ޔުކްރޭނުގެ ވެރިރަށް ދިފާއުކުރުމުގައި ކޮމެޑީ ބަތަލަކާއި ބޮކްސިން ޗެމްޕިއަނެއް
ޔުކްރޭނުގެ ވެރިރަށް ދިފާއުކުރުމުގައި ކޮމެޑީ ބަތަލަކާއި ބޮކްސިން ޗެމްޕިއަނެއް

ކިއޭވް (ފެބްރުއަރީ 26) - ޔުކްރޭނުގެ ރައީސްގެ ގޮތުގައި ޓީވީ ސްކްރީންތަކުން ވޮލޮޑިމީރް ޒެލެންސްކީ އާއްމުންނަށް ފެނުނު ގޮތަށް އޭނާ ވަނީ މަޝްހޫރު ކޮމެޑީ ސީރީސްތަކުގައި ވެސް ބަތަލެއްގެ ގޮތުގައި ސްކްރީންތަކުން އާއްމުންނަށް ފެނިފަ އެވެ.

ޔުކްރޭނުގެ ވެރިރަށް ދިފާއުކުރުމުގައި ކޮމެޑީ ބަތަލަކާއި ބޮކްސިން ޗެމްޕިއަނެއް
ޔުކްރޭނުގެ ވެރިރަށް ދިފާއުކުރުމުގައި ކޮމެޑީ ބަތަލަކާއި ބޮކްސިން ޗެމްޕިއަނެއް

އެޕްރީލް 2019 ގައި ޒެލެންސްކީ ވަނީ އާއްމުންގެ ވަރަށް ބޮޑު ތާއީދަކާ އެކު ޔުކްރޭނުގެ ރައީސްކަމުގެ މަގާމު ކަމިޔާބު ކުރައްވައިފަ އެވެ. ވޯޓުގެ 73 ޕަސެންޓް އޭނާ ހޯއްދެވި އެވެ. ޒެލެންސްކީ އަކީ މިހާރު 44 މިލިއަން މީހުން ހިމެނޭ ގައުމުގެ ވެރިޔާ އެވެ. ރަޝިޔާ އިން ދެމުންދާ ހަމަލާތަކުގެ ދިފާއު ރޭވުމުގެ އެންމެ އިސް މޭސްތިރިޔާ އެވެ.

ޒެލެންސްކީ، 44، ވިދާޅުވެފައި ވަނީ ރަޝިޔާ އިން ހަމަލާތައް ކިތަންމެ ވަރުގަދަ ކުރި ނަމަވެސް ގައުމާއި ރައްޔިތުން ދޫކޮށް އޭނާ ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ރަޝިޔާގެ ހަމަލާތަކުގެ މައިގަނޑު އަމާޒަކީ ވެސް އޭނާ ކަމަށް ވިދާޅުވެފައިވެ އެވެ.

ޔުކްރޭނުގެ ރައީސްއެކޭ އެއްގޮތަށް ވެރިރަށް ކިއޭވް ދިފާއު ކުރުމުގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުންނެވީ ވިޓާލީ ކްލިސްޗްކޯ އެވެ. ކިއޭވްގެ މޭޔަރުކަމުގެ މަގާމަށް 2014 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވި ވިޓާލީ އަކީ ކުރިން ހެވީވެއިޓް ބޮކްސިން ޗެމްޕިއަނެކެވެ. ސިފައިންގެ މީހެއްގެ ދަރިއެއް ކަމަށްވާ ވިޓާލީ އާއި އޭނާގެ ކޮއްކޮ އަކީ ވެސް ބޮކްސިން ޗެމްޕިއަނުންނެވެ.

އެ ދެބެން ވެސް ވިދާޅުވަނީ ގައުމު ދިފާއު ކުރަން ހަތިޔާރު ނަގަން ތިބީ ތައްޔާރަށް ކަމަށެވެ.

"ގައުމު ދިފާއު ކުރުން ނޫން އެހެން އިޚްތިޔާރެއް ނެތް. ދުޝްމަނުންނާ ދެކޮޅަށް އަޅުގަނޑު ހަނގުރާމަ ކުރާނަން،" ޓީވީ ޕްރޮގްރާމެެއްގައި ވިޓާލީ ވިދާޅުވި އެވެ.