26 ފެބުރުއަރީ 2022 - 12:17

ކިއޭވް (ފެބްރުއަރީ 26) - ރަޝިޔާ ސިފައިން ޔުކްރޭނަށް ދޭ ވައިގެ ހަމަލާތަކުން ދިފާއުވުމަށް އެތައް ހާސް ބަޔަކު ދަނީ މެޓްރޯ ސްޓޭޝަންތަކުގެ ބިންގަރާހަށް ވަދެ ހިމާޔަތް ހޯދަމުންނެވެ.

މެޓްރޯ ސްޓޭޝަންތައް ވަނީ އާއްމުންނަށް ހުޅުވާލައިފަ އެވެ. މެޓްރޯ ސްޓޭޝަންތަކުގައި ދަނީ ޓެލެގްރާމް އެޕް ބޭނުންކޮށް އެކި ފަރާތްތަކާ މުއާމަލާތް ކުރަމުންނެވެ. ޓެލެގްރާމް ގްރޫޕެއްގައި މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި މެޓްރޯ ސްޓޭޝަނަށް ހިމާޔަތް ހޯދަން ވަން އަންހެނަކު ވަނީ ވިހައިފަ އެވެ.
ބައެއް މީހުން މެޓްރޯ ސްޓޭޝަނަށް ވަންނަނީ އެ މީހުން ބޭނުންކުރާ މަދު ސާމާނު ކޮޅަކާ އެކު އެވެ. މެޓްރޯގައި ކާބޯތަކެތި ހޯދުން ވަރަށް ދަތި ކަމަށްވެ އެވެ. ނަމަވެސް ބިންގަރާހުގައި ތިބޭ މީހުންނަށް ފެން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައި ކަމަށް ޚަބަރުތައް ބުނެ އެވެ.
ރަޝިޔާގެ ހަމަލާތައް ވަރުގަދަވުމުން ކިއޭވުން އެތައް ބަޔަކު ދަނީ ހިމާޔަތް ހޯދަމުންނެވެ. އދ. އިން ލަފާކުރާ ގޮތުގައި ފަސް މިލިއަން މީހުން ޔޫކްރޭން ދޫކޮށް އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާނެ އެވެ. ޕޮލެންޑުން ބުނެފައި ވަނީ ބުރާސްފަތި ދުވަހުގެ ފަހުން ޔުކްރޭނުގެ 35،000 މީހުން އެ ގައުމަށް އެތެރެވެފައިވާ ކަމަށެވެ.