27 ފެބުރުއަރީ 2022 - 06:23

ބުދަ ދުވަހާ ގުޅޭ
"މީޒާ! މީ މެހެރީން!" ޖަނާން ބުންޏެވެ.
ގަނޑުވެފައި، އިރުކޮޅެއް ވަންދެން މީޒާއަށް ހުރެވުނީއެވެ. މެހެރީންގެ މޫނުގެ ބައްޓަމާއި ލޯ ރީތިވެފައި، އިސްކޮޅުން ދިގުވެފައި، އިސްތަށިގަނޑު ފަންވީމައި އެކަންޏެއް ނޫނެވެ. މީޒާއަށް ފެނުނީ ކުރީގެ މީޒާއެވެ. އެއިން މީޒާއަށް އެނގުނީ އެންމެ ކަމެކެވެ. ޖަނާން ލޯބިވީ މީޒާގެ ސިފަ ދެކެއެވެ. އެ ސިފަ ގެއްލުމުން އަނެއްކާ ވެސް އެ ސިފަ ހުރި އެހެން އަންހެނެއް ހޯދީއެވެ. މީޒާއަށް ރޯން ވެސް ނޭނގުނެވެ. ކުށްވެރިއަކީ ކާކުކަން ނޭނގޭތީއެވެ. އަމިއްލަ ހަށިގަނޑާ މެދު ފަރުވާކުޑަކުރެވުނީ މީޒާއަށެވެ. މައްސަލައިގެ ފެށުމަކީ އެއީއެވެ.
"ހައި!" ސަލާންކުރަން އަތްދިއްކޮށްލަމުން މެހެރީން ބުންޏެވެ. "ޖަނާން އަބަދު ދައްކާނެ މީޒާގެ ވާހަކަ."
މީޒާއަކަށް ސަލާމެއް ނުކުރެވުނެވެ. މެހެރީން ދެއްކި ވާހަކަ ގަބޫލެއް ވެސް ނުކުރެވުނެވެ. ސައުވީސް ގަޑި އިރު މީޒާގެ ވާހަކަދައްކާ ފިރިޔަކު ހިލޭއަންހެނަކު ގޮވައިގެން ގެޔަށް އައިސް އަނބިމީހާ ސިއްސައެއް ނުލާނެއެވެ. ނޫނެކެވެ. މީޒާ ހިތަށްއެރިއެވެ. ޖަނާންގެ ގެއަށް ޖަނާން ބޭނުން މީހަކު ގެނެވޭނެއެވެ. އެއީ ޖަނާންގެ ހައްގެކެވެ. މީޒާ ބޭނުންކުރީ މީޒާގެ ހައްގެވެ.
"މީ ކާކު؟" ޖަނާން ގާތުގައި މީޒާ އެހިއެވެ.
މީޒާ އެހެން އެހި އިރު ވެސް، މީޒާއަށް ފެނުނު އިންސްޓަގްރާމް އެކައުންޓުން ފެނުނު ފަޔާއި އަތުގެ ވެރިޔަކީ މެހެރީންކަން މީޒާއަށް ޔަގީނެވެ. މީޒާ ހަމަ އެކަނި ބޭނުންވީ ޖަނާންގެ ޖަވާބެވެ.
"އަހަރެން ހިތަށްއެރީ ދެ ކުދިން ބަލަންވީމަ މީޒާ މާ ބިޒީވަނީއޭ،" ޖަނާން ބުންޏެވެ. "އެހެންވެ މެހެރީން މި ގެނައީ. ބޭނުންވީ މީޒާއަށް ސަޕްރައިޒެއް ދޭން."
