26 ފެބުރުއަރީ 2022 - 21:32

ދިރުވާލައިގެން ރާއްޖެ އަށް އެތެރެ ކުރަން އުޅުން ރަންތަކެއް ދައުލަތަށް ނަގައި، އެކަން ކުރި އިންޑިޔާ ރައްޔިތަކު 60،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޑިސެމްބަރު 30، 2021 ގައި އެމިރޭޓްސްގެ ފްލައިޓަކުން އައި ސަޔިދު މުބާރަކް ސަޔިދު ވަޖުހުއްދީންގެ ހަރަކާތްތައް ހުރި ގޮތުން އޭނާ އާ މެދު ޝައްކު އުފެދިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޕެސެންޖާ ކްލިއަރަންސް ސެކްޝަންގައި ހުންނަ ބޮޑީ ސްކޭން މެޝިނުން ވަނީ އޭނާގެ ހަށިގަނޑު ސްކޭން ކޮށްފަ އެވެ.
އެ ސްކޭނުން އޭނާގެ ހަށިގަނޑުގައި އެއްޗެއް ފޮރުވާފައި ހުރި ކަން ފާހަގަ ކުރެވިގެން އޭނާ ސްޕެޝަލް އޮޕަރޭޝަންސް ސެކްޝަނާ ހަވާލު ކުރުމުން އެ ތަކެތި އަމިއްލަ އަށް ނަގަން އެއްބަސްވި އެވެ. އަދި ކަސްޓަމްސްގެ ހެޑް އޮފީހުގެ ފާހަނަ އަށް ބޮޑުކަމުދިޔަ އިރު ބޭރުވި ތިން ބުލެޓުގައި ހުރީ ރަން ކަަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ.
ދައުލަތުން ވަނީ އޭނާ އަތުން ފެނުން ރަންތައް ކަސްޓަމްސް އަށް ނަގައި ދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.
އެ މައްސަލާގައި ކުރިއަށް ދިޔަ ޝަރީއަތްތަކުގައި އިންޑިޔާ މީހާ ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާ އަށް އިއުތިރާފްވެފަ އެވެ. އަދި އެ މައްސަލާގައި ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވަނީ ހަދައިފަ އެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ސަޔިދު މުބާރަކް ސަޔިދު ވަޖުހުއްދީން މައްޗަށް ކުރާ ސިއްރުން މުދާ އެތެރެ ކުރުމުގެ ކުށުގެ ދައުވާ އަށް އޭނާ އިއުތިރާފްވެފައިވާތީ ޝައްކެއް ނެތް މިންވަރަށް އެކަން ސާބިތުވެފައިވާ ކަމަށެވެ. އަދި އޭނާ އަތުން ހޯދި ރަން ދައުލަތަށް ނެގުމަށާއި 60،000ރ. އިން ޖޫރިމަނާ ކުރުމަށް އެ ކޯޓުން ހުކުމް ކުރި އެވެ.
ޖޫރިމަނާގެ ފައިސާ ފަސް ދުވަސް ތެރޭގައި ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.