ޒަކިއްޓެ؛ ހަޔާތާ އެކު މީހާ ވެސް ބަދަލުކޮށްލައިފި
ޒަކިއްޓެ؛ ހަޔާތާ އެކު މީހާ ވެސް ބަދަލުކޮށްލައިފި

"އަލަށް، އަހަރެން ރިސޯޓެއްގައި ގެސްޓުންނަށް ގިޓާ ކުޅެ ލަވަކިޔައިދިން ދުވަސް މިހާރު ވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އަހަރެން އެތަނުގެ ބާގައި ގިޓާ ކުޅެ ލަވަކިޔާ ގޮތް ކަމުނުގޮސްގެން ގެސްޓުން ކޮމްޕްލެއިންކޮށްގެން ތިން ހަތަރު ދުވަސް ފަހުން އަހަރެންނަށް ޖެހުނީ އެކަންތައް ހުއްޓާލަން،" ލައިފްގެ ސްޓޯރީ ފަށާނީ ކޮން ދިމާލަކުންތޯއޭ ކިޔާފައި ފަށައިގަތް ގޮތަށް ހަސަން އިރުފާން ޗަކަޗަކަލާފައި ހީނގަތެވެ.

ޒަކިއްޓެ؛ ހަޔާތާ އެކު މީހާ ވެސް ބަދަލުކޮށްލައިފި
ޒަކިއްޓެ؛ ހަޔާތާ އެކު މީހާ ވެސް ބަދަލުކޮށްލައިފި

އަދި، އެ 'ހަސަން އިރުފާން'ގެ ލައިފް އެއްކޮށް ބަދަލުކޮށްލި ވާހަކައިގައި ރަނގަޅަށް ޓަކި ތަޅައި 30 އަހަރުވީ މި ހަޔާތުގެ ވާހަކަ މެދުން ހުޅުވާލި އެވެ.

ޒަކިއްޓެ؛ ހަޔާތާ އެކު މީހާ ވެސް ބަދަލުކޮށްލައިފި
ޒަކިއްޓެ؛ ހަޔާތާ އެކު މީހާ ވެސް ބަދަލުކޮށްލައިފި

"އޭރު އެހާ ވެސް ގޯސްވާނެ އަހަރެންގެ ލަވަކިޔުމާއި ގިޓާ ކުޅުން. އެކަމަކު އެ ދުވަހު އެކަންތައް އެގޮތަށް ތަޖުރިބާކުރެވުނަސް ހިތަށް އެރީ އަހަރެން އަދި ފަހުން ނަމަވެސް ރިސޯޓެއްގައި ގެސްޓުންނަށް ގިޓާކުޅެ ލަވަކިޔައިދޭނަމޭ. އެ މީހުން އުފާކޮށްލަދޭނަމޭ."

ޒަކިއްޓެ؛ ހަޔާތާ އެކު މީހާ ވެސް ބަދަލުކޮށްލައިފި
ޒަކިއްޓެ؛ ހަޔާތާ އެކު މީހާ ވެސް ބަދަލުކޮށްލައިފި

މިއަދު މިއީ އޭގެ އަހަރުތަކެއް ފަހެވެ. -- މއ. ހިއްތަލަވިލާ ގޭގެ ހިތްޗާއި ހަޔާތުގެ ހިތީގައި ތަތްތެޅެމުން ދިޔަ އެ އިރުފާންގެ ދިރިއުޅުން އެއްކޮށް ބަދަލުވެއްޖެއެވެ. 'ޒަކިއްޓެ' ގެ ނަމުގައި މުޅި ރާއްޖެ އަށް މަޝްހޫރުވި މި ޒުވާން ލަވަކިޔުންތެރިޔާ އަކީ މިއަދު ރާއްޖެ އަށް ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ގެސްޓުންތަކެއް ގޮވައިގެން ކޮންމެ ދުވަހަކުވެސް އެ މީހުން ހެއްވައި، އުފާކޮށް، ހިތްހަމަޖެއްސުމުގައި އެފަދަ ދެ ވަނައެއް ނެތް ރޯލެއް ރެއާއި ދުވާލު އަދާކުރަމުން އަންނަ ޒުވާނެކެވެ.

