26 ފެބުރުއަރީ 2022 - 07:24

ސައުތު ކޮރެއާގެ މަޝްހޫރު އެކްޓަރު ލީ މިން ހޯގެ ކުރިއަށް އޮތް ޑްރާމާ ސީރީޒް، "ޕަޗިންކޯ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މިއީ 2020 ވަނަ އަހަރު ނެރުނު، "ދަ ކިންގް: އެޓާނަލް މޮނާކް" އަށް ފަހު ލީ މިން ހޯގެ ފުރަތަމަ ފެނިލުމެވެ.
ޖުމްލަ އަށް އެޕިސޯޑުގެ މި ޑްރާމާއަކީ ކޮރެއާ އަދި އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ މިން ޖިން، ލިޔެފައިވާ "ޕަޗިންކޯ" ފޮތުގެ މައްޗަށް ނެރޭ ޑްރާމާއެކެވެ.
ތާރީހީ މި ޑްރާމާއިން ދައްކައިދޭނީ ކޮރެއާގެ އާއިލާއެއް ޖަޕާނަށް ބަދަލުވެ އެތަނުގައި އުޅެމުން އަންނަނިކޮށް ދިމާވާ ކަންތައްތަކެކެވެ. ލީ މިން ހޯއާ އެކު މި ޑްރާމާގައި އޮސްކާ އެވޯޑް ކާމިޔާބުކުރި ޔުން ޔު ޖުންގް ވެސް ފެންނާނެ އެވެ.
އަންނަ މަހުގެ 25 ގައި ދައްކަން ފަށާ މި ޑްރާމާގެ ޓްރެއިލާ ފަށަނީ ކުޑަކުއްޖަކު ވިހާތަނުންނެވެ. ދެން އިވެނީ އެ ކުއްޖާއަކީ އެ އާއިލާގެ ލެގަސީ ދެމެހެއްޓުމުގެ ޒިންމާ ކޮނޑުގައި އަޅަން ޖެހުނު ކުއްޖާ ކަމަށެވެ. އެކަމަކު އެއާ ހިލާފަށް ދެން ފެންނަނީ ކުއްޖާ ބޮޑުވެ އޭނާގެ ހަޔާތް މުޅިން ބަދަލުވާ މަންޒަރެވެ.
ލޯބީގެ މި ޑްރާމާގައި ބޮޑަށް ދައްކާނީ ނަސްލީ ތަފާތުކުރުމުގެ ވާހަކަތަކެވެ.
ލީ މިން ހޯ ކުޅެނީ ވަރަށް މުއްސަނދި އާއިލާއަކުން އެޑޮޕްޓްކުރާ ކޮރެއާ ކުއްޖެއްގެ ރޯލެވެ.
ޕްރޮމޯއިން ފެންނަ ގޮތުގައި މި ޑްރާމާގައި ހަތަރު ޖެނަރޭޝަނެއް ދައްކާނެ އެވެ.
އެޕަލް ޓީވީ ޕްލަސް އިން މި ޑްރާމާ ސްޓްރީމްކުރަން ހަމަޖެހިފައިވާ އިރު، މި ޑްރާމާ ތިން ބަހަކުން ގެނެސްދޭނެ އެވެ. އެއީ ކޮރެއާ، ޖަޕަނީސް އަދި އިނގިރޭސި ބަހުންނެވެ.