ނޫނެކެވެ. މީޒާ ހިތަށްއެރިއެވެ. މެހެރީނަކީ ޖަނާންގެ ލޯބިވެރިޔާއެވެ. ކުޑަކުއްޖަކަށް ވެސް އެ ވަރު އެނގޭނެއެވެ. ޖަނާން އޮޅުވައިލަން އެ އުޅެނީ ކާކަށް ހެއްޔެވެ؟ އެކަމަކު ތެދަށް ބުނަން ޖަނާނަށް ނުކުރެންޏާ މީޒާ ވެސް ދެނަހުރިކަމަކަށް ނަހަދާނެއެވެ. މައިންބަފައިންނާ ދެކޮޅަށް ޖަނާނަށް އިތުބާރުކުރެވުނުކަން މީޒާ ހަނދާނެއް ނުނެތެއެވެ. ދެ ކުދިން ގޮވައިގެން ގެއަށް ދިޔުން އެއީ ހައްލެއް ނޫނެވެ. ކެތް ނުކުރެވުމުން ނޫނީ އެ މަގެއް މީޒާ އިހުތިޔާރެއް ނުކުރާނެއެވެ. އިތުރު ވާހަކައެއް މީޒާ ނުދައްކައެވެ. ހަގީގަތް އެނގެންޏާ ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟
މެހެރީން ބަހައްޓަން ޖަނާން ބޭނުންވީ ކުދިން ނިދާ ކޮޓަރީގައެވެ. ކުދިން ބަލަން ގެނައި މީހަކު ބަހައްޓަން އެއަށް ވުރެ އެކަށީގެންވާ ތަނެއް ކޮބައި ހެއްޔެވެ؟ އެ ތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެނދެއް ވެސް ވެއްދިއެވެ. މީޒާ ހިތަށްއެރިއެވެ. އަދިވެސް މީޒާއަކީ ޖަނާންގެ އަނބިމީހާއެވެ. އެ ހައްގު އޮވެފައި، ޖަނާންގެ ގޭގައި މީޒާ ހުރިހައި ދުވަހަކު މީޒާ ބުނަން ބޭނުންވާ އެއްޗެއް ބުނާނެއެވެ. ބަސްވިކުނަސް ނުވިކުނަސް ވެހެވެ.
ވާހަކައެއްދައްކަން މީޒާއަށް ވަގުތުލިބުނީ ނިދަން ޖަނާން ގެއަށް އައުމުންނެވެ. ދެމަފިރިން ފުރަތަމަ ދިމާވި ވަގުތު މީޒާ ހުރީ ޖަނާންގެ ލޮލަށް ބަލަހައްޓައިގެންނެވެ. ޖަނާނަކަށް އެ ހިތްވަރެއް ނުލިބުނެވެ. އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ މެހެރީން ގެއަށް ގެނައީ ކުދިންބަލަން ނަމަ، މީޒާޔާ ހަތަރުކަޅި ހަމަކުރަން ޖަނާނަށް ނުކެރުނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ނަފުސު އެހާ ކުށްވެރިކުރާ ނަމަ މެހެރީން ގެއަށް ގެނައީ ކީއްކުރަން ހެއްޔެވެ؟ މީޒާ ހިތަށްއެރިއެވެ. ފިރިހެނުންނަކީ ކިހިނެއް ވިސްނާ ބަޔެއް ހެއްޔެވެ؟ ގޮންޖަހައިފައި ކަންކަން ކުރަން ބޭނުންވެއެވެ. އެހައި މާތް ވެސް ވާން ބޭނުންވެއެވެ.
"ކުދިންގެ ރޫމުގަ މެހެރީން ބާއްވާކަށް އަހަރެން ބޭނުމެއް ނޫން،" މީޒާ ވަރަށް ސާދާ ރާގެއްގައި ބުނެލިއެވެ. "އެކަމަކު މީ ޖަނާގެ ގެ. އެ ކަން ހަނދާން އެބަ ހުރި."
"މީޒާ ބޭނުން ގޮތެއް،" ޖަނާން ބުންޏެވެ. "ދެން ކޮން ތާކު.."
ޖަނާނަށް ބުނެވުނީ އެ ހިސާބަށެވެ. މީޒާއަށް ހަމަ ކެތްނުކުރެވުނީއެވެ.
