އިންތިހާބު ލަސްކުރާކަށް ނޭދެން، އެދުނީ ވީއެންމެ އަވަހަކަށް ބާއްވަން: އެމްޑީޕީ
އިންތިހާބު ލަސްކުރާކަށް ނޭދެން، އެދުނީ ވީއެންމެ އަވަހަކަށް ބާއްވަން: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމެޓީއާ އެކު އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި، އިންތިހާބު ލަސްކުރަން އެދިފައި ނުވާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މިއަދު ބުނެފި އެވެ.

އިންތިހާބު ލަސްކުރަން ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ލަފާދީފައިވާ ކަމަށް ބައެއް މީޑީއާތަކުން ބުނެފައިވާތީ، އެމްޑީޕީން ބުނީ އެ ބައްދަލުވުމުގައި ޕާޓީތަކުން އެދުނީ އިންތިހާބު ލަސްކުރާކަށް ނޫން ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ގައުމީ ލަފާ ދޭ ކޮމެޓީ އަށް އެ ޕާޓީން ކަނޑައަޅާފައިވާ މަންދޫބު އަލީ ނިޔާޒް ވިދާޅުވީ ކައުންސިލް އިންތިހާބު ފަސްކުރަން ކުރި ހުކުމުގެ އިސްތިއުނާފް ހައި ކޯޓުގައި އަދިވެސް ނުފަށާތީ ޖެނުއަރީ 14 ގައި އިންތިހާބު ބާއްވަން ހުރަސްތަކެއް އެބަހުރި ކަމަށް އިލެކްޝަނުން މިއަދު ބުނެފައިވާ ކަމަށެވެ. އެހެންވެ، އެމްޑީޕީ އާއި އެހެން ވެސް ޕާޓީތަކުން އެދުނީ، ވީއެންމެ އަވަހަކަށް އިންތިހާބުގެ ތާރީހެއް އިއުލާންކޮށްދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެންނެވީ ޖެނުއަރީ 14 ގައި އިންތިހާބު ނުބޭއްވެންޏާ ދެން އެންމެ އަވަހަށް އިންތިހާބު ބޭއްވޭނެ ތާރީހެއް ވިދާޅުވެދެއްވާށޭ،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް އިން ކަނޑައަޅާފައިވާ މުއްދަތުގައި އިންތިހާބު ބާއްވަން ހައި ކޯޓުން ހުކުމެއް ކޮށްފި ނަމަވެސް ގާނޫނު ބުނާ މުއްދަތުގައި ހުރިހާ ކަމެއް މިހާރު ކުރިއަށް ގެންދަން ހުރަސްތަކެއް ހުރި ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. ސަބަބަކީ، ކެންޑިޑޭޓުންގެ ނަންތައް އިއުލާކޮށް، ކެމްޕޭންކުރަން 28 ދުވަސް ދޭން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މުއްދަތު ނުދެވި، ގާނޫނީ އިތުރު މައްސަލަތަކެއް ދިމާވެދާނެތީ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނެގުމަށް ފަހު އިންތިހާބު އޮންނާނެ ތާރީހެއް އަލުން އިއުލާންކުރަން، ގައުމީ ލަފާ ދޭ ކޮމެޓީން އެދިފައިވާ ކަމަށެވެ. ކޮމިޝަނުގެ ބައްދަލުވުމެއް ބާއްވައި އެކަމަށް ގޮތެއް ނިންމާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ލަސްކުރަން ކުރި ކޯޓުގެ ހުކުމުގައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.