ބުޅަލެއް ދަންޖައްސައި މެރި މައްސަލަ އީޕީއޭއިން ބަލަނީ
ބުޅަލެއް ދަންޖައްސައި މެރި މައްސަލަ އީޕީއޭއިން ބަލަނީ

ބުޅަލެއް ދަންޖައްސައި މަރާލި މައްސަލަ ބަލަމުން އަންނަ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

މިދިޔަ ހަފުތާ ބަންދުގައި ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކަކުން ފެންނަނީ ބުޅަލެއްގެ ކަރުގައި ވާގަނޑެއް އައްސައި އެލުވާފައ ހުއްޓަ އެވެ. އޭރު އެ ބުޅަލުގެ އެއްވެސް ހަރަކާތެއް ނެތެވެ. އެހެން ވީޑިއޯއަކުން ފެންނަނީ ސައިކަލެއްގައި އިން އެ މީހާ ބުޅަލުގެ ކަރުގައި ވާގަނޑު ޖަހައިގެން ބުޅާ މިންމަތީގައި ދަމާ މަންޒަރެވެ.

މި ވީޑިއޯތައް އާންމުވުމާ އެކު، އެ އަމަލު ހިންގި މީހާ އަށް ފިޔަވަޅު އަޅަން އެތައް ބަޔަކު ސޯޝަލް މީޑިއާގައި ގޮވާލާފައިވެ އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް، "މިހާރު" އަށް ވިދާޅުވީ ބުޅާ މަރާލި މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. ނައީމް ވިދާޅުވީ އެ މައްސަލަ ބަލަމުންދަނީ ޖަނަވާރަށް އަނިޔާކުރުމަކީ ޖިނާއީ ކުށަކަށްވާތީ ކަމަށެވެ.

ޖަނަވާރަށް އަނިޔާކުރުމަކީ ގާނޫނީ ކުށެކެވެ. ގާނޫނުލްއުގޫބާތުގައި އޮންނަ ގޮތުން އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުން ނުވަތަ އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅާނުލައި ދޫކޮށްލުމަކީ ވެސް ކުށެކެވެ. މި ކުށުން އިސްތިސްނާ ވާނީ ސައިންޓިފިކް ތަހްލީލުކުރުމުގައި އަމަލުކުރެވޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ނުވަތަ ޖަނަވާރަށް ބޭސްފަރުވާކުރުމުގައި އަމަލުކުރެވޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރާ އަމަލުތަކެވެ.

ޖަނަވާރަށް އަނިޔާވެރިވުމުގެ ކުށް ސާބިތުވެއްޖެ ނަމަ ގިނަވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވިދާނެ އެވެ.