"މީޒާތަ ބުނީ މެހެރީން މި ގެއަށް ގެންނާށޭ؟" ލަފުޒުތައް މުރަނަޔަސް މީޒާގެ ރާގުގައި އެ މުރަނަކަމެއް ނުބަހައްޓައެވެ. "ޖަނާއަށް އެނގޭތަ ޖަނާއަށް އަހަރެން ކިހާ ޓްރަސްޓެއްކުރިކަން؟"
"ކުރިކަމޭ ތި ބުނީ ކީއްވެގެން؟" ޖަނާން ސުވާލުކުރިއެވެ. "މިހާރަކު ނުކުރެވޭ؟ މެހެރީން ގެނައީ ހަމަ މީޒާއަށް ފަސޭހަކޮށްދޭން. އެންމެ ރަނގަޅު. އަހަރެން ތަނަކުން މެއިޑެއް ގެނައި ނަމަވެސް މީޒާ ހަމަ ތިހެން ބުނާނަންތަ؟"
"ކޮބާ ތީގެ މާނައަކީ؟" މީޒާ އެހިއެވެ.
މީޒާގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބައިންދައިފައި ޖަނާން ކައިރީގައި އިށީނެވެ.
"މީގެ މާނައަކީ..." ޖަނާން ފުން ނޭވައެއް ބޭރުކޮށްލައިފައި ބުންޏެވެ. "އަހަންނަށް ހީވަނީ މީޒާއަށް މާ ބޮޑަށް މެހެރީންގެ ސިފައަށް ބެލެނީހެން."
"އެކަމަކު އަހަންނަށް ހީވަނީ ސިފަ އިންޕޯޓަންޓްވަނީ ޖަނާއަށްހެން،" މީޒާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އަހަންނަކީ ހަމަ ކުރީގެ ވެސް އަހަރެން. ޖަނާ ދެކެ ކުރިން ވެސް އަހަރެން ލޯބިވާ ވަރަށް މިހާރު ވެސް ވޭ. ހަމަ އެކަނި ޗޭންޖުވީ އަހަރެންގެ ސިފަ. ޖަނާއަށް ވިސްނޭތަ ދެ ކުދިން ވިހާ، ދެ ކުދިންގެ ހުރިހާ ޒިންމާއެއް ނެގުމަކީ ކިހާ ބުރަކަމެއްކަން؟ ކިހާ ޓައިމެއް އެ ކަމަށް ހުސްކުރަން ޖެހޭކަން. އަހަރެންގެ ޝޭޕާ ދޭތެރޭ ވިސްނާލަން ވެސް އަހަންނަކަށް ވަގުތެއް ނުވެޔޭ!"
"އެހެންވެގެންނޭ މެހެރީން މި ގެނައީ މީޒާ!" ނަސޭހަތުގެ ރާގެއްގައި ޖަނާން ބުންޏެވެ. "މީޒާ ކިހާ ބިޒީކަން އަހަންނަށް ވިސްނެޔޭ. މީޒާއަށް ކީއްވެގެންތަ ގަބޫލުނުކުރެވެނީ؟ އަހަންނަކީ ވަގުބިޓުން ގެންގުޅޭ މީހެއް ނޫނޭ! އަހަރެން ލޯބިވާ ހުންނާނީ މީޒާ ކިޔާ އެންމެ އަންހެންކުއްޖެއް."
މީޒާ ހިތަށްއެރިއެވެ. އެއީ ހަމަ ތެދެއް ހެއްޔެވެ؟ މެހެރީން ރީތިވީމައި މީޒާއަށް ކުށްހީއެއް ކުރެވުނީ ހެއްޔެވެ؟ ކުދިން ބަލަން ޒުވާން އަންހެންކުދިން ގެއަށް ގެނައުމަކީ އިއްޔެއަކު ނޫނީ މިއަދަކު ފެށުނުކަމެއް ނޫނެވެ. މީޒާ ކުޑަ އިރު މީޒާ ބަލަން ވެސް ގެއަށް މީހުން ގެންނަ ހަނދާނެއް މީޒާ ވިއެވެ.
"ސްޓޯރޫމްގަ ހުރި އެއްޗެހި ޓެރަސްގަ ހުންނަ ސްޓޯރޫމަށް ލާފަ، މެހެރީނަށް ސްޓޯރޫމް ރެޑީކުރަންވީނު؟" މީޒާ އެދުނެވެ.
