25 ފެބުރުއަރީ 2022 - 14:31

މާތްﷲ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާ ގޮތުގައި ފޮތުގެ އަހުލުވެރިންގެ ތެރެއިން އިހުގެ މީސްތަކުންނާއި އަދި މި އުންމަތުގެ އެންމެންނަށް ވެސް މާތްﷲ އަށް ތަޤުވާވެރިވުމަށް ވަޞިއްޔަތް ކުރައްވަ އެވެ. (އައްނިސާއު 131). އަދި މި ވަސިއްޔަތަކީ މަތިވެރި ރަސޫލުބޭކަލުން ވެސް އެބޭކަލުންގެ ގައުމުގެ މީސްތަކުންނަށް ކުރެއްވި ވަސިއްޔަތެވެ. މިގޮތުން ހޫދުގެފާނާއި، ޞާލިޙުގެފާނާއި، ލޫޠުގެފާނާއި، ޝުޢައިބުގެފާނާއި، މޫސާގެފާނު މި ބޭބޭކަލުންގެ ގައުމުގެ މީހުންނަށް މި ވަސިއްޔަތް ކުރެއްވިކަން އައްޝުޢަރާއު ސޫރަތުން އެނގެ އެވެ. އަދި މި ވަސިއްޔަތަކީ ކީރިތި ނަބިއްޔާ މުޙައްމަދު، ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ވަދާޢުގެ ޚުތުބާގައި ވެސް ވަރަށް ބޮޑަށް ކުރެއްވި އެއް ވަސިއްޔަތެވެ. ކީރިތި ޤުރުއާނުގައި ތަޤުވާގެ ލަފުޒު 258 ފަހަރު ތަކުރާރު ވެފައިވެ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ ފަހަރު އެކަމަށް އަމުރު އައިސްފައިވެ އެވެ. އިސްލާމްދީނުގެ އެންމެހާ ރުކުންތަކުގެ އެންމެ ބޮޑު މަގުސަދަކީ ވެސް ތަޤުވާވެރިކަން ހާސިލު ކުރުމެވެ. އެހެންކަމުން ތަޤުވާވެރިއަކަށްވުމަށް ހަމަ ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. މިގޮތުން ތަޤުވާގެ އަހުލުވެރިއަކަށް ވާނެގޮތް އެންމެ ފުރަތަމަ ދެނެގަންނަން ޖެހެ އެވެ.
ކީރިތި ޤުރުއާނުގައި ތަޤުވާގެ ލަފުޒު ތަފާތު މާނަތަކުގައި އައިސްފައިވެ އެވެ. މިގޮތުން އެއް މާނައަކީ ތައުޙީދާއި އީމާންކަމެވެ. (އަލްފަތުޙު 26 ، އަލްޙުޖުރާތު 3). ދެވަނަ މާނައަކީ އިޚުލާޞްތެރިކަމެވެ. (އަލްޙައްޖު 32). ތިންވަނަ މާނައަކީ އަޅުކަމާއި ކިޔަމަންތެރިކަން އަދާކުރުމުވެ. (އައްޝުޢަރާއު 106، އައްނަޙުލު 2). ހަތަރުވަނަ މާނައަކީ ﷲ އަށް ބިރުވެތިވުމެވެ. (އަލްބަޤަރާ 41). ފަސްވަނަ މާނައަކީ ފާފަތައް ދޫކޮށްލުމެވެ. ނުވަތަ ތައުބާވުމެވެ. (އަލްބަޤަރާ 189). ތަޤުވާގެ ލަފުޒީ މާނައަކީ ރައްކާތެރިވުމެވެ. އެހެންކަމުން ﷲ އަށް ތަޤުވާވެރިވުން ކަމުގައިވާނީ ﷲގެ ކޯފާއާއި އަޒާބުން ރައްކާތެރިވުމެވެ. މި ކަމަށް އޮތް ހަމައެކަނި މަގަކީ ﷲ އަށް އީމާންވެ، ބިރުވެތިވެ، އިޚުލާޞްތެރިކަމާ އެކު އެކަލާނގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވުމެވެ.
