ރަންގްނިކާއެކު ވެސް ޔުނައިޓެޑަށް ވަޓްފޯޑް ބައްޔެއް ނުކުރެވުނު
ރަންގްނިކާއެކު ވެސް ޔުނައިޓެޑަށް ވަޓްފޯޑް ބައްޔެއް ނުކުރެވުނު

މެންޗެސްޓާ (ފެބްރުއަރީ 26) - މި ސީޒަނުގައި ރެލިގޭޓްވެދާނެ ކަމުގެ ބިރު ހީވެފައިވާ ވަޓްފޯޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

ރަންގްނިކާއެކު ވެސް ޔުނައިޓެޑަށް ވަޓްފޯޑް ބައްޔެއް ނުކުރެވުނު
ރަންގްނިކާއެކު ވެސް ޔުނައިޓެޑަށް ވަޓްފޯޑް ބައްޔެއް ނުކުރެވުނު

އެއް ސީޒަނުގެ މެދުކެނޑުމަކަށް ފަހު، މިދިޔަ ސީޒަނުގެ އިނގިރޭސި ޗެމްޕިއަންޝިޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޕްރިމިއާ ލީގަށް އަލުން ޕްރޮމޯޓްވެ، ވަޓްފޯޑުން ލީގުގައި އެންމެ ފުރަތަމަ ކުޅުނު މެޗުން އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި 4-1 އިން ޔުނައިޓެޑް ބަލިކޮށްފަ އެވެ. އެއީ އެންމެ ފަހުން ޔުނައިޓެޑަށް ކޯޗު ކޮށްދިން އޮލެ ގުނަ ސޯލްޝެއާގެ އެންމެ ފަހު މެޗެވެ.

ރަންގްނިކާއެކު ވެސް ޔުނައިޓެޑަށް ވަޓްފޯޑް ބައްޔެއް ނުކުރެވުނު
ރަންގްނިކާއެކު ވެސް ޔުނައިޓެޑަށް ވަޓްފޯޑް ބައްޔެއް ނުކުރެވުނު

ޔުނައިޓެޑަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނަސް އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ގޮތެއް ނުވި އެވެ. މެޗުގެ 15 ވަނަ މިނިޓުގައި އެލެކްސް ޓެލެސް ދިން ބޯޅައަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވައިލިޔަސް އޭނާ ހުރީ އޮފްސައިޑްގަ އެވެ.

ސޯލްޝެއާ ވަކިކުރިއިރު، ޔުނައިޓެޑް އޮތީ ޓޭބަލްގެ ހަތްވަނައިގަ އެވެ. އޭގެ ފަހުން ޔުނައިޓެޑާ ހަވާލުވީ ޖަރުމަންގެ ރާލްފް ރަންގްނިކެވެ. ރަންގްނިކާ އެކު ޔުނައިޓެޑު ވަނީ ނަތީޖާ ކުރިއަށް ވުރެ ރަނގަޅުކޮށް ގަދަ ހަތަރަކަށް ޖެހިލައިފަ އެވެ. ޔުނައިޓެޑް މި ވަގުތު ލީގުގެ ހަތަރުވަނައިގައި އޮތީ 27 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް ވަނީ 25 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.

ޔުނައިޓެޑުގެ ފަހަތުގައި ޓޭބަލްގެ ފަސްވަނައިގައި އޮތީ 24 މެޗު ކުޅެގެން 45 ޕޮއިންޓް ހޯދާފައިވާ އާސެނަލް އެވެ. އާސެނަލް ވަނީ އެންމެ ފަހު ވަގުތު ވުލްވްސް އަތުން 2-1 އިން މޮޅުވެފަ އެވެ. ވުލްވްސްގެ ދެކުނު ކޮރެއާގެ ފޯވާޑް ހްވަންގް ހީ ޗަން މެޗުގެ 10 ވަނަ މިނިޓުގައި ޖެހި ލަނޑުން މެޗު ނިމެން ދަނިކޮށް އާސެނަލް އަށް އެއްވަރު ކޮށްދިނީ 82 ވަނަ މިނިޓުގައި ނިކޮލަސް ޕެޕޭ އެވެ. އަދި އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި އާސެނަލް މޮޅުވި ލަނޑަކީ ވުލްވްސްގެ ކީޕަރު ޖޯސޭ ސާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ރަންގްނިކާ އެކު ޔުނައިޓެޑުން ލީގުގައި 13 މެޗު ކުޅެފައި ވާއިރު، ބަލިވީ އެންމެ މެޗަކުންނެވެ. އެއީ މި އަހަރުގެ އެންމެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ވުލްވްސް އާ ދެކޮޅަށް ކުޅުނު މެޗެވެ. މޮޅުވެފައި ވަނީ ހަތް މެޗުންނެވެ.