ޖަނާން ކަންތައްކުރީ މީޒާ ބުނި ގޮތަށެވެ. ގުދަނެއް ގޮތުގައި ބޭނުންކުރި ކޮޓަރިއަކީ ވެސް، އެހެން ކޮޓަރިތަކާ އެއް ފެންވަރެއްގެ ކޮޓަރިއެކެވެ. ފާހާނާ ވެސް ހުއްޓެވެ. ނެތީ އެނދާއި އޭސީއެވެ. އޭސީއެއް ބަހައްޓަން މީޒާ ދެކޮޅެވެ. އަނެއް މައްސަލަ ކުރިމަތިވީއެވެ. މެހެރީން ޝަކުވާއެއް ނުކުރެއެވެ. އެކަމަކު ހަގީގަތް ބަދަލެއް ނުކުރެވުނެވެ. އޭސީ ނެތުމުން އެ ކޮޓަރި ވަރަށް ހޫނެވެ. ތަން ކިތަންމެ ސާފުތާހިރުވެފައި ރީތި ނަމަވެސް ހީވަނީ އަވަނެއްހެންނެވެ.
އުޅޭއުޅުމުގައި މެހެރީނަށް ޖަނާން ދިނީ ގެންގުޅޭ ކުއްޖެއްގެ ދަރަޖައެއް ނޫނެވެ. އެ ދެމެދުގައި ގާތް އެކުވެރިކަމެއް އޮވެއެވެ. ޖަނާން ބުނި ގޮތުގައި މެހެރީނަކީ ޖަނާންގެ ގާތް އެކުވެރިއެއްގެ ދަރިޔެކެވެ. މެހެރީނާ ވިޔާނުދާ ޒުވާނަކު އަޅައިގަތީއެވެ. އެހެންވެ އެ ޒުވާނާގެ ކިބައިން މެހެރީން ސަލާމަތްކުރަން، ސިއްރުން މާލެ ފޮނުވައިލަން ޖެހުނީއެވެ. އެ ދަނޑިވަޅުގެ ބޭނުން ޖަނާން ހިފީއެވެ. އެ ހުރިހައި ވާހަކައެއް ވެސް ދެއްކީ ޖަނާނެވެ. ގަބޫލުކުރުން ނޫން އެހެން ގޮތެއް މީޒާއަކަށް ނެތެވެ. މީޒާ ބޭނުންވަނީ މީޒާގެ މަންމައަށް އެއިން އެއްވެސް ކަމެއް ނޭނގޭށެވެ.
މެހެރީން ގެއަށް އައި ފަހުން މީޒާއަކަށް ހަމަ ނިންޖެއް ނުލިބެއެވެ. ހިތުގައި އުފެދޭ ވަސްވާސްތަކެއްގެ ސަބަބުން ނިދަން އުނދަގޫވަނީއެވެ. މެހެރީނާ ބެހޭ ބިރުވެރި ހުވަފެން ވެސް ފެނެއެވެ. ބައެއް ރޭރޭ ތިން ފަހަރު ވެސް މީޒާއަށް ހޭލެވެއެވެ. ހޭލެވޭ ކޮންމެ ފަހަރަކު މީޒާއަށް ބަލައިލެވެނީ ޖަނާން ކޮބައިތޯއެވެ. ޖަނާން އޮންނަނީ ގަދަ ނިދީގައެވެ. މީޒާ ނިދިމަދުވެއްޖެކަން ޖަނާނަށް އެނގެއެވެ. ދެން މީޒާއަށް ނިދެނީ ދުވާލުއެވެ. އެއީ އަނެއް ބިރެވެ. ސަލާމަތެއް ނެތެވެ. ދެ ދަރިން މެހެރީނަށް ދޫކޮށްލައިފައި ނިދާކަށް މީޒާއަކަށް ފަސޭހައެއް ނޫނެވެ. ދަރިންނަށް ކަމެއް ނުވާނެކަން މީޒާއަށް އެނގެއެވެ. މައްސަލައަކީ އެހެން މައްސަލައެކެވެ. އެކަމަކު ބައެއް ދުވަސްދުވަހު، ނުނިދަން އޮއްވައި ވެސް ނިދެއެވެ. ހޭލެވެނީ ސިއްސައިގެންގޮހެވެ. އަވަސްއަވަހަށް ނުކުމެގެން ގޮސް ބަލައިލާ އިރު މެހެރީން އިންނަނީ ކުދިން ކައިރީގައެވެ. ބައެއް ފަހަރު މެހެރީނާ އެކުގައި ޖަނާން ވެސް އިނދެއެވެ. މައްސަލައެއް ޖައްސާނީ ކިހިނެއް ހެއްޔެވެ؟ ޖަނާނަކީ ކުދިންގެ ބައްޕައެވެ.