ހެޔޮލަފާ ސަލަފުން ތަޤުވާ އަކީ ކޮބައިކަން ބަޔާން ކުރައްވާއިރު ތަފާތު ގޮތްގޮތަށް ވިދާޅުވިއަސް ތަޤުވާގެ މާނަ، މިދެންނެވި މާނައިން ބޭރުވެގެން ނުދެ އެވެ. މިގޮތުން އުބައްޔުބުނު ކަޢުބުގެ އަރިހުން ތަޤުވާއަކީ ކޮބައިތޯ ޢުމަރުގެފާނު ސުވާލު ކުރެއްވުމުން އުބައްޔު ވިދާޅުވީ، ކަށިހުރި މަގަކުން ކަލޭގެފާނު ހިންގަވާ ވަޑައިގަންނަވާނަމަ ހައްދަވާނީ ކިހިނަކުންތޯ އެވެ. ޢުމަރުގެފާނު ވިދާޅުވީ ފައިދޮށް ވަރަށް ރަނގަޅަށް ބަލަމުން ކަށިތަކުން ލިބިދާނެ އަނިޔާއިން ސަލާމަތްވުމަށްޓަކައި ފަހަތަށް ފިޔަވަޅެއް އަޅަން ޖެހުނަސް އަޅަމުން އެކަމަކު ކުރިއަށް ދިއުމެވެ. އުބައްޔު ވިދާޅުވީ ތަޤުވާ އަކީ އެއީ ކަމަށެވެ.
މޫސާ ބިން އަޢުޔުން ވިދާޅުވަނީ، ތަޤުވާވެރިންނަކީ ޙަރާމްގެ ތެރެއަށް ވާޞިލުވެދާނެތީ އެކަމުގެ ބިރުގައި އެބައި މީހުންނަށް ޙަލާލު ވެގެންވާ ކަންކަމުގެ ތެރެއިން ވެސް ބައެއް ކަންކަމާ ދުރުވާ މީހުންނެވެ.
އިބްނުލްޤައްޔިމް ވިދާޅުވާ ގޮތުގައި ތަޤުވާގެ ޙަޤީޤަތަކީ މާތްﷲ އަށް ކިޔަމަންތެރިވުމުގައި އީމާންތެރިކަމާ އެކު، ސަވާބާއި ދަރުމަޔަށް އެދި، އެކަލާނގެ އަމުރުފުޅުތަކާއި ނަހީތަކަށް ބޯލަނބާ ޙާލު ކިޔަމަންތެރިކަން އަދާކުރުމެވެ. ޠަލްޤު ބުނު ޙަބީބު ވިދާޅުވަނީ "ތަޤުވާއަކީ މާތްﷲގެ ޙަޟްރަތުން ލިބޭ އަލިކަމެއްގެ މަތީ ތިބާ ހުރެ، އެކަލާނގެ ދަރުމައަށް އުންމީދުކުރާ ހާލު، އެކަލާނގެއަށް ތިބާ ކިޔަމަންތެރިކަން އަދާކުރުމެވެ. އަދި މާތްﷲގެ ޙަޟްރަތުން ލިބޭ އަލިކަމެއްގެ މަތީ ތިބާ ހުރެ، އެކަލާނގެ އަޒާބަށް ބިރުވެތިވާ ހާލު، އެކަލާނގެއަށް ތިބާ އުރެދުން ދޫކޮށްލުމެވެ." ޢަލީގެފާނު ވިދާޅުވާ ގޮތުގައި ތަޤުވާ އަކީ "ޖަލީލުވަންތަ އިލާހަށް ބިރުވެތިވެ، ބާވައިލެއްވުނު ފޮތަށް ޢަމަލުކޮށް، ލިބޭ މަދު އެތިކޮޅަށް ރުހިގެން، މަރުވާނެ ދުވަހަށް ތައްޔާރުވުމެވެ."
