26 ފެބުރުއަރީ 2022 - 11:45

ކިއޭވް (ފެބްރުއަރީ 26) - ޔުކްރޭނަށް ރަޝިޔާ ސިފައިންދޭ ހަމަލާތަކަށް ދިން ރައްދުގައި ރަޝިޔާގެ 3،500 ސިފައިން މަރާލާފައިވާ ކަމަށް ޔުކްރޭނުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
ޔުކްރޭނުގެ އަސްކަރިއްޔާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި ހަނގުރާމައިގައި ބައިވެރިވާ ސިފައިންގެ ތެރޭން ރަޝިޔާގެ 3،500 ސިފައިން މަރާލުމުގެ އިތުރުން 200 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މީގެ އިތުރުން ރަޝިޔާގެ ހަނގުރާމަތީ 14 ބޯޓާއި އަށް ހެލިކޮޕްޓަރު ވައްޓާލައި އަދި 102 ޓޭންކް ހަލާކުކޮށްލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ހަނގުރާމައިގައި ލިބުނު ގެއްލުމާ ގުޅޭ ގޮތުން ރަޝިޔާ އިން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ރަޝިޔާ ސިފައިން މިހާރު ދަނީ ޔުކްރޭނުގެ ވެރިރަށް ކިއޭވް ހިފުމަށް ހަމަލާ ދެމުންނެވެ. ރަޝިޔާ އިން ވަނީ ޔުކްރޭނުގެ އާއްމުން ނުކުމެ އެ ގައުމުގެ ސަރުކާރު ވައްޓާލުމަށް ގޮވާލައިފަ އެވެ.
އަނެއްކޮޅުން ޔުކްރޭން ސިފައިން އަމާން ދިނުމަށް ގޮވާލާފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ދޮގު ކުރައްވައިފަ އެވެ.
ޔުކްރޭނުގެ ވެރިރަށުގެ މަގުތަކުގައި ހިންގަވަމުން ވަޑައިގަންނަވާ ވީޑިއޯއަކާ އެކު ޒެލެންސްކީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަތިޔާރު ބަހައްޓާ އަމާން ނުދޭނެ ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ގައުމު ދިފާއު ކުރާނެ ކަމަށެވެ.