ޒަކިއްޓެ؛ ހަޔާތާ އެކު މީހާ ވެސް ބަދަލުކޮށްލައިފި
ޒަކިއްޓެ؛ ހަޔާތާ އެކު މީހާ ވެސް ބަދަލުކޮށްލައިފި

ޖޯޝާއި ފޯރިން ފުރިފައިވީ މި ޒަކިއްޓެ، ހަމަ ރަނގަޅަށް ވެސް 'ހަސަން އިރުފާން' ގެ ލައިފް އެއްކޮށް ބަދަލުކޮށްލައިފި އެވެ.

އޮބްލޫ ސެލެކްޓް ސަންގެލި ރިސޯޓުގައި މި ވަގުތު ރެކްރިއޭޝަން މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ޒަކިއްޓެއާ މެދުގައި ކުރާނެ ހަމަ އެއްވެސް ޝަކުވާއެއް އެއްވެސް ގެސްޓަކަށް މިއަދަކު ނުފެނެއެވެ. އޭނާ އަކީ އެ އެންމެންގެ އެންމެ ފެވަރިޓް ހޯސްޓެވެ. އެ އެންމެނަށް ފެންނަ އެންމެ މޮޅު އެއް ލަވަކިޔުންތެރިޔާ އެވެ. އެންމެ މޮޅު އެއް އެންޓަޓެއިނާ އެވެ. އެ މީހުންގެ ޗުއްޓީގެ އެންމެ ބޮޑު ބައިވެރިޔާ އެވެ.

އޮބްލޫ ސެލެކްޓް ސަންގެއްޔަށް އަންނަ ޓޫރިސްޓުން ހިތްހަމަޖައްސައި ފޫހިފިލުވައިދިނުމުގައި ޒަކިއްޓެ ކުޅެމުން ދަނީ 'ސުޕަސްޓާރެއް'ގެ ރޯލެވެ. ނަމަވެސް އަލީ ރަމީޒުގެ ފޭނުންނަށް ފަހަރުގައި އަދިވެސް ޒަކިއްޓެ ކަމުނުގޮސްދާނެ އެވެ.

އެކަމަކު ބަޔަކު އަދި ކިތަންމެ ފޫއްސެއްވިޔަސް އޭނާގެ ދިރިއުޅުމުގެ މި ވާހަކަ އަކީ އެއްގޮތަކަށް ވެސް ފޫހި ވާހަކައެއް ނޫނެވެ.

ޒަކިއްޓެ އޭނާގެ ހަތް ސިބްލިންނާ އެކު އުޅެ ބޮޑުވި ހިއްތަލަވިލާގެ އަކީ ތަރިންގެ ގެއެކެވެ. އެކްޓަރުންނާއި ލަވަކިޔުންތެރިންނާއި ކުޅަދާނަ ރާޅާއެޅުންތެރިން އެ ފުރާޅެއްގެ ދަށަށް ބޮޑުވި ގެއެކެވެ. އެކަމަކު އެ ފުރާޅު ދަށުގައި ހޭދަކުރި އެންމެ ކުރީގެ ދުވަސްތައް ހަނދާންކޮށް ދެމުން ޒަކިއްޓެ ބުނީ އެ ގެއިން ހުނަރާއި ތަރިންތަކެއް ސްޓޭޖަށް ނެރެދިނަސް އެންމެ ހިތްދަތި ހަޔާތަކީ އެ ގޭގައިވީ ހަނދާންތަކެވެ.

"ކުޑައިރުގެ ވާހަކައެއް ކިޔައިދޭ ނަމަ އަހަރެން ބުނާނީ އެންމެ އުޅޭ ހިތްވި ތަނަކަށް ވާނެއޭ ސްކޫލް. އޭރު ސްކޫލަށް ވަރަށް ދާހިތްވާނެ. ވީހާ ވެސް ގިނައިރެއް ސްކޫލްގައި އުޅެވޭނެ ގޮތްތައް އަހަރެން ހޯދާނީ މުޅިން ވެސް. އެގޮތުން ސްކޫލުން ހިންގާ ހުރިހާ އިތުރު ހަރަކާތްތަކެއްގައި ވެސް ބައިވެރިވެގެން އުޅޭނީ. ހަމަ ގެއަށް ނުދާން ވެގެން،" ޒަކިއްޓެ ކިޔައިދިނެވެ.

"ސަބަބަކީ ގޭގައި އޭރު އުޅޭ ހިތެއް ނުވޭ ތެދުތެދަށް ބުނަނީ ނަމަ. ގޭ ތެރެއިން އިވޭނީ އަދި ފެންނާނީ މީހުން ހަޅޭލަވާ އަޑާއި ޒުވާބުކުރާ އަޑު އަބަދުހެން. އެހެންވީމަ ގޭތެރޭގައި އިންނަ ހިތެއް ނުވަނީ. އަހަންނަކަށް ހީއެއް ނުވޭ އެއްވެސް މީހަކު ބޭނުންވާނެހެނެއް އެކަހަލަ މާހައުލެއްގައި އުޅެ ބޮޑުވާކަށް."