މި ބަސްފުޅުތަކުގެ ތެރެއިން ޢަލީގެފާނު ވިދާޅުވެފައިވާ ބަސްފުޅަށް ބަލާލައިފި ނަމަ ތަޤުވާގެ އަހުލުވެރިއަކަށް ވުމަށްޓަކައި ކުރަން ޖެހޭ އެންމެ ފުރަތަމަ ކަމަކީ ﷲ އަށް ބިރުވެތިވުމެވެ. ﷲ އަށް ބިރުވެތި ވުމަކީ ހަގީގަތުގައި ތަޤުވާގެ ފެށުމެވެ. މިކަން މުހިންމުވާ ސަބަބަކީ ﷲގެ ކޯފާއާއި އަޒާބުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި އިންސާނާއަށް ލިބޭ ގެއްލުމާއި ބަދުނަސީބުން ސަލާމަތް ވުމަށްޓަކައި ﷲ މުރާޤަބާ ކުރަން ޖެހޭ އިރު ބިރުވެތިވުން ނެތްނަމަ އެކަން ހާސިލު ނުކުރެވޭނެތީ އެވެ. ﷲ އަށް ބިރުވެތިވާނަމަ ﷲ މުރާޤަބާ ކުރާނެ އެވެ. މުރާޤަބާ ކުރުމަކީ ތިބާގެ އެންމެހާ އަމަލުތައް ﷲ ބައްލަވާ ވޮޑިގެންވާނެކަން ދަނެ، ތިބާ ވެސް ﷲގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވުމުގައި ފާރަވެރި ވުމެވެ. ﷲ ގެ މުރާޤަބާ ތިބާގެ މައްޗަށް އޮންނަކަން އިހުސާސް ކުރެވޭނަމަ ސިއްރުގައި ވިއަސް ކުށެއް ކުރާކަށް ނުކެރޭނެ އެވެ. އަބަދުވެސް އެކަލާނގެއަށް އިޚުލާސްތެރިވާނެ އެވެ. އަބަދުވެސް އެކަލާނގެއަށް ބިރުވެތިވާނެ އެވެ.
ޢަލީގެފާނުގެ ބަސްފުޅަށް ބަލާއިރު ތަޤުވާވެރިވުމަށްޓަކައި ދެވަނައަށް ކުރަން ޖެހޭ ކަމަކީ ބާވާލެއްވި ފޮތަށް އަމަލު ކުރުމެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ކީރިތި ޤުރުއާނަކީ މުސްލިމުންނަށް ލިބިގެންވާ ހިދާޔަތަކާއި އަލިކަމެކެވެ. ދުނިޔެއާއި އާޚިރަތުގެ އެންމެހާ ކަންކަން އިސްލާހުގެ މަގުން ގެންދިއުމަށް ބޭނުންވާ އެންމެހާ އަމުރުތަކާއި ނަހީތައް އެފޮތުގައި ބަޔާންވެގެންވާ ފޮތެކެވެ. ރޭގަނޑުގެ އަނދިރިކަން ފަދަ ނުރައްކާތެރި ފިތުނަތައް ފަހު ޒަމާނުގައި އަންނަ ހިނދު އެއިން ރައްކާތެރިކަން ހޯދަން އޮތް މަގެއް ކަމުގައި ކީރިތި ރަސޫލާ ބަޔާން ކުރައްވަނީ ކީރިތި ޤުރުއާނަށް ޢަމަލު ކުރުމެވެ. އެހެނީ އެ ފޮތަކީ ޙައްޤާއި ބާޠިލު ވަކިކުރަނިވި ފޮތެވެ. އަދި އެފޮތަކީ ﷲ އާ ކުއްތަން ކުރުވަނިވި ގަދަފަދަ ވަސީލަތެކެވެ. އަދި އެއީ ޙިކުމަތްތެރި ބަސްފުޅުތަކެވެ. އަދި އެއީ ސީދާވެގެންވާ ތެދުމަގެވެ. އެހެންކަމުން އެ ފޮތުގައިވާ ގޮތަށް ބުނެފި މީހާއީ ތެދުބަސް ބުނާމީހެކެވެ. އެފޮތުގައިވާ ގޮތަށް ޢަމަލުކޮށްފި މީހާއީ ދަރުމަ އާއި ޘަވާބު ހައްގުވެއްޖެ މީހެކެވެ. އެ ފޮތުގައި ވާގޮތަށް ޙުކުމްކޮށް ނިޔާ ކަނޑައަޅައިފި މީހަކީ ޢަދުލުވެރި ވެއްޖެ މީހެކެވެ. އަދި އެފޮތުގައިވާގޮތަށް ޢަމަލުކުރުމަށް (މީސްތަކުންނަށް) ގޮވާލާމީހާއީ ތެދުމަގަށް މަގުލިބިފައިވާ މީހެކެވެ. (އައްތިރުމިޛީ).
