26 ފެބުރުއަރީ 2022 - 00:37

ކިއޭވް (ފެބްރުއަރީ 25) - ޔުކްރޭނުގެ ވެރިރަށް ކިއޭވް ހިފުމަށް ރަޝިޔާ ސިފައިން ހަމަލާ ދޭން ފެށުމާ އެކު ޔުކްރޭނުގެ އާއްމުންނަށް ބަޑި ފޯރުކޮށްދޭން ފަށައިފި އެވެ.

ގައުމު ދިފާއު ކުރާނެ ކަމަށް ބުނެ ވޮލަންޓިއާ ކުރި 18،000 މީހުންނަށް މިހާތަނަށް ވަނީ ބަޑި ހަވާލުކޮށްފަ އެވެ. ޔުކްރޭން ސިފައިންގެ ރިޒާވް ޔުނިޓެއް ކަމަށްވާ ޓެރިޓޯރިއަލް ޑިފެންސް ފޯސްގެ މެންބަރުން ވަނީ ކިއޭވް ދިފާއު ކުރުމަށް ރަޝިޔާ ސިފައިންނާ ކުރިމަތިލުމަށް ފޮނުވައިފަ އެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ކިއޭވުން މިހާރު ވަނީ ބަޑީގެ އަޑުފައްގަނޑު އިވެން ފަށައިފަ އެވެ. ކިއޭވްގެ މޭޔަރު ވިޓާލީ ކްލިޓްސްޗްކޯ ވިދާޅުވީ ވެރިރަށުން ބާރުގަދަ ފަސް ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށެވެ. ބައެއް ގޮވުންތައް ވަނީ ސިޓީގެ އުތުރުގެ ޕަވަ ސްޓޭޝަނެއްގެ ކައިރިން ވެސް އިވިފަ އެވެ.

ރަޝިޔާ ސިފައިން ވަނީ ކިއޭވްގެ ވައިގެ މަރުކަޒެއް ވެސް ހިފާފައި ކަމަށް ޚަބަރުތައް ބުނެ އެވެ.

ޔުކްރޭން ސަރުކާރުން މިހާރު ވަނީ ގައުމު ދިފާއު ކުރުމަށް އެމީހަކަށް ކުރެވުނު ކަމެއް ކުރުމަށް ގޮވާލައިފަ އެވެ. އަދި ޕެޓްރޯލް ބޮން ހެދުމަށް ވެސް ޑިފެންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ ޔުކްރޭނުގެ ސަރުކާރު ވައްޓާލުމަށް އާއްމުން ނުކުތުމަށް ގޮވާލައްވައިފަ އެވެ.