އެކަމަކު ބައްޕަ އެކި ވަރުގެ ހުކުމްތަކުގައި ދުވަސްތައް ގުނަމުންދިޔައިރު ދަރިންފަތި ގޮވައިގެން އެކަނިމާއެކަނި އުޅެމުންދިޔަ މަންމައާ އެކު އެ ހިތްދަތި ހާލުގައި އުޅުން ނޫން އެހެން އިހުތިޔާރެއް ޒަކިއްޓެގެ ކުރިމަތީގައި އޭރަކު ނެތެވެ. މަންމަގެ ކުދިންގެ ތެރެއިން އެންމެ ދޮއްޓަށް ހުރި ކުއްޖާ ކައިވެނިކޮށްގެން އެހެން ގެއަކަށް ބަދަލުވުމުން މަންމައާ އެކު އާއިލާގައި ދެން ތިބި އެންމެންގެ ޒިންމާ ކޮނޑު އަޅަން ޖެހުނު މީހަކަށް ހުރީ ޒަކިއްޓެވެ.

އޯލެވެލް އަށް ކިޔަވަމުން، އުމުރުން 15 އަހަރުގައި ވަޒީފާގެ މާހައުލަށް ނުކުމެ ހިއްތަލަވިލާގެ އެ ހާލަތުން ހިތިފިލުވާނެ ގޮތްތަކެއް ހޯދަން ފުރާވަރުގައި ޒަކިއްޓެ އަށް މަޖުބޫރުވީއެވެ. ފުރާޅުދަށުގައި ކިތަންމެ ހިތްދަތި ހަޔާތެއް ފޮރުވިފައި އޮތަކަސް، އަބަދުވެސް ހެވި ދިއްލިފައިވީ މޫނަކާ އެކު މީހުންނާ ބައްދަލުކުރަން މަޖުބޫރުވީއެވެ.

"އަބަދުވެސް އެ ސަވައިވަލް މޯޑްގައި ބޮޑުވަމުންދިޔައީ. މީހުން ވަރަށް ބުނާ ވާހަކައެއް އޮވޭ، އެއީ އެންމެ ސްޓްރަގްލް ކުރާ މީހާއޭ، ނުވަތަ އެންމެ ހިތާމަވެރި ދުވަސްތަކެއް ވޭތުކުރާ މީހާއޭ އެހެންމީހުންނަށް ފެންނައިރު އެންމެ އުފާވެފައި މަޖާވެފައި ހުންނަނީ،" ޒަކިއްޓެ ބުނެލިއެވެ.

"އެއީ ވެދާނެ ހަމަ ތެދަކަށް. އަސްލު ވެސް އަޅުގަނޑު ބޭނުމެއް ނުވޭ އަހަރެން ކުޑައިރު އެ ތަޖުރިބާކުރަން ޖެހުނު ހިތްދަތި ދިރިއުޅުން އިތުރު އެއްވެސް މީހަކު ތަޖުރިބާކުރާކަށް."

އަދި އެ ލައިފާއި ހިތްދަތިކަމުގެ ވާހަކަތައް މީހުންނާ ހިއްސާކޮށް ކިޔައިދިނުމުގެ ޝައުގުވެރިކަމެއް ވެސް އޭނާގެ ކިބައިގައި ނެތެވެ. ނުވަތަ ޒަކިއްޓެ ބުނާ ގޮތުން ނަމަ ހަޔާތުގެ ހާލަތު ތަރުޖަމާކޮށްދޭނެ ގޮތްތަކެއް އޭރު ނޭނގުނީއެވެ. އެ އިހުސާސްތައް ބޭރުކުރާނެ ގޮތްތަކެއް ނޭނގުނީއެވެ.

ފަހަރުގައި، ހަޔާތުގެ އެ ހާލަތު އޭނާ ޖަހައިގެން ގެންގޮސް އެއްލައިލި ކޮންމެ ދިމާލެއްގައި "ގަނަތެޅިލަތެޅިލަ" އުޅެން އާދަވެ މަގުއޮޅި މިސްރާބު އޮޅި ލާޗާރު ހަޔާތެއް އަބަދުވެސް ކުރިމަތިން އޭރު ފާޅުވަމުންދިޔަ ސަބަބަކީ އެއީ އެވެ. އެކަމަކު ޒަކިއްޓެ އަކީ އަބަދުވެސް "ފައިޓަރެކެވެ."

