ފިލްމު ފްލޮޕް ވާނެ ކަމަށް ބުނި ކަންގަނާ އަށް "ގަންގޫބާއީ" ރީތިވެއްޖެ
ފިލްމު ފްލޮޕް ވާނެ ކަމަށް ބުނި ކަންގަނާ އަށް "ގަންގޫބާއީ" ރީތިވެއްޖެ

ބޮލިވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ" ފްލޮޕް ވާނެ ކަމަށް ބުނި ބަތަލާ ކަންގަނާ ރަނައުތު އެ ފިލްމު ބެލުމަށް ފަހު، އެ ޓީމަށް ތައުރީފުކޮށްފި އެވެ.

އިއްޔެ ރިލީޒްކުރި "ގަންގޫބާއީ" ގައި ގަންގޫގެ ރޯލުން ފެންނަނީ އާލިއާ ބަޓެވެ. އާލިއާ އަށް އަދި ފިލްމުގެ ޓީމަށް "ހެއްދެވި ނުހެއްދެވިއަށް" ކަންގަނާ ގޮވީ އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ފިލްމު ރިލީޒްކުރުމުގެ ކުރިން ކަންގަނާ ބުނީ ހުކުރު ދުވަހު ބޮކްސް އޮފީހުގައި 200 ކްރޯޑް ރުޕީސް އަނދާ އަޅި އަށް ވާނެ ކަމަށެވެ. އެ ޕޯސްޓުގައި ކަންގަނާ އާލިއާގެ ނަން ނުހިމެނިޔަސް، "މޫވީ މާފިއާގެ ޕަރީ" ކަމަށް ބުނެ ވަރަށް ފާޑުކިޔެވެ.

އެކްޓުކުރަން އާލިއާ އަށް ނޭނގޭ ކަމަށް ބުނެ ޕޯސްޓްކުރިޔަސް އެ ފިލްމު ބެލުމަށް ފަހު ކަންގަނާ ވަނީ "މޫވީ މާފިއާ" ގެ މި ފިލްމު ރީތި ކަމަށް ބުނެފަ އެވެ.

"ހިއެއް ނުކުރަން މޫވީ މާފިއާގެ ފިލްމެއް މިހާ ރަނގަޅުވާނެ ކަމަކަށް. މިއީ ވަރަށް ރަނގަޅު މަސައްކަތެއް. އެމީހުން ރަނގަޅު މަސައްކަތެއްކޮށްފިއްޔާ އަހަރެމެން އެ ވާހަކަ ވެސް ދައްކާނަން. އަދި ރަނގަޅުވާނެ ކަމަށް އުއްމީދުކުރަނީ،" ކަންގަނާގެ ޕޯސްޓުގައި ބުންޏެވެ.

ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ފިލްމުގައި އާލިއާ ދައްކައިދިން އެކްޓިން ކަމުގޮސްގެން ގިނަ ބަޔަކު އޭނާ އަށް ވެސް ތައުރީފުކުރެ އެވެ. ބެލުންތެރިންނަށް ފިލްމު ރީތިވެ، ވިޔަފާރީ ރަނގަޅުވި ނަމަވެސް، އިންޑިއާގެ ފިލްމު ކްރިޓިކުން މި ފިލްމަށް ދީފައި ވަނީ ވަރަށް ދަށް ރޭޓިންއެކެވެ.