ނެޓްފްލިކްސަށް ފިލްމެއް ހަދަައިގެން ދެ މިލިއަން ޑޮލަރު ލިބިދާނެ
ނެޓްފްލިކްސަށް ފިލްމެއް ހަދަައިގެން ދެ މިލިއަން ޑޮލަރު ލިބިދާނެ

ފިލްމު ހެދުމަށް ޝައުގުވެރިކަން ހުރި އަދި އެ ދާއިރާއިން ކުރިއަށް ނުދެވިފައި ތިބި ފިލްމު އުފެއްދުންތެރިންނަށް ނެޓްފްލިކްސް އިން ދެ މިލިއަން ޑޮލަރުގެ ބަޖެޓެއް ދޭ ހާއްސަ ޕްރޮޖެކްޓެއް ފަށައިފި އެވެ.

ނެޓްފްލިކްސް އިން ބޭނުންވަނީ އާ ފިލްމު އުފެއްދުންތެރިންނަށް ފުރުސަތު ދީ އެމީހުންގެ ހިޔާލުތަކާއި އުފެއްދުންތައް ހަގީގަތަކަށް ހަދާށެވެ. ބޮޑެތި ފިލްމު އުފެއްދުންތެރިންނަށް ވެސް ކުރިއަށް ދެވުނީ ކޮންމެ ވެސް ކަހަލަ އެހީއެއް ލިބިގެން ކަމަށް ނެޓްފްލިކްސް އިން ބުންޏެވެ.

އެއާއެކު އާ ފިލްމު އުފެއްދުންތެރިން ހޯދަން ފެށި ޕްރޮޖެކްޓް އެންމެ ފުރަތަމަ ކުރިއަށް ގެންދަނީ އިނގިރޭސިވިލާތުގަ އެވެ. ފިލްމު އުފައްދަން ބޭނުންވެ، އެ ފުރުސަތު ލިބިފައިނުވާ މީހުންނަށް ބަޖެޓެއް ދީ، އެ މަސައްކަތް ކުރަން ފުރުސަތު ދޭން ނިންމީ ތަފާތު ހިޔާލުތަކާއި ވާހަކަތައް ސްކްރީނަށް ގެނައުމުގެ ވެސް މަގުސަދުގަ އެވެ.

މި ޕްރޮޖެކްޓް އިނގިރޭސިވިލާތުގައި ފެށި ނަމަވެސް ކުރިއަށް އޮތް ތަނުގައި އެހެން ގައުމުތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެހާ ހިސާބުން ނިމުނީ އެއް ނޫނެވެ. ބަޖެޓުގެ އިތުރުން ފިލްމު އުފެއްދުންތެރިންނަސް އިތުރު ތަމްރީން ދިނުމާއި ޕްރޮޖެކްޓް އިތުރަށް ތަރައްގީ ކުރުމަށް އަހަރެއްގެ މުއްދަތުދިނުމަށް ވެސް ނެޓްފްލިކްސް އިން ވަނީ ނިންމައިފަ އެވެ.