15 މެއި 2016 - 10:45
ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ބައެއް މީޑިއާތަކާއި ނޫސްވެރިން ނުވައްދަން ނިންމާފައި އޮތުމަށް ފަހު އަލުން ދޮރު ހުޅުވާލައިފި އެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ނުވައްދަން މިދިޔަ މާޗް މަހު އެ ކޯޓުން ނިންމީ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި މައްސަލައިގަ އެވެ. އެ މައްސަލާގައި ނުވައްދަން ނިންމީ "ހަވީރު" ނޫހާއި އަވަސް އޮންލައިނާއި ވީ ނިއުސްގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިންނެވެ.
އެކަމަކު ކްރިމިނަލް ކޯޓުން މިހާރު ވަނީ އެ ކޯޓުގެ ޝަރީއަތްތަކަށް އެ ހުރިހާ މީޑިއާތަކަށް ވެސް ވަދެވޭނެކަން އަންގައިފަ އެވެ.
ކްރިމިނަލް ކޯޓުގެ ނިންމުމާ މެދު މީޑިއާތަކުގެ ފާޑު ކިޔުންތައް އަމާޒުވިއިރު އެކަން ހައްލުކުރަން މީޑިއާ ކައުންސިލުން ކުރި މަސައްކަތް ވެސް ކާމިޔާބުވެފައެއް ނުވެ އެވެ.
މީގެ ކުރިން ލިޔުނު ލިޔުންތަކާ ގުޅިިގެން ވެސް ބައެއް މީޑިއާތައް ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ނުވައްދަން ނިންމާފައިވެ އެވެ. އެކަމަކު އެ ކޯޓުން އެގޮތަށް ނިންމިޔަސް ސިވިލް ކޯޓާއި ހައި ކޯޓުގެ އިތުރުން ސުޕްރީމް ކޯޓުގެ ޝަރީއަތްތަކަށް އެއްވެސް ހުރަހެއް ނެތި މީޑިއާތަކަށް އަބަދުވެސް ވަދެވެ އެވެ.