ރޭތަކު ތެރެއިން ރެޔެކެވެ. ރޭގަނޑު ނުވައެއްޖަހަން އުޅެނިކޮށް ވާރޭވެހެން ފެށިއެވެ. އޭރު އަދި ޖަނާން ގެޔަކަށް ނާދެއެވެ. މީޒާ އޮތީ ޝަހުދުގެ އެނދުގައެވެ. ނިދިފައި އެއް ފަހަރު ހޭލެވުނު އިރު، ކުރިމަތީގައި ޖަނާން ހުރިހެން ހީވިއެވެ. ކޮންމެވެސް އެއްޗެއް ބުނިހެން ވެސް ހީވިއެވެ. ދެން ހޭލެވުނީ ދަންވަރުއެވެ. އާންމުކޮށް ހޭލެވޭ ގޮތަށް، ސިއްސައިގެން ގޮހެވެ. އޭރު ވެސް ވާރޭވެހެއެވެ. ގަޑި ބަލައިލި އިރު ދަންވަރު ދޭއްޖަހަނީއެވެ. މީޒާ ހިތަށްއެރިއެވެ. އަދިވެސް ޖަނާން ގެއަށް ނާންނަނީ ހެއްޔެވެ؟ ފޯނުކުރަން އުޅެނިކޮށް މީޒާގެ ކޮޓަރީގެ ދޮރު ލެއްޕި އަޑު އިވުނުހެން މީޒާއަށް ހީވިއެވެ. މީޒާ ފުންމައިގެން ތެދުވިއެވެ. ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވައިލިއެވެ. ބޮޑުކޮޓަރި އޮތީ އަނދިކޮށެވެ. ފަޅުކޮށެވެ. މެހެރީންގެ ކޮޓަރީގެ ދޮރު ހުރީ ހުޅުވައިފައެވެ. އެއީ އާންމުކޮށް ހުންނަ ގޮތެވެ. ކޮޓަރި ހޫނުކަމުން މެހެރީން ބަހައްޓަނީ ދޮރު ހުޅުވައިފައެވެ. އެހެނަސް، ވިއްސާރަ ރެޔަކު ދޮރު ހުޅުވައިފައި ހުރީ ކީއްވެގެން ހެއްޔެވެ؟ މީޒާ ގޮސް އެ ކޮޓަރީގެ ދޮރުމައްޗަށް އެރިއެވެ. މެހެރީން އޮތީ ނިދައި މަރުވެފައެވެ. އޭނަ ލައިގެން އޮތް ނިދާހެދުން މީޒާއަކަށް ކަމަކުނުދިޔައެވެ.
"ހަރުވާޅެއް ލައިގެން އޮންނާށޭ ބުނީމަ ވެސް..." ހިތާހިތުން މީޒާއަށް ބުނެވުނެވެ.
ކޮޓަރީގެ ދޮރު ލައްޕައިލައިފައި މީޒާ ގޮސް މީޒާގެ ކޮޓަރިއަށް ވަނެވެ. ޖަނާނެއް ނެތެވެ. ރަނގަޅަށް ވިސްނައިލި އިރު ޖަނާން އުޅެނީ ފާހާނައިގައެވެ. ފެންވަރާ އަޑު އިވޭހެން މީޒާއަށް ހީވިއެވެ. އެނދުގައި އިށީނދެލައިގެން މީޒާ ވިސްނަން އިނެވެ. އިރުކޮޅަކުން ޖަނާން ފާހާނައިން ނުކުތެވެ. ޔަގީނުން ވެސް ފެންވަރައިގެންނެވެ. މީޒާ ފެނިފައި ޖަނާނަށް ސިހުމެއް ލިބުނެވެ. އެ ކަމަށް ވިސްނައިގެން އިނުމުން މީޒާއަށް އެ މަންޒަރު ފެނުނެވެ.
"ފެންވެރީތަ؟" މީޒާ ސުވާލުކުރިއެވެ.
ނުނިމޭ