ރަޝިއާއާ ދެކޮޅަށް ކުޅޭ މެޗު ޕޮލެންޑުން ބޮއިކޮޓް ކުރަނީ
ރަޝިއާއާ ދެކޮޅަށް ކުޅޭ މެޗު ޕޮލެންޑުން ބޮއިކޮޓް ކުރަނީ

ވޯސޯ، ޕޮލެންޑް (ފެބްރުއަރީ 26) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރަޝިއާއާ ދެކޮޅަށް އަންނަ މަހު ކުޅެން އޮތް ޕްލޭއޮފް މެޗު ކުޅެން ބޭނުން ނުވާ ކަމަށް ޕޮލެންޑުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސް ސެޒާރީ ކުލޭޝާ ވިދާޅުވެއްޖެ އެވެ.

ރަޝިއާއާ ދެކޮޅަށް ކުޅޭ މެޗު ޕޮލެންޑުން ބޮއިކޮޓް ކުރަނީ
ރަޝިއާއާ ދެކޮޅަށް ކުޅޭ މެޗު ޕޮލެންޑުން ބޮއިކޮޓް ކުރަނީ

ސެޒާރީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވާހަކަ މަދުކޮށް އަމަލުން އެކަން ދައްކަންވީ ވަގުތު ކަމާއި، ރަޝިއާ އިން ބާރުގެ ބޭނުންކޮށް ޔޫކްރޭނަށް ވެރިވެގަނެގެން ހިންގަމުންދާ އަމަލުތަކާ ގުޅިގެން އެ ގައުމުން ޕްލޭއޮފްގައި ރަޝިއާއާ ދެކޮޅަށް ކުޅެން ތާވަލް ކުރެވިފައިވާ މެޗު ކުޅެން ބޭނުން ނުވާ ކަމަށެވެ.

ޕޮލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ވެސް ވަނީ އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ކުރެއްވި ޓްވީޓަށް ތާއީދުކޮށް އޭނާގެ ބަސް ވެސް ހާމަކޮށްފަ އެވެ. ލެވަންޑޯސްކީގެ ޓްވީޓުގައި ވަނީ، ރައީސްގެ ނިންމެވުމަކީ އެންމެ ރަނގަޅު ނިންމެވުން ކަމަށެވެ. އަދި ރަޝިއާ ސަރުކާރާއި ސިފައިން ހިންގަމުން ގެންދާ އަމަލުތަކުގެ ސަބަބުން ރަޝިއާގެ ފުޓުބޯޅަ ކުޅުންތެރިންނާއި ސަޕޯޓަރުން ޒިންމާވާން ނުޖެހޭ ކަމަށާއި، ނަމަވެސް މިއީ ނުވާ ކަމަކަށް ހަދައިގެން މަޑުމަޑުން ތިބެވެން ނެތް ކަމަށް ވެސް ލެވަންޑޯސްކީގެ ޓްވީޓުގައިވެ އެވެ.

ޕްލޭއޮފްގައި ޕޮލެންޑުން ރަޝިއާގެ ގައުމީ ޓީމާ ދެކޮޅަށް އަންނަ މާޗު 24 ވަނަ ދުވަހު ކުޅެން ވަނީ ހަމަޖެހިފަ އެވެ. އަދި ހަމަ އެ ދުވަހު ޔޫކްރޭނުން ޕްލޭއޮފްގައި ނުކުންނާނީ ސްކޮޓްލެންޑުގައި، ސްކޮޓްލެންޑް ގައުމީ ޓީމާ ދެކޮޅަށެވެ.