ޢަލީގެފާނުގެ ބަސްފުޅުގައި ދެން ހިމެނޭ އަނެއް ކަމަކީ ކިތަންމެ މަދުމިންވަރެއް ލިބުނަސް އެއަށް ރުހުމެވެ. އިންސާނާއަށް އޮތީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލައި އިޖުތިހާދު ކުރުމަށް ފަހު ﷲ އަށް ވަކީލުކޮށް އެގޮތަކަށް އަމަލު ކުރުމެވެ. ނަތީޖާ މާތްﷲ އަށް ދޫކޮށްލުމެވެ. އެއަށްފަހު ނަތީޖާ ހަމަ ކޮންމެ ގޮތަކަށް އައި ނަމަވެސް އެގޮތަކަށް ރުހުމެވެ. ރުޅި އިސްކުރުމާއި ޝުކުރުވެރި ނުވުމާއި ބޮޑާވުމާއި ކިބުރުވެރިވުން ފަދަ ކަންކަމަކީ ތަޤުވާވެރިކަމާ ޚިލާފު ކަންކަމެވެ. ތަޤުވާވެރިވުމަށްޓަކައި ދެން ކުރަން ޖެހޭ ކަމަކީ މަރުވާނެ ދުވަހަށް ތައްޔާރު ވުމެވެ. މި ދުވަހަށް ތައްޔާރު ވެވޭނެ އެންމެ މޮޅު ގޮތަކީ އަބަދުވެސް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވެގެން ހުރުމެވެ. އަމުރުފުޅުތަކަށް ކިޔަމަންވުމުގައި ބަލަން ޖެހޭނީ ހަމައެކަނި ފަރުޟު ނުވަތަ ވާޖިބު ކަންތަކަށް އެކަންޏެއް ނޫނެވެ. ސުންނަތްތަކާއި މުސްތަހައްބު ކަންތައްތަކުގެ އިތުރުން ތަޠައްވުޢު ކަންކަމަށް ވެސް ސަމާލުކަން ދޭން ޖެހޭނެ އެވެ. ހަމައެފަދައިން ނަހީތަކުން ދުރުހެލިވުމުގައި ބަލަން ޖެހޭނީ ޙަރާމް ކަންތަކަށް އެކަންޏެއް ނޫނެވެ. މަކްރޫހަކަންތަކާއި ކުރުން އެދެވިގެންނުވާ ކަންކަމުގެ އިތުރުން މުރުއްވަތްތެރިކަން ގެއްލޭފަދަ އާދައިގެ ކަންކަމުންވެސް ދުރުހެލިވެވޭތޯ ސަމާލުކަން ދޭންވާނެ އެވެ.
