25 ފެބުރުއަރީ 2022 - 14:33

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އައިސިސް ޖަމާއަތަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕަގެންޑާ ފެތުރި ދިވެއްސަކީ އެކި ގައުމުތަކަށް އަމާޒުކޮށް އެ ގައުމުތަކުގެ ބަހަށް ލިޔުންތައް ތަރުޖަމާކޮށްގެން ފުޅާ ދާއިރާއެއްގައި އެކަން ކުރަމުން ދިޔަ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު ހައްޔަރުކުރި އުމުރުން 30 އަހަރުގެ މި މިހާއާ ބެހޭ ގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނީ 2015 އިން ފެށިގެން އައިސިސްގެ ޕްރޮޕަގެންޑާ ފަތުރަމުން ދިޔަ މީހާ އެކަން ކޮށްފައިވަނީ ޓެލެގްރާމާއި އެ ނޫން ވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި ކަމަށެވެ. މިކަން ކުރުމުގައި އޭނާ ބޭނުންކޮށްފައިވާ ނަމަކީ ފުލުހުން ބުނި ގޮތުގައި "ސްކާމިޝް" އަދި "ސްކާމިޝް ކިޑް" އެވެ.
ހައްޔަރުކުރި މީހާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ ނަމަކީ ހޫދު މުހައްމަދު ޒާހިރު އެވެ. ހޫދަކީ 2010 ވަނަ އަހަރު ވިލިމާލޭގައި ހަ މީހުންގެ ގްރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ދައުވާ ލިބުނު މީހެކެވެ. އެކަމަކު އެ ދައުވާ ލިބުނު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. މި މައްސަލާގައި ހިމެނުނު ދެ މީހަކީ 2011 ވަނަ އަހަރު ވިލިމާލޭ ޕާކެއްގެ ތެރޭގައި މީހަކު މަރާލި މައްސަލައެއްގައި ވެސް ހިމެނޭ ބައެކެވެ.
"އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް އެ ޖަމާއަތުގެ ލިޔެކިޔުން މީނާ ދައުރުކުރަމުން ގޮސްފައިވެ އެވެ. މިގޮތަށް މީނާ ދައުރުކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔުންތައް ހުންނަނީ އެކި ގައުމުތަކަށް އަމާޒުކޮށް، އެ ގައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައިކަން މިހާތަނަށް ފާހަގަކުރެވިފައިވެ އެވެ." ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި މީނާ ވަނީ ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގުމަށް ގޮވާލައި އެކަމަށް ހިތްވަރުދީ ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ ކަމުގެ ބިރު ދައްކައި އިންޒާރު ވެސް ދީފަ އެވެ. އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސް ވެރިންނާއި އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލާފައިވާ ކޮންޓެންޓް ވެސް މީނާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުކޮށްފައިވާކަން މިހާތަނަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މި މިހާ ހައްޔަރުކޮށްފައިވަނީ ޔޫރަޕިއަން ޔުނިއަންގެ ދެ ގައުމެއްގެ ދެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާ ހައްޔަރުކޯށް، އޭނާގެ ގެ ފާސްކުރި އިރު މައްސަލައާ ގުޅޭ ޑިޖިޓަލް އެވިޑެންސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި މީހާ ހައްޔަރުކޮށްފައިވާ ވިލިމާލެއިންނެވެ. ނަމަވެސް ފުލުހުން މިފަދަ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.