26 ފެބުރުއަރީ 2022 - 13:31

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.
އެ ތަކެތި ވިއްކާނީ ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ގަން އެއާޕޯޓުގައި ހުޅުވާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގަ އެވެ. މިއީ ދިވެހި ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން އެ ކުންފުނިން ހުޅުވާ ފިހާރަތަކެކެވެ.
މި ފިހާރަ ހުޅުވަން ނިންމާފައިވަނީ ގަން އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުގަ އެވެ.
އޮތެންޓިކް މޯލްޑިވްސްގެ ފިހާރައިގައި ތަކެތި ވިއްކަން ބޭނުންވާ މީހުންނަށް އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެކަމަށް އެދުމުގެ ފުރުސަތު ލިބޭނެ އެވެ. އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް ހުށެހެޅޭނެ ކަމަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ބުންޏެވެ.
މިއީ އައްޑޫގައި ހުޅުވާ އޮތެންޓިކް މޯލްޑިވްސްގެ ފުރަތަމަ ފިހާރަ އެވެ. މި ފިހާރަ ހުޅުވަން ނިންމާފައިވަނީ އައްޑުއަށް ސްރީލަންކަން އެއާލައިންގެ ދަތުރުތައް ފެށުމާ ގުޅިގެންނެވެ.
އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ އަދި ހުޅުމާލޭގައި ވެސް ވަނީ ހުޅުވައިފަ އެވެ.