އެކަމަކު އޭނާ ބުނަނީ މިހެންނެވެ.

"އަހަރެން މިއީ ހަމަ އެވަރެޖު ޖޯއެއް. އެއް އިރެއްގައި ހަމަ ކޮންސްޓެންޓް ފެއިލިއާއެކޭ ވެސް ބުނެވިދާނެ. މިހާ ހިސާބަށް އާދެވުނުއިރު ވަރަށް ގިނަ ފަހަރަށް ނުބައި މަގުތަކުން ދެވިއްޖެ، މަގުއޮޅިފައި އެބަހުރި،" ޒަކިއްޓެ ބުންޏެވެ.

"އެކަމަކު އެ އޮޅުނު މަގުން ކޮންމެ ފަހަރަކު ވެސް އަހަރެން ގޮސް ރަނގަޅު މަގަކަށް ނުކުމެފައިވި މިހިރީ."

ޒަކިއްޓެ ބުނީ ދިރިއުޅުން ކިތަންމެ 'ހާޑުވިޔަސް' ދެގޮތެއް ނުވެ ކުރިއަށް ދާން އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އަބަދުވެސް އެންމެ ގާތުގައިވީ މަންމައެވެ.

"އެންމެ ކުރިން ވަރަށް އަވަހަށް ހިތްވަރު އެލޭނެ. ކަންކަން ކުރާ ހިތްނުވެ ކަންކަމަށް ފޫހިވެދާނެ ވަރަށް ފަސޭހައިން. އަހަރެން އޭރު ވިސްނަނީ ވަގުތުން ހުރިހާ ކަމެއްގައި މޮޅުވާން. އެންމެ މައްޗަށް އަރަން. އެގޮތަށް އެކަން ނުކުރެވުނީމަ ފޫހިވަނީ. އޭރަކު ނުވިސްނޭ ކާމިޔާބު ލިބޭ ގޮތަކީ އެއް ކަމެއްގައި ދެގޮތެއް ނުވެ ދެމިހުރެގެން ކަމެއް،" ޒަކިއްޓެ ކިޔައިދިނެވެ.

"އެއީ ކަންކަމުގައި ކުރިއަށް ދާން ލިބުނު އެންމެ ބޮޑު ހިތްވަރަކީ. ފޫހިވިޔަސް، މޮޅުނުވިޔަސް އަދި އެބުނާ ޓެލެންޓް އަހަރެންގެ ކިބައިގައި ނެތަސް، ހަޔާތުގެ ދަތުރުގައި ކުރިއަށް ދާން ލިބުނު އެންމެ ބޮޑު ހިތްވަރަކީ މަންމަ ދެއްކި ނަމޫނާ."

"ފުރަތަމަ އަހަރެންނަކީ ވެސް މީހުން އުފާކޮށްދޭން، އެހެން މީހުން ޕްލީޒްކުރަން، އެމީހުންގެ ތައުރީފު ހޯދަން ކަންކަން ކުރި މީހެއް. އެކަމަކު މިއަދު އަހަރެންގެ އެ ވިސްނުމެއް ނެތް. މިއަދު އަހަރެން ކަންކަން ކުރަނީ އަހަރެންގެ އަމިއްލަ ނަފުސަށް އިސްކަން ދީގެން. މީހުން ރުއްސައި އެ މީހުންގެ ތައުރީފު ހޯދާކަށް ނޫން."

ޒަކިއްޓެ އަށް އޭނާގެ ދިރިއުޅުން ނަގައިދިން ފިލާވަޅުތައް ވަރަށް ވެސް ބައިވަރެވެ. އެގޮތުން އޭނާ ފާހަގަކޮށް ކިޔައިދިން އެންމެ މުހިންމު ވާހަކަ އަކީ ކަމެއްގައި ކާމިޔާބުވުމަށް، އެ ކަމެއްގައި ދެގޮތެއް ނުވެ ދެމިހުރުމުގެ މުހިންމުކަމެވެ. މިސާލަކަށް ޒަކިއްޓެގެ މިއުޒިކީ ހަޔާތެވެ. މިއަދު އޭނާ ގޮސް ފަސްތަރީގެ ރިސޯޓެއްގައި ރެކްރިއޭޝަން މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުން މިއުޒިކް ލައިފް އާރޯކުރަމުން ގެންދާއިރު ޒަކިއްޓެ ބުނަނީ އެއީ ފޭނުންގެ ލޯތްބާއި ފާޑުކިޔުންތެރިންގެ ފުރައްސާރާގައި ވެސް ދެގޮތެއް ނުވެ ދެމިހުރުމުގެ ނަތީޖާއެއް ކަމަށެވެ.

