25 ފެބުރުއަރީ 2022 - 16:16

ބުޅަލެއް ދަންޖައްސައި މަރައި އަދި ކަރުގައި ވާގަނޑެއް ޖަހައިގެން ދަމާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ މީހުން ރުޅިގަދަވެއްޖެ އެވެ.
މީގެ ދެ ވީޑިއޯއެއް ދައުރުވަމުން ދާއިރު އެއް ވީޑިއޯގައި ފެންނަނީ ބުޅަލުގެ ކަރުގައި ވާ ޖަހައި އެލުވައިގެން ސައިކަލެއްގެ އިން މީހެކެވެ. އޭރު ބުޅަލުގެ އެއްވެސް ހަރަކާތެއް ނެތެވެ. އެގޮތަށް ބުޅާ އެލުވައިގެން ހުރެ އެ މީހާ ކޮންމެވެސް އެއްޗެހިތަކެއް، މަޖާވެފައި ހުރި ރާގެއްގައި ކިޔަ އެވެ. އެކަމަކު ދައްކާ ވާހަކައެއް އެހާ ސާފެއް ނުވެ އެވެ.
އަނެއް ވީޑިއޯގައި ފެންނަނީ ބުޅަލުގެ ކަރުގައި ވާ ޖަހައި ސައިކަލުގައި އައްސައިގެން ބުޅާ ބިންމަތީގައި ދަމަނިކޮށެވެ.
މި ވީޑިއޯއިން ފެންނަ އަނިޔާވެރި މަންޒަރާ ހެދި ޓްވިޓާ އިން މިހާރު ވަނީ އެ ވީޑިއޯ ހިމެނޭ ޓްވީޓް ރިމޫވް ވެސް ކޮށްފަ އެވެ.
މިއީ ކޮން ރަށެއްގައި ކޮން އިރަކު ކޮށްފައިވާ ކަމެއްކަމެއް ނޭނގެ އެވެ.
"ބުޅަލަށް އަނިޔާކުރުމަކީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގޭތީތަ ތި އެއްޗިއްސަށް އަނިޔާކުރަނީ،" ބުޅަލަށް އަނިޔާވެރިވާ ވީޑިއޯގެ ޕޯސްޓަށް މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވެ އެވެ.
މިގޮތަށް އެތައް ބަޔަކު ވަނީ މިކަން ކުރި މީހުންނަށް އަދަބު ދޭންޖެހޭނެ ކަމަށް ބުނެ އެ އަމަލު ކުށްވެރިކޮށް ކޮމެންޓްތައް ކޮށްފަ އެވެ.
ޖަނަވާރަށް އަނިޔާކުރުމަކީ ގާނޫނީ ކުށެކެވެ. ގާނޫނުލްއުގޫބާތުގައި އޮންނަ ގޮތުން އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުން ނުވަތަ އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅާނުލައި ދޫކޮށްލުމަކީ ވެސް ކުށެކެވެ. މި ކުށުން އިސްތިސްނާ ވާނީ ސައިންޓިފިކް ތަހްލީލުކުރުމުގައި އަމަލުކުރެވޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ނުވަތަ ޖަނަވާރަށް ބޭސްފަރުވާކުރުމުގައި އަމަލުކުރެވޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރާ އަމަލުތަކެވެ.
ޖަނަވާރަށް އަނިޔާވެރިވުމުގެ ކުށް ސާބިތުވެއްޖެ ނަމަ ގިނަވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވިދާނެ އެވެ.
ގަވައިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް މަރާލި މައްސަލަ ވެސް މި ފަހުން ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ މައްސަލަ ބެލުމަށް ވެސް އަންގަފައިވަ އެވެ.