ވަޓްފޯޑާ ކުޅުނު މެޗު މިރޭ އެއްވަރު ވުމުގެ ކުރިން ޔުނައިޓެޑް ވަނީ ރަންގްނިކާއެކު ނިއުކާސަލް ޔުނައިޓެޑާއި އެސްޓަން ވިލާ އާއި ބާންލީ އާއި ސައުތެމްޓަން އަތުން ވެސް އެއްވަރު ވެފަ އެވެ. ނިއުކާސަލް އާއި ބާންލީއާ އެއްވަރުވި އިރު އެ ދެ ޓީމު ވެސް އޮތީ ރެލިގޭޝަން ޒޯނުގަ އެވެ.

މިރޭ ލިބުނު ޕޮއިންޓާ އެކު ވަޓްފޯޑް އޮތީ 26 މެޗުން ހޯދި 19 ޕޮއިންޓާއެކު 19 ވަނައިގަ އެވެ. ވަޓްފޯޑަށް ވުރެ ދެ ޕޮއިންޓް މަދުން ޓޭބަލްގެ ފުލުގައި އޮތީ ސައުތެމްޓަން އަތުން 2-0 އިން ބަލިވި ނޯރިޗް ސިޓީ އެވެ.

ނިއުކާސަލް ވަނީ މިރޭ ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅެ 2-0 އިން މެޗު ކާމިޔާބުކޮށް ޓޭބަލްގެ 14 ވަނައަށް ޖެހިލައިފަ އެވެ. މެޗުގެ 11 ވަނަ މިނިޓުގައި ބްރެންޓްފޯޑުގެ ޖޯޝް ޑަސިލްވާ އަށް ރަތް ކާޑު ދެއްކުމުން ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ. ރަތް ކާޑަށް ފަހު ނިއުކާސަލްގެ ޖޮއެލިންޓަން އާއި ޖޯ ވިލޮކް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ ލަނޑުތައް ޖަހައިދީފަ އެވެ.

ފަހު ހާފުގައި މެޗުގެ 52 ވަނަ މިނިޓުގައި ވަނީ ބްރެންޓްފޯޑާ އަލަށް ގުޅުނު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެން 259 ދުވަހަށް ފަހު ކުޅެން އަރައިފަ އެވެ. މިދިޔަ އަހަރު ޔޫރޯ މުބާރާތުގައި ހިތް ހުއްޓިގެން، ފަރުވާއަށް ފަހު ކުޅެން އައި އެރިކްސަން އެރީ މެތިއަސް ޖެންސެންގެ ބަދަލުގަ އެވެ. ޖެންސެން އަކީ ޔޫރޯ މުބާރާތުގައި އެރިކްސެން ބަދަލުކުރަން ޖެހުމުން އޭނާގެ ބަދަލުގައި ކުޅެން އެރި ކުޅުންތެރިޔާ އެވެ.

މިރޭގެ މެޗަކީ ނިއުކާސަލް އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން އެޓީމު މޮޅުވި ހަތަރުވަނަ މެޗެވެ. އަދި އެންމެ ފަހުން އެޓީމު ކުޅުނު ހަތް މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރެލިގޭޝަން ޒޯނުގައި އޮތް ބާންލީ އަތުން ބަލިވި ޓޮޓެންހަމް ހޮޓްސްޕާ ވަނީ މިރޭ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑް 4-0 އިން ބަލިކޮށްފަ އެވެ. ޓޮޓެންހަމްގެ ލަނޑުތައް ޖަހައިދިނީ މެޓް ޑޮހަޓީ އާއި ޑެޔަން ކުލުސެވްސްކީ އަދި ހެރީ ކޭން އާއި ސޮން ހެއުން މިން އެވެ.

މި ނަތީޖާއާ އެކު ޓޮޓެންހަމް އޮތީ 42 ޕޮއިންޓާ އެކު ޓޭބަލްގެ ހަތްވަނައިގަ އެވެ. ލީޑްސް އޮތީ 23 ޕޮއިންޓާ އެކު 17 ވަނައިގަ އެވެ. އަދި 19 ވަނައިގައި އޮތީ މިދިޔަ ހަފްތާ ޓޮޓެންހަމް ބަލިކުރި ބާންލީ އެވެ. ބާންލީ ވަނީ މިރޭ ކްރިސްޓަލް ޕެލަސްއާ ކުޅެ 1-1 އިން އެއްވަރު ކޮށްފަ އެވެ.