ހަމަލާގެ އަމާޒަކީ އަޅުގަނޑު، ގައުމު ދޫކޮށްނުދާނަން: ޒެލެންސްކީ
ހަމަލާގެ އަމާޒަކީ އަޅުގަނޑު، ގައުމު ދޫކޮށްނުދާނަން: ޒެލެންސްކީ

ކިއޭވް (ފެބްރުއަރީ 25) - ރަޝިޔާ އިން ޔުކްރޭނަށް ދޭ ހަމަލާތަކުގެ މައިގަނޑު އަމާޒަކީ އޭނާ ކަމަށާއި ނަމަވެސް ރަޝިޔާގެ ހަމަލާތަކަށް ބިރުން ގައުމާއި ރައްޔިތުން ދޫކޮށް ނުދާނެ ކަމަށް ޔުކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމާ މުޚާތަބް ކުރައްވައި ޒެލެންސްކީ ދެއްވި ބަޔާނުގައި ވިދާޅުވީ ރަޝިޔާގެ ހަމަލާތަކުގައި މިހާތަނަށް 137 މީހުން މަރުވެފައިވާ ކަމަށާއި 316 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި އާއްމުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ޒެލެންސްކީ ވިދާޅުވީ ރޭ ފަތިހު ރަޝިޔާ އިން ވަނީ ޔުކްރޭނުގެ ވެރިރަށް ކިއޭވް އަށް ވަރަށް ގިނަ މިސައިލްތައް ފޮނުވާލާފައިވާ ކަމަށެވެ. މިސައިލްތަކުގެ އަމާޒަކީ އަސްކަރީ އަދި އާއްމުންގެ އޭރިއާތައް ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިޔާއާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އެކަނި އަޅައިގެން ނުފުދޭނެ ކަމަށާއި އެއަށް ވުރެ އިތުރަށް ވެސް ޔޫރަޕުން ގުޅިގެން ފިޔަވަޅު އެޅުމަށް ޒެލެންސްކީ ގޮވާލެއްވި އެވެ. ރަޝިޔާގެ ހަމަލާތައް ދިފާއު ކުރަން ޖެހިފައި ވަނީ ޔުކްރޭން އެކަނި ކަމަށާއި އެ ގައުމަށް އެހީވުމަށް ގައުމުތަކަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.