27 ފެބުރުއަރީ 2022 - 10:07

މާލެއިން ސިނަމާލެ ބްރިޖަށް އަރާ ސަރަހައްދުގައި އޮންނަ ވެލިގަނޑަށް ރޭ ފަތިހު ވެލައެއް އަރައިފި އެވެ.
ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ފެނުނު ވެލާގެ ވީޑިއޯއެއް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ގާތްގަނޑަކަށް ދެ ފޫޓާއި ބައިގެ ވެލާ، ވެލިގަނޑު މަތީގައި އޮއްވައި ފެނުނީ ހެނދުނު 5:55 ހާއިރު ކަމަށެވެ. އޭގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް މޯޑް ވިދާޅުވި އެވެ.
"ބްރިޖު މަތީގައި ދުވެ ނިންމާފައި ދިޔައިރު ނެތް ފެންނާކަށް،" އޭނާ ވިދާޅުވި އެވެ.
ވެލާ އެރި ތަނަކީ މާލެ ވަށައިގެން ތޮށި ލާފައި ވާއިރު، ގުދުރަތީ ގޮތުން އުފެދިފައި އޮތް ހަަމައެކަނި ވެލިކޮޅެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ވެލާ އޮތީ ބިސް އަޅަން ވެލިގަނޑު ކޮންނަ ގޮތަށް ކޮނެގެންނެވެ. އެކަމަކު މި ވެލާ ދިޔައީ ބިސް އަޅައިފައެއް ނޫނެވެ.
ވެލާ ކަހަނބުގެ ބާވަތްތައް ރާއްޖޭގައި ހިމާޔަތްކޮށް އެ ހިފުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ގިނައިން ވެލާ އަރާ ރަށްރަށުންނާއި ކަނޑުމަތިން ވެސް ވެލާ ހިފައިގެން އޭގެ މަހާއި ބިސް ކެއުމަކީ މިހާރު ވެސް ކޮށް އުޅޭ ކަމެކެވެ.