މި އިޝާރާތް ކުރެވުނު ކަންކަން ފުރިހަމަ ކުރެވޭ އިރު ތަޤުވާރިއެއްގެ ކިބައިގައި ހުންނަން ޖެހޭ އީމާންކަމާއި އަޚުލާގީ ސިފަތައް ވެސް ހުންނާނީ ފުރިހަމަވެފަ އެވެ. ކީރިތި ޤުރުއާނުގައި މީގެ ވަރަށްގިނަ ސިފަތައް ވަނީ ފާހަގަ ކޮށްފަ އެވެ. މިގޮތުން އެންމެ ފުރަތަމަ ކަމަކީ ޣައިބަށް އީމާންވުމެވެ. ޣައިބުގެ ތެރޭގައި ﷲ އަށާއި މަލާއިކަތުންނަށާއި އާޚިރަތް ދުވަހަށާއި މިންވަރަށް އީމާންވުން ހިމެނެ އެވެ. އަދި ފޮތްތަކަށާއި ނަބީބޭކަލުންނަށް އީމާންވުމަކީ ވެސް ތަޤުވާވެރިންގެ ސިފައެކެވެ. އަނެއް މުހިންމު ސިފައަކީ ނަމާދު ގާއިމު ކުރުމާއި ޒަކާތްދިނުމާއި މުދަލަށް ކިތަންމެ ލޯތްބެއް އޮތަސް އެމުދަލުން ގާތްތިމާގެ މީހުންނާއި ޔަތީމުންނާއި މިސްކީނުންނާއި ދަތުރުމަތީ ހާލުގައި ޖެހޭ މީހުންނާއި އަޅުން މިނިވަންކުރުމަށް ހޭދަ ކުރުމެވެ. އަދި އަހުދުތަކަށް ވަފާތެރިވުމާއި ދަތިހާލަތްތަކަށް ކެތްތެރިވުމާއި އަބަދުވެސް ތެދުވެރިން ކަމުގައި ވުމެވެ. މިކަންކަން އަލްބަޤަރާ ސޫރަތުގެ 1-4 އަށް އޮންނަ އާޔަތްތަކާއި އަދި 177 ވަނަ އާޔަތުން އެނގެ އެވެ. އާލް ޢިމްރާން ސޫރަތުގެ 15 އިން 17 އަށް ބަލައިލާއިރު ތަޤުވާވެރިންގެ އިތުރު އެހެން ސިފަތަކެއް ބަޔާން ވެފައިވާތަން ފެނެ އެވެ. އެއީ ފާފަ ފުއްސެވުމަށާއި ނަރަކައިގެ އަޒާބުން މިންޖުވުމަށް އެދި ދުއާ ކުރުމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމާއި ހާރުދަމުގައި އިސްތިޣުފާރު ކުރުމެވެ.
ރުޅި ކޮންޓްރޯލު ކުރުމާއި މީސްތަކުންނަށް މައާފު ކޮށްދިނުމާއި އިހުސާންތެރިވުމާއި، ފާޙިޝް އަމަލެއް ކުރެވިއްޖެ ނަމަ ވަގުތުން ﷲ ހަނދުމަކޮށް އެކަމަށް ތައުބާވެ އިސްތިޣުފާރުކޮށް އެކުށް ދެވަނަ ފަހަރަކަށް ތަކުރާރުކުރަން ނޫޅުން ވެސް މިއީ ތަގުވާވެރިންގެ ސިފަތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. (އާލް ޢިމްރާން 133-135). އަދި އެހެން އާޔަތްތަކުން އެނގޭ ގޮތުގައި އަދުލުވެރިވުމާއި، ﷲ އަށާއި އާޚިރަތުގެ އަޒާބަށް ބިރުވެތިވުމާއި ރޭއަޅުކަން ކުރުމާއި ﷲގެ ޝަޢާއިރުތަކަށް (އެބަހީ ހައްޖާއި އެނޫންވެސް އަޅުކަންތައްތައް ކުރާއިރު އޭގައި ހިމެނިގެންވާ އެންމެހާ ކަންކަމަށް) މާތްކޮށް ހިތުމަކީ ވެސް ތަޤުވާވެރިކަމުގެ ސިފަތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ.
އެހެންކަމުން ތަޤުވާވެރިއަކަށް ވާން ބޭނުންނަމަ ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ މި ސިފަތައް އެމީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ އެވެ. އަދި މީގެ އިތުރުން ވެސް ﷲގެ ކޯފާއާއި އަޒާބުން ރައްކާތެރިކަން ހޯދުމަށް ބޭނުންވާ އެންމެހާ ކަންކަން ތަޤުވާވެރިވާން ބޭނުންނަމަ ކުރަން ޖެހޭނެ އެވެ.