ޕްރަތީކް އާއި ނީތީގެ "ނައިނާ މޭރޭ" ބަލާބަލަ!
ޕްރަތީކް އާއި ނީތީގެ "ނައިނާ މޭރޭ" ބަލާބަލަ!

ބިގްބޮސްގެ އެންމެ ފަހު ސީޒަނުން ގިނަ ބައެއްގެ ލޯބި ހޯދި ޕްރަތީކް ސެހަޖްޕަލް ފެންނަ ވީޑިއޯ ލަވަ އިއްޔެ ނެރެފި އެވެ.

ޓީވީ ބަތަލާ ނީތީ ޓޭލާއާ އެކު މި ލަވަ ކުޅުމުގެ ފުރުސަތު ޕްރަތީކަށް ލިބުނުއިރު ބިގްބޮސް 15 އަށް ފަހު އޭނާގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑުވެފަ އެވެ. "ނައިނާ މޭރޭ" ގެ ނަންދީފައިވާ މި ލަވަ އިއްޔެ ރިލީޒްކުރިއިރު މިހާތަނަށް 1.4 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.

އެކްޓަރު އަދި ލަވަކިޔުންތެރިޔާ ސުއްޔަޝް ރާއީގެ އަޑުން ކިޔާފައިވާ އެ ލަވަ ނެރުނީ "އިންޑީ މިއުޒިކް" ލޭބަލް މެދުވެރިކޮށެވެ.

އުމުރުން 28 އަހަރުގެ ޕްރަތީކަކީ އެމްޓީވީން ގެނެސްދިން ރިއަލިޓީ ޝޯތައް ކަމަށްވާ "ލަވް ސްކޫލް" އާއި "އޭސް އޮފް ސްޕޭސް" އިން ވެސް ފެނުނު ތަރިއެކެވެ. އޭނާގެ މަގުބޫލުކަން އިތުރުވީ ބިގް ބޮސްގައި އޭނާ އުޅުނު ގޮތް ގިނަ ބަޔަކަށް ކަމުގޮސްގެންނެވެ. އެ ޝޯގެ ދެ ވަނަ ލިބުނީ އޭނާ އަށެވެ.

ނީތީއަކީ ޓީވީ ޑްރާމާ "ކޭސޭ ޔޭ ޔާރިން" އިން މަގުބޫލުވި ފަންނާނެކެވެ. އެހެން ވެސް ވަރަށް ގިނަ ޝޯތަކުން އޭނާ ފެނިފައިވެ އެވެ.