޮވިޗުގެ ލަނޑުތަކުން ޔުވެންޓަސް އަށް ހަނި މޮޅެއް
ވްލަހޮވިޗުގެ ލަނޑުތަކުން ޔުވެންޓަސް އަށް ހަނި މޮޅެއް

އެމްޕޯލީ (ފެބްރުއަރީ 27) - ޑޫސަން ވްލަހޮވިޗް ޖަހައިދިން ދެ ލަނޑުން، ޔުވެންޓަސް ރަށުން ބޭރުގައި އެމްޕޯލީ 3-2 އިން ބަލިކޮށް، އެއްވަނައިގައި އޮތް އޭސީ މިލާނާ ހަތް ޕޮއިންޓަށް ގާތްކޮށްފި އެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޔުވެންޓަސް އިންނެވެ.

މޮއިސް ކީން މެޗުގެ 32 ވަނަ މިނިޓުގައި ޖެހި ލަނޑުން ޔުވެންޓަސް ލީޑް ނެގި ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ޔުވެންޓަސްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އެމްޕޯލީގެ ޒީމޮން ޒާކޯސްކީ އެ ޓީމަށް އެއްވަރު ކޮށްދިނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ޔުވެންޓަސް އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ވްލަހޮވިޗެވެ. މެޗުގެ 66 ވަނަ މިނިޓުގައި ވްލަހޮވިޗް، އިތުރު ލަނޑެއް ޖަހައި ޔުވެންޓަސް އަށް ދެ ގޯލުގެ ލީޑެއް ނަގައިދިންއިރު، މިއީ އޭނާ ލީގުގައި މިހާތަނަށް ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. އަދި މިއީ މި މަހު ޔުވެންޓަސް އަށް ކުޅެން ފެށި ފަހުން ލީގުގައި އެ ޓީމަށް އޭނާ ޖަހައިދިން ތިންވަނަ ލަނޑެވެ.

އެމްޕޯލީގެ ދެވަނަ ލަނޑު 76 ވަނަ މިނިޓުގައި ޖަހައިދިނީ ފޯވާޑް އަންޑްރޭ ލަ މަންޓިއާ އެވެ.

މި ސީޒަނުގެ ކުރީކޮޅު ކުޅުނު ފިއޮރެންޓީނާ ވަނީ ރޭ ސަސުއޯލޯއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު 2-1 އިން ބަލިވެފަ އެވެ. ސަސުއޮލޯއިން ހަމެދް ޓްރައޯރޭ 19 ވަނަ މިނިޓުގައި ލީޑު ނަގައިދީފައި ވަނިކޮށް 79 ވަނަ މިނިޓުގައި ފިއޮރެންޓީނާގެ ޖިއަކޮމޯ ބޮނަވެންޓޫރާ އަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވައިލި އެވެ.

ޖުމުލަ 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ފިއޮރެންޓީނާ އަށް އެއްވަރު ކޮށްދިނީ 88 ވަނަ މިނިޓުގައި ބްރެޒިލްގެ ޒުވާން ސްޓްރައިކަރު އާތޫރު ކަބްރާލް އެވެ. ނަމަވެސް އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި ގްރެގޮއިރޭ ޑެފްރެލް ވަނީ ސަސުއޮލޯ އަށް ތިން ޕޮއިންޓް ހޯދައިދީފަ އެވެ.

ފިއޮރެންޓީނާ އޮތީ މިހާތަނަށް ކުޅުނު 26 މެޗުން 42 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ހަތްވަނައިގަ އެވެ.

ޔުވެންޓަސް ހަތަރުވަނައިގައި އޮތީ 27 މެޗުން 50 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތް ޕޮއިންޓް އިތުރަށް ހޯދައިގެން އެއްވަނައިގައި އޮތް އޭސީ މިލާން ހުކުރު ދުވަހުގެ ރޭ އުޑިނޭސީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އަދި ދެވަނައިގައި އޮތް އިންޓަ މިލާން އެ ރޭ ޖެނޮއާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. އެއް މެޗު މަދުން ކުޅެގެން އިންޓަ ދެވަނައިގައި އޮތީ 55 ޕޮއިންޓް ހޯދައިގެންނެވެ.

މިހާތަނަށް ކުޅުނު 26 މެޗުން 54 ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތް ނަޕޯލީ މިރޭ ނުކުންނާނީ ރަށުން ބޭރުގައި ލާޒިއޯއާ ދެކޮޅަށެވެ.