ޒުވާން ޝަރޫފް އަށް ދެ ކެޓެގަރީގައި ވެސް ކުރިއެރުން
ޒުވާން ޝަރޫފް އަށް ދެ ކެޓެގަރީގައި ވެސް ކުރިއެރުން

ގައުމީ ސާފިން ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ 2022" ނަމުގައި ގދ. ގައްދޫގައި ކުރިއަށްދާ މުބާރާތުގައި ޒުވާން ޝަރޫފް ޝާއިރު ޖޫނިއާ އަދި ސީނިއާ ކެޓެގަރީން ވެސް އަނެއް ބުރަށް ދަތުރުކޮށްފި އެވެ.

ޒުވާން ޝަރޫފް އަށް ދެ ކެޓެގަރީގައި ވެސް ކުރިއެރުން
ޒުވާން ޝަރޫފް އަށް ދެ ކެޓެގަރީގައި ވެސް ކުރިއެރުން

މާދަމާ ބާއްވާ ރައުންޑް 5 ގައި ޝަރޫފް ވާދަކުރާނީ ހީޓް 6 ގަ އެވެ. އެ ހީޓްގައި އޭނާއާ ވާދަކުރާނީ މުހައްމަދު ފަޔާޒު (ޕެލޭ) އެވެ.

ޝޯޓް ބޯޑްގެ ޖޫނިއާ އަދި ސީނިއާ ކެޓަގެރީގައި ވެސް ޝަޜޫފް، 17، ވާދަ ކުރެ އެެވެ. ސީނިއާ ކެޓަގެރީ ނުވަތަ މެންސް އޯޕަން ބައިގައި އޭނާ މިހާރު ވަނީ ރައުންޑް 5 އަށް ދަތުރުކޮށްފަ އެވެ.

ރައުންޑް 3 ގައި ވާދަކޮށް ތިން ވަނަ ލިބުމުން ޝަރޫފް އަށް ޖެހުނީ ޕްލޭއޮފް ބުރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ރައުންޑް 4 ގައި ވާދަ ކުރާށެވެ.

ރައުންޑް 4 ގެ ހީޓް 1 ން އެއްވަނަ ހޯދައިގެންނެވެ. އެހީޓްގައި ވާދަކޮށް އޭނާ ވަނީ 12.67 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އެއަދަދަށް އޭނާ ސްކޯ ކުރީ ހަތަރު ރާޅުންނެވެ. އޭނާ އެންމެ ގިނައިން ސްކޯ ކުރީ ދެވަނަ ރާޅުގަ އެވެ. އެރާޅުގައި އަޅައި 6.67 ޕޮއިންޓް ސްކޯ ކުރި އެވެ. އެންމެ ފަހު ރާޅުން ވެސް އޭނާ ވަނީ 6.00 ޕޮއިންޓް ސްކޯކޮށްފަ އެވެ. ފުރަތަމަ ރާޅުގައި 4.17 ޕޮއިންޓް ސްކޯ ކުރި އެވެ. ތިންވަނަ ރާޅުގައި 1.90 ޕޮއިންޓް ސްކޯ ކުރި އެވެ.

ހީޓް 1 ގައި އޭނާ އާ ވާދަ ކުރީ އަބްދުﷲ ސާމިހް އާއި މުހައްމަދު އަޝްފާގް އެވެ. ސާމިހް އަށް ހަތަރު ރާޅުން ސްކޯ ކުރެވުނީ 7.57 ޕޮއިންޓެވެ. އަޝްފާގް އަށް ސްކޯ ކުރެވުނީ 6.36 ޕޮއިންޓެވެ.

ރައުންޑް 3 ގެ ހީޓް 1 ގައި ޝަރޫފް ވާދަކުރަން ޖެހުނީ، ގައުމީ ޗެމްޕިއަން ހޫދު އަހްމަދުގެ އިތުރުން އަހްލާމް އަލީ އާ އެވެ. އެ ޙީޓްގައި އެއްވަނަ ހޯދައި ހޫދު ވަނީ ސީދާ ރައުންޑް 5 ން ޖާގަ ކަށަވަރުކޮށްފަ އެވެ.

ޖޫނިއާ ކެޓެގަރީގައި މާދަމާ ޝަރޫފް ވާދަކުރާނީ ރައުްނޑް 3 ގެ ހީޓް 2 ގަ އެވެ. އެހީޓްގައި ކުރިއަރަމުން އަންނަ ޒުވާން ސާފަރު ކަޔާން ހަމްދާން ޒަކީ ވާދަކުރާނެ އެވެ. ދެން އެ ހީޓްގައި ވާދަކުރާނީ ހަސަން މުހައްމަދު އެވެ.

އެ ކެޓެގަރީގެ ރައުންޑް 3 އަށް ޝަރޫފް ދަތުރު ކުރީ ރައުންޑް 1 އެންމެ ގިނަ ޕޮއިންޓް ހޯދި އެތުލީޓްގެ ގޮތުގަ އެވެ. ރައުންޑް 1 ގެ ހީޓް 5 ގައި ވާދަކޮށް ޝަރފް ވަނީ 11.67 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އެއަދަދަށް އޭނާ ސްކޯ ކުރީ ހަތަރު ރާޅުންނެވެ. ދެވަނަ ރާޅުގައި 6.17 ޕޮއިންޓް ސްކޯ ކުރި އެވެ. އެންމެ ފަހު ރާޅުގައި 5.50 ސްކޯ ކުރި އެވެ. ފުރަތަމަ ރާޅުގައި 5.00 ޕޮއިންޓް ސްކޯ ކުރި އެވެ.

އުފަން ރަށް، ކ. ގުރައިދޫގައި ބައްޕަ އާއި ބޭބެއަކާ އެކު ޝަރޫފް ރާޅާ އަޅަން ނުކުތީ އޭނާގެ އުމުރުން 10 އަހަރުގަ އެވެ. އޭނާ އެންމެ ފުރަތަމަ ވާދަކުރި މުބާރަތަކީ މިދިޔަ އަހަރު ބޭއްވި ބާ 2000 ފަރުމަންތާ ޗެލެންޖްގަ އެވެ. އެ މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކޮށް ދެވަނަ ހޯދި އެވެ. ގައުމީ މުބާރާތުގެ ސީނިއާ އަދި ޖޫނިއާ ކެޓަގެރީން ވެސް ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކުރި އެވެ.