"އަހަރެން ރިސޯޓެއްގައި އަލަށް މި ބުނިހެން ލަވަކިޔަން ފެށި ދުވަހު ގެސްޓުންނަށް ކަމުނުގޮސްގެން ކޮމްޕްލެއިންކޮށްގެން އަހަރެން އެކަން ހުއްޓާލީ. ގެސްޓުންގެ ކުރިމަތީގައި ލަވަކިޔުން ހުއްޓާލީ. އެކަމަކު ގިޓާކުޅެ ލަވަކިޔުން ހުއްޓައެއް ނުލަން،" ޒަކިއްޓެ ކިޔައިދިނެވެ.

"ދެން އަހަރެން ދިޔައީ އެހެން ރިސޯޓެއްގައި ވޯޓާ ސްޕޯޓްސްގެ ވަޒީފާއަކަށް. އެތަނަށް ދިޔައީ އަމިއްލަ އަށް ގިޓާއެއް ގަނެގެން. އެ ގިޓާ ހިފައިގެން ގޮސް ލިބުނު ހުސް ވަގުތުތަކުގައި އަހަރެން ދަސްކުރީ ހުރިހާ ކަމެއް."

މި ހިތްހަމަޖެހުމުގެ ތެރެއިން ގޮސް ޒަކިއްޓެ ދެން އެރީ މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖަށެވެ. ޒަކިއްޓެ ބުނާ ގޮތުން ނަމަ އޭނާގެ ލަވަކިޔުމުގެ ހުނަރަށް ވުރެ ބޮޑަށް އޭނާ އަށް ފުރުސަތު ހޯދައިދިނީ އޭނާގެ "އެންޓަޓެއިނިން ކެރެކްޓާ" އެވެ.

"ކޮއްކޮ އަމާންގެ އައިޑޮލް ދަތުރުން ހިތްވަރު ލިބިގެން އައިޑޮލް އަށް ދިޔައީ. އެ ދަތުރު ނިމިގެންދިޔައިރު ވެސް އެނގޭ އައިޑޮލް ކަހަލަ މުބާރާތެއްގައި ކުރިއަށް ދާވަރުގެ ޓެލެންޓާއި ހުނަރު ނެތްކަން އަހަރެންގެ ކިބައިގައި. އެކަމަކު އެ މުބާރާތުގެ އެހިސާބަށް ދެވުނީތީ ވެސް އަހަރެން ހުރީ ހައިރާންވެފައި. ހިތްހަމަޖެހިފައި،" ޒަކިއްޓެ ކިޔައިދިނެވެ.

އެކަމަކު ބައެއް ފަހަރަށް، ހަޔާތުގެ ދަތުރަކީ ވަރަށް ބޮޑު ކެއްސެކެވެ.

"އައިޑޮލްއާ އެކު ލިބުނު އެ ކުރިއެރުމަށް ފަހު އަހަރެން މިއީ ފާޑަކަށް ރާއްޖޭގައި ކެންސަލްކޮށްފައި ހުރި މީހެއް. އަލީ ރަމީޒަށް ފާޑުކިޔައިގެންނާއި ކޮވިޑްގެ ހާލަތާ ގުޅިގެން އަހަރެން އެ ދުވަސްކޮޅު އުޅެން ޖެހުނު ކުޅެލާނެ ގިގެއް ނެތި އެތައް މަސް ދުވަސް،" އައިޑޮލް އިން ލިބުނު މަޝްހޫރުކަމާއި މަގްބޫލުކަން ކުއްލިއަކަށް ފަނޑުވެގެންދިޔަ ތަޖުރިބާކިޔައިދެމުން ޒަކިއްޓެ ބުންޏެވެ.

"ދެން އެ ދުވަސްކޮޅު އޮންލައިންކޮށް ބަސްކިން ޖައްސައި މީހުންގެ ރިކްއެސްޓަށް ލަވަކިޔަން ފެށީ ކޮވިޑް ތެރޭގައި. އެކަމަކު އޭރު އެއްވެސް މީހަކު އަސްލު ބޭނުމެއް ނުވޭ އަހަންނާ އެކު އުޅޭކަށް. އަހަންނާ ގާތްވާކަށް. އަހަންނަށް ގިގެއް ހޯދައިދޭކަށް ވެސް."