ޕޮލެންޑުގެ އިތުރުން ސްވިޑެން އާއި ޗެކް ރިޕަބްލިކުން ވެސް ވަނީ ވޯލްޑް ކަޕް ޕްލޭއޮފް މެޗްތައް ރަޝިއާގައި ބޭއްވުމާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ބަޔާނެއް ނެރެފަ އެވެ. މި ތިން ގައުމާ އެކު ރަޝިއާ ހިމެނޭ ޕްލޭއޮފް ބުރުގައި ރަޝިއާ އާއި ޕޮލެންޑު ކުޅެން އޮތް މެޗުން ރަޝިއާ މޮޅު ވެއްޖެ ނަމަ ފައިނަލް ކުޅެން ހަމަޖެހިފައި ވަނީ ރަޝިއާގަ އެވެ. ނަމަވެސް ޕޮލެންޑުން ރަޝިއާ ބަލިކޮށްފި ނަމަ ފައިނަލް ކުޅޭނީ ޕޮލެންޑުގަ އެވެ. އަނެއްކޮޅުން ފައިނަލުގައި ވާދަކުރާނީ ސްވިޑެން އާއި ޗެކް ރިޕަބްލިކާ ކުޅެ މޮޅުވާ ޓީމެކެވެ.

ލެވަންޑޯސްކީގެ އިތުރުން ޕޮލެންޑުގެ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ ވެސް ވަނީ ރަޝިއާއިން ޔޫކްރޭނުގައި ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުން ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ޝެޒްނީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އޭނާގެ އަންހެނުންނަކީ ޔޫކްރޭންގެ ރައްޔިތެއް ކަމާއި، ހަމަބުއްދި ހުރިހާ ހިނދަކު ރަޝިއާއާ ދެކޮޅަށް ޕްލޭއޮފް މެޗު ނުކުޅޭނެ ކަމަށެވެ. އަދި ގައުމީ ޓީމަށް ކުޅުމަކީ ކެރިއަރުގައި ލިބޭ އެންމެ ބޮޑު ޝަރަފް ކަމުގައި ވިޔަސް، ގައުމީ ޖޯޒީގައި ދަނޑުމަތީގައި ރަޝިއާގެ ގައުމީ ސަލާން އަޑުއަހަން އޭނާ ދެކޮޅު ކަމަށް ވެސް ޝެޒްނީ އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައިވެ އެވެ.

ކެޕްޓަން ލެވަންޑޯސްކީ އާއި ގޯލްކީޕަރު ޝެޒްނީއާ އެކު ޕޮލެންޑުގެ ގައުމީ ޓީމަށް ކުޅޭ ލީޑްސް ޔުނައިޓެޑްގެ މަޓެއުޒް ކްލިހް އާއި ސައުތެމްޓަން އަށް ކުޅޭ ޑިފެންޑަރު ޔާން ބެނަރެކް އަދި އެސްޓަން ވިލާގެ ޑިފެންޑަރު މެޓީ ކޭޝް ވެސް ވަނީ ރަޝިއާގައި ކުޅެން ހަމަޖެހިފައިވާ ޕްލޭއޮފް މެޗާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. އަދި މި ކުޅުންތެރިން ވަނީ ޔޫކްރޭންގެ ޑައިނަމޯ ކިއޭވް އަށް ކުޅެމުން އަންނަ އެ ގައުމުގެ ޑިފެންޑަރު ތޯމަސް ކޭއިޒޯރާއާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކޭއިޒޯރާ އަދިވެސް ހުރީ ހަނގުރާމަ ހިނގަމުންދާ ޔޫކްރޭނުގަ އެވެ.

ޔޫކްރޭނުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ޒުވާން ފުލްބެކް، މެންޗެސްޓާ ސިޓީއަށް ކުޅޭ އޮލެކްސަންޑްރާ ޒިންޗެންކޯ ވަނީ ދާދި ފަހުން ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ދެކޮޅަށް ބަހުގެ ހޫނު ހަމަލާއެއް ދީފަ އެވެ. އޭނާގެ އިންސްޓަގްރާމުގައި ހިއްސާކުރި ސްޓޯރީއެއްގައި ޕުޓިންގެ ފޮޓޯއަކާ އެކު ލިޔެފައި ވަނީ، "އަހަރެންގެ ގައުމުގެ ހާލަތާ މެދު މުޅި ދުނިޔެ އޮތީ ކަންބޮޑުވެފައި" ކަމަށެވެ. ނަމަވެސް އޭނާގެ ޕޯސްޓް އިންސްޓަގްރާމުން ޑިލީޓް ކޮށްލާފައިވާ ކަމަށް ޒިންޗެންކޯއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ޒިންޗެންކޯގެ ވާހަކަތަކާ ގުޅިގެން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެވަޓަންއާ ދެކޮޅަށް ސިޓީ މިރޭ ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އަދި ގާޑިއޯލާ ބުނީ ޒިންޗެންކޯ ނިސްބަތްވާ ޔޫކްރޭނުގައި ހަނގުރާމަ ހިނގަމުން ދިޔަ ނަމަވެސް އޭނާ ހުރީ މެޗަށް އެންމެ ފުރިހަމައަށް ތައްޔާރު ވެގެން ކަމަށެވެ. އެހެން ނަމަވެސް ޔޫކްރޭންގެ ގައުމީ ޓީމަށް ކުޅޭ، ވެސްޓް ހޭމް ޔުނައިޓެޑްގެ ފޯވާޑް އަންޑްރީ ޔަރްމަލެންކޯ އަށް އެޓީމުގެ ކޯޗު ޑޭވިޑް މޮޔެސް ވަނީ ދުވަސްކޮޅަކަށް ޗުއްޓީ ދީފަ އެވެ.

ހަނގުރާމައާ ގުޅިގެން، ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ޔޫއެފާއިން ވަނީ ރަޝިއާ އާއި ޔޫކްރޭންގެ ގައުމީ ޓީމުތަކާއި ކްލަބް ފުޓުބޯޅަ މެޗުތައް ގައުމުން ބޭރުގައި ކުޅެން އަންގައިފަ އެވެ. އަދި ޔޫއެފާއިން އަންނަނީ އަހަރަކު 30 މިލިއަން ޕައުންޑުގެ ސްޕޮންސާގެ ގޮތުގައި ލިބޭ ރަޝިއާގެ ސަރުކާރު ހިއްސާވާ ގޭސް ކުންފުނި ގޭޒްޕްރޯމް އާ އެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރަން ވިސްނަމުންނެވެ. ޖަރުމަންގެ ކުލަބް ޝާލްކޭގެ މެއިން ސްޕޮންސަރަކީ ވެސް ގޭޒްޕްރޯމް އެވެ. ހަނގުރާމައިގެ ސަބަބުން ޝާލްކޭއިން ވަނީ 2006 ވަނަ އަހަރުން ފެށިގެން އެޓީމުގެ މެއިން ސްޕޮންސަރު ގޮތުގައި އޮތް ގޭޒްޕްރޯމްގެ ލޯގޯ އެޓީމުގެ ޖޯޒީން ފޮހެލަން ނިންމައިފަ އެވެ.

ޝާލްކޭގެ އިތުރުން އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ އެޓީމުގެ ރަސްމީ ޓްރެވަލް ޕާޓްނަރުން ކަމަށްވާ ރަޝިއާގެ ގައުމީ އެއާލައިން އެއަރޯފްލޯޓާ އެކު ހަދާފައިވާ އެއްބަސްވުން ވަގުތުން ބާތިލް ކޮށްފަ އެވެ. ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗަށް އެޓީމު ސްޕެއިން އަށް ދަތުރުކުރަން ވެސް އެ އެއާލައިން ބޭނުން ކޮށްފައެއް ނުވެ އެވެ. އަދި އިނގިރޭސި ސަރުކާރުން ވެސް ވަނީ އެއަރޯފްލޯޓް، އިނގިރޭސިވިލާތަށް އޮޕަރޭޓްކުރުން މަނާކޮށްފަ އެވެ.