އެކަމަކު ދެން ވެސް ޒަކިއްޓެ ދިޔައީ އޭނާގެ މިއުޒިކީ ހަޔާތުގެ ހުވަފެނަށް ނިދައި ހޭލަމުންނެވެ. އެހެން އުޅެނިކޮށް ކޮމަންޑޫ އައިލެންޑް ރިސޯޓުގައި ގިގު ކުޅެން ފުރުސަތު ލިބިގެން އެ ރިސޯޓުގައި ހުއްޓައި އޭނާ އަށް ފުރުސަތު ލިބެނީ އިންހައުސް މިއުޒިޝަނެއްގެ ގޮތުގައި އޮބްލޫ ސަންގެލިއާ ގުޅުމަށެވެ.

"ދެން މަސައްކަތާ ނުބައްދަލު އަގަކަށް ފުރަތަމަ ދިޔައީ ވެސް. ތިން މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ގޮސް އަހަރެން އުޅުނީ ހުރިހާ ކަމެއްގައި ވެސް އިންވޯލްވެގެން. މިއުޒިކް ކުޅުނަސް އެންމެނާ ގުޅިގެން ހުރިހާ ކަމެއްގައި ވެސް ބައިވެރިވެގެން އުޅޭ މީހެއް އަހަންނަށް އަބަދުވެސް،" ޒަކިއްޓެ ބުންޏެވެ.

"ދެން އެގޮތަށް ހަތަރު ވަނަ މަހު އެމީހުން ހުށަހަޅައިފި މި ވަޒީފާ. އަހަރެން ވަގުތުން ބުނެފިން އަހަރެން ބޭނުމެއް ނޫވޭ ރިސޯޓުން އެހެން ވަޒީފާއެއް. އަހަރެން ބޭނުންވަނީ ހަމަ މިއުޒިކް ކެރިއާގައި ކުރިއަށް ދާށޭ."

އެކަމަކު ޒަކިއްޓެ ބުނީ ލައިފަށް ރަސްމީ އެހެން ވަޒީފާއެއް މިއަދު އިތުރުވެފައިވިޔަސް އޭނާގެ މިސްރާބާއި އަމާޒު އަދިވެސް ބަދަލުނުވާ ކަމަށެވެ. ރެކްރިއޭޝަން މެނޭޖަރެއްގެ ވަޒީފާ ރިސޯޓުގައި އަދާކުރިޔަސް އޭނާގެ ހަޔާތުގައި އަދިވެސް އެންމެ ގަދައީ މިއުޒިކާއި ލަވައިގެ އަޑު ކަމަށެވެ. އަދި މި ވަޒީފާ އަކީ އެ ވޮލިއުމް އިތުރަށް ގަދަކޮށްލަ ދިން ބޯނަހެކެވެ.

"ބުނެލަން އޮތީ، ފުރާވަރުގެ އުމުރުގައި، އެނގެން ޖެހޭނެއޭ ދިރިއުޅުން ހަލާކަށް އެއްލައިލުމަކީ ކޮބައި ކަމާއި އުފަލުގައި މަޖާކުރުމަކީ ކޮބައިކަން. ކޮންމެ ކަމެއް ކުރިއަސް، ކުރިއަށް ދާނެ މަގެއް އަބަދުވެސް ހޯދާފަ ސާފުކޮށްފަ އޮންނަން ޖެހޭނެއޭ. އަދި އެ މަގަކުން ކުރިއަށް ދާން ކުރެވުނު ހުރިހާ ކަމެއް ކުރައްޗޭ. އަދި އެ މަސައްކަތުގައި އަބަދުވެސް ދެގޮތެއް ނުވެ ދެމިހުންނައްޗޭ،" މަންމަ އާއި އާއިލާ އާއި ރައްޓެހިންނާއި ފޭނުންނަށް އަދި ވަކިން ހާއްސަކޮށް ރިސޯޓްގެ މެނޭޖުމަންޓަށް ޝުކުރުވެރިވަމުން ޒަކިއްޓެ ބުންޏެވެ.

"އަހަރެންނަށް ވެސް އެންމެފަހުން މިހިސާބަށް އާދެވުނީ ދެގޮތެއް ނުވެ ހުއްޓާނުލައި ކުރި މަސައްކަތުން."